އޮމިކްރޯން އެންމެ ފުރަތަމަ ފެނުނު ދެކުނު އެފްރިކާގެ ރައީސް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަމަފޮސާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި މިވަގުތު ހުންނެވީ އެކަހެރިވެވަޑައިގެން ކަމަށް އެގައުމުގެ ސަރުކާރުން ބުނެއެވެ.

ރައީސްގެ ކިބައިން ފެންނަމުންދަނީ އާދައިގެ އަލާމާތްތައް ކަމަށާއި އެގައުމުގެ މިލިޓަރީ ހެލްތު ސާވިސްއިން ރައީސްގެ ހާލުކޮޅު ގާތުން ބަލަމުން އަންނަ ކަމުގައިވެސް ސަރުކާރުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

އުމުރުފުޅުން 69 އަހަރުގެ ރަމަފޮސާ ހުންނެވީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރައްވައިގެންނެވެ. ސަރުކާރުން ނެރުނު ބަޔާނުގައި ރައީސަށް ޖެހުނީ އޮމިކްރޯން ވޭރިއަންޓް ކަން ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ ހަފުތާގައި ރައީސް ރަމަފޮސާ ވަނީ ހުޅަނގު އެފްރިކާގެ ހަތަރު ގައުމަކަށް ރަސްމީ ދަތުރުފުޅުތަކެއް ކުރައްވާފައެވެ. މި ދަތުރުފުޅުތަކުގައި ރައީސް ރަމަފޮސާ އަދި އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަފުދުގެ ބޭފުޅުން ވަނީ ދަތުރުކުރެއްވި ގައުމުތަކުގައި ކޮވިޑަށް ޓެސްޓުކުރެވިފައެވެ. އޭގެތެރެއިން ބައެއް ބޭފުޅުން ޕޮޒިޓިވްވުމާއެކު ވަނީ ވަގުތުން ގައުމަށް އެނބުރި ދަތުރުކުރައްވައިފައެވެ. ރައީސް އަދި ދެން ތިއްބެވި ވަފުދުގެ ބޭފުޅުން ނެގެޓިވް ވުމާއެކު ވަނީ ދަތުރުތައް ކުރިއަށް ގެންދަވައިފައެވެ. އެންމެފަހުގެ ދަތުރުފުޅު ސެނެގާލްއަށް ކުރެއްވުމަށްފަހު ރައީސް އަދި ވަފުދު އެނބުރި ވަޑައިގެންފައިވަނީ ޑިސެމްބަރު 8 ވަނަ ދުވަހުގައެވެ.

ރައީސް ރަމަފޮސާ ޕޮޒިޓިވް ވުމާއެކު ގާތުން ބައްދަލުވި އެންމެން ކޮވިޑަށް ޓެސްޓުކުރުމަށް ވަނީ އެންގިފައެވެ. އަދި ބަލީގައި ބޮޑުވަރުވުމުންނާއި އެނދުމަތި ކުރަން ޖެހޭ ހާލަތަކަށް ދިއުމުން ދިފާއުކޮށްދިނުމުގައި ވެކްސިން މުހިއްމު ކަމަށާއި ވީހާވެސް ގިނަބަޔަކު ވެކްސިން ޖެހުމަށް އެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.