އިޓަލިއަން ސެރެއާ އޭގައި ރޭ އޭސީ މިލާނުން ކުޅުނު މެޗު އެޓީމުން ކާމިޔާބު ކުރި އިރު، އިންޓަ މިލާން ކައިރީ ޖޯސޭ މޮރީނިއޯގެ ރޯމާއަށް ބޮޑު ބައްޔަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
އޭސީ މިލާނުން ރޭ ސެލާނީޓަނާއާ ދެކޮޅަށް ކުޅުނު މެޗު 2-0 އިން ކާމިޔާބު ކޮށްފައިވާ އިރު، އެޓީމުން ވަނީ ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ. އެޓީމަށް 16 މެޗުން 38 ޕޮއިންޓް ލިބިފައިވާ އިރު، މިވަގުތު ދެވަނައިގައި އޮތް އިންޓަ މިލާނަށް 16 މެޗުން ލިބިފައި ވަނީ 37 ޕޮއިންޓެވެ. ރޭގެ މެޗުތައް ފެށިއިރު އެއްވަނައިގައި އޮތް ނަޕޯލީއަށް 16 މެޗުން 36 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު މިހާރު ވަނީ ތިންވަނައަށް ސޮއްސާލައިފައެވެ. އެއީ ރޭ ނަޕޯލީން އެޓަލާންޓާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމުންނެވެ.
ރޭ އޭސީ މިލާނުން ކުޅުނު މެޗުގައި ޑެންމާކުގެ ކެޕްޓަން، ޑިފެންޑަރު ސިމޮން ކެއާއަށް ލިބުނު އަނިޔާއަށް ހާއްސަ ޓްރިބިއުޓެއް ދީފައިވެއެވެ. ނަމޫނާ ކެޕްޓަން ކެއާގެ ކަކުލަށް ބޮޑު އަނިޔާއެއް ލިބި އޭނާއަށް ސީޒަންގެ ބާކީބައި ގެއްލިފައިވާ އިރު، އޭސީ މިލާންގެ ގޯލް ޖެހުމަށްފަހު އެލެކްސިސް ސޭލްސްމޭކާ ވަނީ ކެއާގެ ޖާޒީއެއް ސަޕޯޓަރުންނަށް ދައްކާލައިފައެވެ.
އޭސީ މިލާނުން މެޗުގައި ޖެހި އަނެއް ގޯލް އެޓީމަށް ޖަހައިދިނީ ފްރޭންކް ކެސީއެވެ.
ވާދަވެރި އިންޓަ މިލާނުން ރޭ ކުޅުނު މެޗުގައި ރޯމާގެ މައްޗަށް ކުރިހޯދީ 3-0ގެ ނަތީޖާއަކުންނެވެ.
އެންމެފަހުން ކުޅުނު 15 މެޗުގެ ތެރެއިން ފަސް މެޗުގައި ރޯމާ ބަލިވެފައިވާ އިރު، އެޓީމު ވަނީ ތާވަލުގެ ފަސްވަނައަށް ވެއްޓިފައެވެ. ރޭގެ ބައްޔަކީ މޮރީނިއޯ ކެރިއަރުގައި ކުރިމަތިވި އެންމެ ހިތްދަތި އެއް ބައްޔެވެ. މީގެ ކުރިން މޮރީނިއޯގެ ކޯޗުކަމުގައި ޓީމަކުން 3-0 އިން ބަލިވި ހަމައެކަނި މެޗަކީ އޯގަސްޓް 2018 ވަނަ އަހަރު ޔުނައިޓެޑުން ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުންވި ބައްޔެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފްގައި އިންޓަ މިލާނުން ތިން ގޯލް ޖެހިއެވެ. އިންޓަ މިލާންގެ ގޯލްތައް ޖަހައިދިނީ ހަކާން ޗަލަނޯލޫގެ އިތުރުން އެޑިން ޖެކޯ އަދި ޑެންޒިލް ޑެމްފްރީސް އެވެ.
ރޭގެ މެޗުން ބަލިވުމުން މޮރީނިއޯ ވަނީ އެކަމުގެ ނުރުހުން ޕޯސްޓް މެޗު ޕްރެސްގައިވެސް ފާޅުކޮށްފައެވެ. މޮރީނިއޯ ބުނެފައި ވަނީ މީޑިއާގައި ފާޑު ކިޔަން ފަސޭހަވާނެ ކަމަށާއި، އެހެން ނަމަވެސް ކޯޗުކަން ކުރުމަކީ ނޫސްވެރިން ހީކުރާ ކަހަލަ ފަސޭހަކަމެއް ނޫން ކަމަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު