ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ)އަށް ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފިއެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު މިއަދު "ވަން"އަށް ވިދާޅުވީ، އެ މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލީ ބައެއް ކަންކަން އިސްލާހުކުރުމަށް ކަމަށެވެ.

އިސްލާހުކުރަން ފޮނުވީ ކޮން ކަންތައްތަކެއް ކަމެއް އަދި އެކަމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއްވެސް އޭނާ ނުދެއްވައެވެ. އެ މައުލޫމާތު ހޯދުމަށް އޭސީސީގެ މީޑިއާ އޮފިޝަލަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި 11 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް އެންމެ ފުރަތަމަ ހުށަހެޅީ 4 އޮކްޓޫބަރު 2020 ގައެވެ. ނަމަވެސް އެފަހަރުވެސް ބައެއް ކަންކަން ފުރިހަމަ ކުރުމަށް އަންގައި، އެ މައްސަލަ އަނބުރާ ފޮނުވާލިއެވެ.

އޭސީސީގެ ފަރާތުން އެ މައްސަލަ ޕީޖީ އޮފީހަށް ދެން ފޮނުވީ ހުސްވި ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. ޕީޖީ އޮފީހުން އިސްލާހުކުރަން އެންގި ކަންކަން އިސްލާހުކުރުމަށްފަހު އޭސީސީން އެފަހަރު ހުށަހެޅީ، މައްސަލައިގައި ތުހުމަތު ކުރެވޭ 11 މީހުންނަށް އިތުރު ދައުވާތަކެއްވެސް ކޮށްދިނުމަށް އެދިއެވެ.

  • މިނިސްޓާ އޮފް ހެލްތު އަބުދުﷲ އަމީން
  • ޑެޕިޔުޓީ މިނިސްޓަރ، ނިޝާމާ މުހައްމަދު
  • ޑެޕިއުޓީ މިނިސްޓަރ، ޝިޔާމާ މުހައްމަދު،
  • ޑިރެކްޓަރ، ނައުޝާދު އަލީ
  • ޑިރެކްޓަރ (ފައިނޭންސް އެގްޒެކްޓިވް) އަހުމަދު އަސްލަމް
  • ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، ޢަބްދުﷲ ޝަރީފް
  • އެސިސްޓެންޓް ޑިރެކްޓަރ ފާތިމަތު ލިމްޔާ
  • އެސިސްޓެންޓް ޑައިރެކްޓަރ އަބްދުﷲ ހަފީޒް
  • ލީގަލް އޮފިސަރު އަލީ ޝިހާމް
  • އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސައިން ނިޔާޒް
  • ބިޑް ކޮމިޓީގެ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އާމިނަތު ޝައުފާ