ޔޫއެންޑަބްލިޔުޓީއޯގެ 24 ވަނަ ޖެނެރަލް އެސެމްބްލީގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

ސްޕެއިންގެ ވެރިރަށް މެޑްރިޑްގައި ކުރިއަށްގެންދިޔަ މި އެސެމްބްލީގައި ދުނިޔޭގެ ފަތުރުވެރިކަމަށް މިހާރު ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މެންބަރު ގައުމުތަކުގެ މެދުގައި މަޝްވަރާކޮށްފައިވެއެވެ.

ކުރިއަށް އޮތް ތަނުގައިވެސް ކޮވިޑްގެ ތަފާތު ވޭރިއަންޓްތައް ފެނުން އެކަށީގެންވާ ކަމާއި ފެންނަ ވޭރިއަންޓްތަކާ ގުޅިގެން ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމުގެ ބަދަލުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ފަތުރުވެރިކަން ކުރިއަށް ގެންދިޔުމުގެ މުހިއްމުކަން މި އެސެމްބްލީގައި ގިނަ މެންބަރުން ފާހަގަކޮށްފައިވެއެވެ.

މި އެސެމްބްލީގެ ޕްލިނަރީ ސެޝަންތަކުގައި ޔޫއެންޑަބްލިޔުޓީއޯގެ މިހާރުގެ ސެކްރެޓަރީ ޖެނެރަލް ޒުރާބް ޕޮލަލިކަޝްވީލި އިތުރު ހަތަރު އަހަރުގެ ދައުރަކަށް ސިއްރު ވޯޓަކުން އިންތިހާބު ކުރިއެވެ. އަދި މިދިޔަ މޭ މަހުގެ 26 ވަނަ ދުވަހު ސައުދި އަރަބިއްޔާގެ ރިޔާދުގައި ހުޅުވި އޫއެންޑަބްލިޔުޓީއޯގެ އޮފީހަކީ މިޑްލް އީސްޓްގެ އެ ޖަމިއްޔާގެ ރީޖަނަލް އޮފީހުގެ ގޮތުގައި ވަނީ ނިންމާފައެވެ.

ޖެނެރަލް އެސެމްބްލީގައި "ބިލްޑިން ފޯ ދަ ފިއުޗާ އިނޮވޭޝަން، އެޑިއުކޭޝަން އެންޑް ރޫރަލް ޑިވޮލޮޕްމަންޓް"ގެ ނަމުގައި ބޭއްވި ތީމެޓިކް ސެޝަންގައި ޔޫއެންޑަބްލިޔުޓީއޯގެ ސެކްރެޓަރީ ޖެނެރަލްއާ ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުالله މައުސޫމްގެ އިތުރުން އެހެން ގައުމުތަކުގެ މިނިސްޓަރުން ބައިވެރިވެވަޑައިގަތެވެ.

އެ ސެޝަންގައި ކޮމިއުނިޓީ ބޭސްޑް ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި ޒުވާނުންނަށް ފަތުރުވެރިކަމުގެ ރޮނގުން ކުރިއަށް ދިޔުމަށް ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކާފައިވެއެވެ.

ޔޫއެންޑަބްލިޔުޓީއޯގެ ޖެނެރަލް އެސެމްބްލީ ދެން އޮންނާނީ 2023 ވަނަ އަހަރު، އުޒްބަކިސްތާނުގައެވެ.