ދުނިޔޭގެ އެންމެ މަގުބޫލު އެއް ޑުރާމާ ސީރީސް ކަމަށްވާ ނެޓްފްލިކްސްގެ ''މަނީ ހެއިސްޓް''ގެ އެންމެ ފަހު ބައި މިވަނީ މިއަދު ބެލުންތެރިންނާ ހަމައަށް އައިސްފައެވެ.

ސްޕެނިޝް ޑުރާމާ ސީރީސް ''މަނީ ހެއިސްޓް'' ނެޓްފްލިކްސްގައި ޕްރިމިއާ ކުރި ހިސާބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ މި ސީރީސްއަށް ބޮޑު މަގުބޫލުކަމެއް ލިބިފައެވެ. އަދި މިއަހަރަކީ އެ ސީރީސްގެ އެންމެ ފަހު ސީޒަންއާއެކު ބައްދަލުކުރާނެ އަހަރުކަން އިއުލާނުކުރުމާއެކު ގިނަ ބަޔަކު ދިޔައީ އެކަމާ ހިތާމަކުރަމުންނެވެ.

މަނީ ހެއިސްޓްގެ ފަސްވަނަ ސީޒަން ބެލުންތެރިންނާ ހަމައަށް ދެ ބަޔަކަށް ބަހާލައިގެން ގެނެސްދިނުމަށް ނިންމައި ފުރަތަމަ ބައި ވަނީ ސެޕްޓެމްބަރު ތިންވަނަ ދުވަހު ނެޓްފްލިކްސްއަށް ދޫކޮށްލައިފައެވެ. އަދި ދެވަނަ ބައި ރާއްޖެ ގަޑިން މިއަދު މެންދުރު 1.00 ގައި ވަނީ ނެޓްފްލިކްސްގައި ޕްރިމިއާ ކޮށްފައެވެ.

މި ސީޒަންގެ ފުރަތަމަ ބައި ނިމިގެން ގޮސްފައިވަނީ ޓޮކިޔޯ މަރުވާ ހިސާބުންނެވެ. ޓޮކިޔޯގެ މަރުގެ އަސަރު ޕްރޮފެސަރު ސާޖިއޯއަށް ވުރެ ބޮޑަށް ޝޯގެ ބެލުންތެރިންނަށް ވަނީ ކުރުވައިފައެވެ. ދެވަނަ ބައިގައި ޓޮކިޔޯގެ މަރަށްފަހު ހިނގާ ކަންތައްތައް ދައްކުވައިދޭ އިރު، ޓޮކިޔޯގެ މަރާ ގުޅިގެން ފޭނުންނަށް ކުރިމަތިކުރުވި ގިނަ ސުވާލުތަކަކަށް މި ބައިގައި ޖަވާބު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މަނީ ހެއިސްޓްގެ ކޮންމެ ތަންކޮޅަކީވެސް ނޭވާ ހިފަހައްޓާލަންޖެހޭ ވަގުތުކޮޅަކަށް ވެގެންދެއެވެ. ދިވެހިންގެ މެދުގައިވެސް މަގުބޫލު މަނީ ހެއިސްޓް ބެލުމަށް ދެވިހިފާފައިވާ މީހުންނަށް މިއަދަކީ ވަރަށް ހާއްސަ އަދި އެހާމެ ދެރަވާނެ ދުވަހަކަށް ވާނެކަމީވެސް ޝައްކެތް އޮތް ކަމެއް ނޫނެވެ. ކުރިއަށް އޮތީ މަނީ ހެއިސްޓްގެ މައުލޫއު ވައިގަ ހިފާނެ ދުވަސްކޮޅެކެވެ. ތިޔައީ މަނީ ހެއިސްޓް ފޭނެއް ނޫން ނަމަވެސް ކުރިއަށް އޮތީ ގޭތެރެއިންނާއި ކޮފީމޭޒުތަކުން އަދި އޮފީސްތަކުން މިޝޯއަށް އިންސާފުކޮށް ދައްކާ ވާހަކަތައް އަޑުއެހުމެވެ.