މަސްވެރިންގެ ދުވަހާ ގުޅުވައިގެން ހަތަރު ރަށެއްގައި ގާއިމުކޮށްފައިވާ އައިސްޕްލާންޓްތައް ހުޅުވައިފިއެވެ.
އައިސްޕްލާންޓްތައް ހުޅުވާފައިވަނީ މަސްވެރިންގެ ދުވަސް ފާހަގަކުރަމުން އަންނަ ކ. ގާފަރާއި ރ. މަޑުއްވަރީ އާއި ހއ. ހޯރަފުށީގެ އިތުރުން ފެލިވަރުގައެވެ.
ގާފަރުގައި ގާއިމުކުރި 25 ޓަނުގެ އައިސްޕްލާންޓް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
މަޑުއްވަރީގައި ގާއިމުކުރި 25 ޓަނުގެ އައިސްޕްލާންޓް ހުޅުވައިދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާއެވެ. ހޯރަފުށީގައި އަމިއްލަ ފަރާތެއްގެ އެހީތެރިކަމާއެކު ގާއިމުކުރި 25 ޓަނުގެ އައިސްޕްލާންޓް ހުޅުވައިދެއްވީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމެވެ. ފެލިވަރުގައި ސަރުކާރުން ގާއިމުކުރި 50 ޓަނުގެ އައިސްޕްލާންޓް ހުޅުވައިދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.
ގާފަރު އައިސްޕްލާންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ރާއްޖޭގައި ދުވާލަކަށް އުފެއްދެނީ 1،600 ޓަނުގެ އައިސް ކަމަށެވެ.
ނަމަވެސް މި ސަރުކާރުން މިހާތަނަށް އިތުރު 100 ޓަނުގެ އައިސް އުފެއްދޭނެ ގާބިލުކަން އިތުރުކޮށްފައިވާ ކަމަށާއި މިއަދު ހުޅުވިގެންދާ އައިސްޕްލާންޓްތަކާއެކު އެ އަދަދު 225 ޓަނަށް އިތުރުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ހުސައިން ރަޝީދު އިތުރަށް ވިދާޅުވީ ވަރަށް އަވަހަށް އެހެން އައިސްޕްލާންޓްތައްވެސް ގާއިމުކުރެވިގެންދާނެ ކަމަށާއި އެގޮތުން ފ. ފީއަލީގައި ގާއިމުކުރާ އައިސްޕްލާންޓް 40 ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު