އއ. ފެރިދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް އެމްޑަބްލިޔުއެސްސީން ފަށައިފި އެވެ.
މިއަދު ފެރިދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއު ފައްޓަވައި ދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ. އެ ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ ބޯޑު މެންބަރުން އިބްރާހީމް އަންވަރާއި ރައްޔިތުންގެ މަޖިލީހުގެ މަތިވެރީ ދާއިރާގެ މެންބަރު ހަސަން ޒަރީރާއި ފެރިދޫ ކައުންސިލުގެ ރައީސް އިސްމާއީލް ޝާހު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ފެން ކުންފުނިން ބުނީ އެ މަޝްރޫއަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު އެރަށަށް ގެންގޮސްފައި ކަމަށާއި، ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. ފެންޕްލާންޓު ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމުގެ 35 ޕަސަންޓު މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތުގެ ދަށުން އެރަށުގައި 6.77 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމުކުރުމާއި، އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓު ބެހެއްޓުމާއ،ި ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓުމުގެ މަސައްކަތް ކުރާނެ ކަމަށް އެކުންފުނިން ބުންޏެވެ. އަދި ގޭގޭގައި ފެން މީޓަރު ބަހައްޓައި، ފެނުގެ ކަނެކަޝަން ގުޅައިދީ، އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެ ކަމަށްވެސް ފެން ކުންފުނިން ބުންޏެވެ.
އެ މަޝްރޫއުގައި ހިމެނޭ ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން އެރަށުގައި 5.05 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ގާއިމުކުރުމާއި، 1.07 ކިލޯމީޓަރުގެ ޕަންޕިން ލައިން އެޅުމާއި ތިން ޕަންޕިން ސްޓޭޝަނާއި އެއް ސީ އައުޓްފްލޯއެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވިގެން ދާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
އޭގެ އިތުރުން، އެރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލުކުރުމަށް ބޭނުންވާ ސާމާނުވެސް އެ މަޝްރޫއުގެ ދަށުން ފޯރުކޮށްދޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
ހައުންސިން އެންޑް ޕްލޭނިން މިނިސްޓްރީން މި މަޝްރޫއު އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައި ވަނީ 69.33 މިލިއަން ރުފިޔާ އަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު