ހދ. ވައިކަރަދޫ ގެއެއްގައި، ގޭސް ލީކުވެފައި ހުއްޓައި އުނދުން ޖެއްސުމުން އަލިފާން ރޯވެ މީހަކު ފިހިއްޖެ އެވެ.
ވައިކަރަދޫ ކައުންސިލް ރައީސް އިބްރާހިމް ޒާމިރު "ވަން" އަށް މިއަދު ވިދާޅުވީ އެރަށުގައި ހުންނަ އެ އަތޮޅު، އަތޮޅު މަދަރުސާގައި އިނގިރޭސި ޓީޗަރަކަށް މަސައްކަތްކުރާ އިންޑިއާ މީހަކު ދިރިއުޅޭ ގޭގެ ބަދިގޭގައި އުޅެނިކޮށް ފިހިފައިވާ ކަމަށެވެ.
ހާދިސާ ހިނގައި ދިޔަ ގޮތް ހިއްސާކުރުަމުން ޒާމިރު ވިދާޅުވީ، ރޭގެ ވަގުތެއްގައި އެމީހާ ބަދިގޭގައި ކައްކަން އުޅެފައި ގޭސް ލީކުވާ ގޮތަށް އުނދުން ޖެއްސިފައި ހުރިކަން މިއަދު ހެނދުނު އޭނާ އަށް ފާހަގަވެގެން އެ ބަންދުކުރަން އުޅުމުގެ ތެރޭގައި އުނދުން ރޯވެ އަލިފާން ރޯވީ ކަމަށެވެ.
ޒާމިރު ވިދާޅުވީ އެމީހާގެ މޫނާއި އަތް ވަރަށް ބޮޑަށް ފިހިފައިވާ ކަމަށެވެ.
"އަޅުގަނޑު ދިޔަ އިރު އެމީހާ ހޮސްޕިޓަލަށް ގެންގޮސްފި. އޭރު ބަދިގޭގެ ދޮރު އޮތް ވަރަށް ދުރަށް ވިއްސައިގެން ގޮސްފަ. އެކަމަކު އަލިފާން ރޯވި ކަމުގެ އެއްވެސް ނިޝާނެއް އޭރަކު ނެތް. އެކަމަކު އެމްއެންޑީއެފް ބޭފުޅުންވެސް ވަޑައިގެން ވިދާޅުވީ ގޭސް ލީކުވެފަ ހުއްޓާ އުނދުން ރޯކުރީމަ ހުޅުގަނޑު ފަޅައިގެން މޫނަށް އަރާފާނެޔޭ. ޢެގޮތަށް ވެގެން ކަންނޭނގެ ގައިގަ އެ ރޯވީ." އޭނާ ވިދާޅުވި އެވެ.
ވައިކަރަދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ ފިހިގެން ބިދޭސީ އަކު ގެންދިޔަ ކަމަށެވެ. އަދި އިތުރު ފަރުވާ އަށް އޭނާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަށް ފޮނުވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް އޭނާގެ ހަށިގަނޑުން ފިހުނީ ކިތައް ޕަސެންޓު ކަމެއް ބުނަން ނޭނގޭ ކަމަށްވެސް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ. ނަމަވެސް އެ ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ދާވޫދު ވަނީ ވައިކަރަދޫ އިން ފިހިގެން މީހަކު އެ ހޮސްޕިޓަލަށް ގެންދިޔަ ކަން "ވަން" އަށް ޔަގީން ކޮށްދީފަ އެވެ.
މިހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު