ޅ. ފެލިވަރު ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީން މިއަދު ބުނީ ފެލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ކަޓާ ސަކްޝަން ޑްރެޖާ، ޖައްރާފާ ދޭއް ބޭނުންކޮށްގެން އިއްޔެ އެރަށު ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށާފައި ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ހަ ހެކްޓަރުގެ ބިން ހިއްކުމާއި 229,663.36 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި 220 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި 148 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 270 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެ ދެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 113.3 މިލިއަން ރުފިޔާއަށެވެ. ފެލިވަރުގެ ބިން ހިއްކައި ބޮޑެތި ބޯޓު ކައިރި ކުރެވޭ ގޮތަށް އެއްގަމުތޮށި ޑިޒައިންކޮށް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ.

އެ މަޝްރޫއަކީ 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ބޭނުމަކީ ބަނދަރަކާއެކު ކޯލްޑް ސްޓޯރޭޖްގެ ވަސީލަތްތައް ފެލިވަރުގައި ފުޅާކުރުމަށް ބޭނުންވާ ބިން ހިއްކުން ކަމަށް އެމްޓީސީސީން ވަނީ މީގެ ކުރިް ބުނެފައެވެ.