ބްލޮގަރު ޔާމީން ރަޝީދުގެ ދައްތަ، އާމިނަތު ރަޝީދު ފުލުހުންގެ ވަޒީފާއިން ވަކިކުރީ ރަނގަޅަ ކަމަށް ސިވިލް ކޯޓުން މިދިޔަ ބުދަ ދުވަހު ހުކުމްކޮށްފިއެވެ.

ފުލުހުންގެ އެސިސްޓެންޓު ޑިރެކްޓަރެއްގެ މަގާމުގައި ހުރި އާމިނަތު ފުލުހުންގެ ވަޒީފާއިން ވަކިކުރީ 16 އޮގަސްޓް 2017 ވަނަ ދުވަހުއެވެ. އާމިނަތު ވަކިކުރީ ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން މަރުވި ޔާމީނަށް، އިންސާފު ހޯދަން ގޮވާލައި ބޭއްވި ހިނގާލުމެއްގައި އޭނާ ބައިވެރިވި މައްސަލައިގައެވެ.

ފުލުހުން ޑިސިޕިލިނަރީ ބޯޑުން އެ މައްސަލަ ބެލުމަށްފަހު ނިންމީ ޔާމީނަށް އިންސާފު ހޯދުމަށް ގޮވާލާއި ބޭއްވި ހިނގާލުމަކީ ގާނޫނާ ހިލާފަށް ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.

ފުލުހުންގެ ވަޒީފާއިން ވަކިކުރި މައްސަލަ އާމިނަތު ވަނީ 4 ނޮވެމްބަރު 2020ގައި ސިވިލް ކޯޓަށް ހުށަހަޅައިފައެވެ.

އެ މައްސަލަ ބެލުމަށްފަހު އެ ކޯޓުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމުގައި ބުނީ، އާމިނަތު ވަޒީފާއިން ވަކިކޮށްފައި ވަނީ ރަނގަޅަށް ކަމަށެވެ. ސިވިލް ކޯޓުން އެގޮތަށް ހުކުމްކުރީ ގާނޫނާ ހިލާފަށް ކުރިއަށް ގެންދިޔަ އެ އެއްވުމުގައި ބައިވެރިވި ކަމަށް އާމިނަތު އިއުތިރާފުވެފައިވާތީއެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައި އިތުރަށް ބުނީ، އާމިނަތުގެ ފަރާތުން އެދުނު 444،111.14 ރުފިޔާވެސް ނަގައިދޭން ނުޖެހޭނެ ކަމަށެވެ. އާމިނަތުގެ ފަރާތުން އެ އަދަދަށް ފައިސާ ނަގައިދޭން އެދުނީ ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ކޯޓުން އެ މައްސަލަ ނިމޭ ތާރީހަށް ހައްގުވާ މުސާރާއާއި އިނާޔަތް ކަމަށް ބުނެއެވެ.