އިންޑިއާގެ މަޝްހޫރު އެކްޓަރު ރަޖްނީކާންތު މުހިންމު ރޯލެއް ކުޅެފައިވާ ފިލްމު "ޖެއިލާ 2" އަށް ދުނިޔޭގެ ބޮކްސް އޮފީހުގައި 700 ކްރޯޑް ރުޕީސަށް ވުރެ ބޮޑު އާމްދަނީއެއް ލިބި، ތަމަޅަ ސިނަމާގެ ތާރީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަށް ވެއްޖެ އެވެ. ހިންދުސްތާން ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ނެލްސަން ދިލިޕްކުމާރު ޑައިރެކްޓުކޮށްފައިވާ މި ފިލްމު ރިލީޒްކުރިތާ 11 ދުވަހުގެ ތެރޭގައި 710 ކްރޯޑް ރުޕީސް ހޯދައި، ކޮލީވުޑްގައި 700 ކްރޯޑް ރުޕީސްގެ އަދަދު ހުރަސްކުރި ފުރަތަމަ ފިލްމަށް ވަނީ ވެފައެވެ. މީގެ ތެރޭގައި ބައިނަލްއަގުވާމީ މާކެޓުން ލިބުނު 25.6 މިލިއަން ޑޮލަރު ހިމެނެއެވެ.
މި އާމްދަނީއާ އެކު، 2018 ވަނަ އަހަރު ނުކުތް ރަޖްނީކާންތުގެ "ޓޫ ޕޮއިންޓް ޒީރޯ" އިން 691 ކްރޯޑް ރުޕީސް ހޯދައިގެން 8 އަހަރު ވަާންދެން ދަމަހައްޓަމުން އައި ރެކޯޑު ވަނީ މުގުރާލެވިފައެވެ. މީގެ ކުރިން 9 ދުވަހުގެ ތެރޭގައި 628 ކްރޯޑް ރުޕީސް ހޯދައިގެން، އެ ފިލްމުގެ ފުރަތަމަ ބަޔަށް ލިބުނު 604 ކްރޯޑް ރުޕީސްގެ އާމްދަނީ ވެސް ފަހަނައަޅައި ގޮސްފައިވާ ކަމަށް ހިންދުސްތާން ޓައިމްސްގައި ބަޔާންކޮށްފައިވެއެވެ.
ނަމަވެސް، ފިލްމުގެ އާމްދަނީއާ ގުޅޭ ރަސްމީ އަދަދުތައް އުފެއްދުންތެރިންގެ ފަރާތުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ. އެގޮތުން އެކި މަސްދަރުތަކުން އާންމުކޮށްފައިވާ އަންދާޒާތަކުގައި ފަރަގުތަކެއް ހުރިކަން ފާހަގަކުރެވެއެވެ.
އިކޮނޮމިކް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، 11 ވަނަ ދުވަހުގެ ނިޔަލަށް ފިލްމަށް ޖުމްލަ 710.35 ކްރޯޑް ރުޕީސް ލިބިފައިވެއެވެ. އެއާއި ހިލާފަށް، ބޮކްސް އޮފީސް ހިސާބުތައް ބަލަހައްޓާ ސެކްނިލްކްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އާދީއްތަ ދުވަހު ފިލްމުގެ 11 ވަނަ ދުވަސް ނިމުނުއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖުމްލަ ލިބިފައިވަނީ 691 ކްރޯޑް ރުޕީސްއެވެ. ސެކްނިލްކުން ހާމަކޮށްފައިވާ ގޮތުގައި، އޭގެ ތެރޭގައި ހިމެނެނީ އިންޑިއާއިން ލިބުނު 466.85 ކްރޯޑް ރުޕީސްގެ ގްރޮސް އާމްދަނީއެވެ.
ބަންގްލަދޭޝް
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް