ހުޅުމާލެ، ސެންޓްރަލް ޕާކުގައި ކްލިކް ކޮލެޖުން އިއްޔެ ހަވީރު 4:00 އިން 6:00 އަށް ބޭއްވި ހަރަކާތެއްގައި ނަސާރާ ދީނުގެ ހަރަކާތެއް ކުރިއަށްގެންދިޔަ ކަމަށް ބުނާ މައްސަލައެއް ރައްޔިތުންގެ އިއްތިހާދުން ފުލުހަށް ހުށަހަޅައިފިއެވެ.
ކްލިކް ކޮލެޖްސް ސަޕޯޓް އެންޑް އެކްސަސައިޒް ދަރިވަރުންގެ ފަރާތުން ކުރިއަށްގެންދިޔަ ކިޑްސް ސްޕޯޓްސް ފެސްޓިވަލުގައި ނަސާރާ ދީން ޕްރޮމޯޓުކޮށް، ލަވަ ޖަހަމުން ދިޔަ ވީޑިއޯތައް ސޯޝަލް މީޑީއާގައި ވަނީ އާންމުވެފައެވެ.
މިކަމާ ގުޅިގެން ރައްޔިތުންގެ އިއްތިހާދުން ފުލުހުންނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މިކަމަކީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރާ ގާނޫނުގެ ދަށުން، އެ ގާނޫނު ތަންފީޒު ކުރުމަށް ހަދާފައިވާ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގަވާއިދުގައި ދީނީ ތަގުރީރު ކުރުމާއި ދީނީ ވާހަކަ ދެއްކުމުގައި އިސްލާމީ ވަހުދަތު ދެމެހެއްޓުމުގެ ނުކުތާއާ ހިލާފު ބޮޑު ކުށެއް ކަމަށެވެ.
އެހެންކަމުން ކްލިކް ކޮލެޖުގެ މި ހަރަކާތުގެ މައްސަލަ ބަލައިދިނުމުގައި ގާނޫނީގޮތުން ޒިންމާވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި އެފަރާތްތަކުގެ މައްޗަށް ދައުވާ އުފުލުމުގެ އެންމެހައި ކަންކަން ނިންމައިދިނުމަށް އެދޭ ކަމަށެވެ.
މި މައްސަލަ ފުލުސް އޮފީހުން ބަލައިގަތް ކަމެއް ނުވަތަ ނޫން ކަމެއް އަދި ވަނީ ސާފުވާ ގޮތެއް ނުވެފައެވެ. މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ އެފަދަ މައްސަލައެއް ހުށަހެޅިތޯ ޗެކް ކޮށްލާނެ ކަމަށެވެ.
މިކަމާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުންތައް ކުލިކް ކޮލެޖަށް އަމާޒުވުމުން އެ ކޮލެޖުން ކުރި ޓުވީޓެއްގައި ބުނީ މިއީ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށާއި އެ ލަވަ ޖެހުނީ އޮޅުމަކުން ކަމަށެވެ. އަދި އެ ލަވަ ޖެހުނުކަން ސައުންޑާ ހަވާލުވެގެން ތިބި މީހުންނަށް އެންގުމުން ލަވަ ބަދަލުކޮށްފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު