މާލެ ސަރަހައްދުގައި ސިފައިންގެ މީހަކު ރަހީނުކޮށް، އޭނާއަށް އަނިޔާކުރި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މާލޭގެ މަގުމަތިން ސިފައިންގެ މީހަކު ރަހީނުކޮށް، އަނިޔާކުރުމަށްފަހު މަގުމައްޗަށް އެއްލާލައިފައިވާ މައްސަލަ ފެންމަތިވެފައި ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ.

ފުލުހުން މިއަދު ބުނީ، މާލެ ސަރަހައްދުގައި ސިފައިންގެ މީހަކަށް އަނިޔާކުރި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ދިވެހި ތިން ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ އުމުރުން 18 އަހަރުގެ މީހަކާއި، 21 އަހަރުގެ މީހެއްގެ އިތުރުން، އުމުރުން 29 އަހަރުގެ މީހެއް ކަަމަށްވެސް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން މި މައްސަލައާ ގުޅިގެން ވިލިމާލޭގެ ގެސްޓް ހައުސްއެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި އަދި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.

މި އަމަލު ކުށްވެރިކޮށް އެމްއެންޑީއެފުން އޭރު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްޓާފް ސާޖަންޓް ހަސަން ފަހީމް ރަހީނުކޮށް، ބޮޑެތި ޒަހަމްތަކެއް ދީފައިވާތީ، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެރޭގެ އަނިޔާވެރި ހަމަލާ ދިނުމުގައި ބައިވެރިވި ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި ނުރައްކަލުގެ ތެރެއަށް ހުށަހެޅުމަށް އެއްވެސް މީހަކަށް ޖާގަ ދެވިގެން ނުވާނެ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަދި ސިފައިންނަށް އަމާޒުކޮށްގެން ދޭ މިފަދަ ފިނޑި ހަމަލާއަކުން ގައުމީ ހިދުމަތުގައި ސިފައިން ކުރަމުން އަންނަ އެއްވެސް މަސައްކަތަކަށް ލޮޅުމެއް ނާރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ކުރިން ބުނީ، އެ މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު, ސިފައިންގެ މީހާ ރަހީނުކޮށްފައިވަނީ މާލެއިން ކަމަށް ނުބެލެވޭ ކަމަށެވެ.

ފުލުހުން ބުނީ އެކަން ހިނގާފައިވަނީ ސިފައިންގެ މީހާގެ އަމިއްލަ ދިރިއުޅުމާ ގުޅުންހުރި ޒާތީ ކަމެއްގެ ތެރެއިންކަމަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުން ބެލެވޭ ކަމަށާއި ސިފައިންގެ މީހަކަށް ވާތީ ކޮށްފައިވާ އަނިޔާއެއްކަމަށް ބެލެވޭނެ އެއްވެސް މައުލޫމާތެއް މިހާތަނަށް ތަހުގީގަށް ލިބިފައެއް ނުވާ ކަމަށެވެ.

މައުލޫމާތު އެނގޭ މީހަކު "ވަން" އަށް ކިޔައިދިން ގޮތުގައި، ފައިސާ ހޯދުމަށް އެ މީހާ ރަހީނުކުރީ މާފަންނު އޭސް ހާޑްވެއާ ކައިރިން ދަނިކޮށް ކަމަށާއި ފައިސާ ނުދިނުމުން އަނިޔާކޮށް ރަހީނުކުރި ކަމަށާއި އިރު އަރަންދެން އެގޮތަށް އަނިޔާކުރި ކަމަށެވެ. އެނގިފައިވާ ގޮތުގައި ސިފައިންގެ މީހާއަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވެއެވެ. އަދި އެމީހާގެ ބުރަކަށްޓާއި މޫނުގައި ގިނަ ޒަހަމްތަކެއް ހުރިކަން އެނގިފައިވެއެވެ.