އޯލެވެލްގެ އިސްލާމް ފޮތުގައި، ދަރިވަރުންނަށް ފަސޭހައިން މާނަ ދެނެގަންނަން ނޭނގޭ ފަދަ އުނދަގޫ ބަސްތައް ބޭނުންކޮށްފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މެންބަރު ރޮޒައިނާ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޯލެވެލްގެ އިސްލާމް ފޮތް ތައްޔާރުކޮށްފައި އޮތީ ކުދީންނަށް އިސްލާމް ދަސްކޮށްދޭންތޯ ނުވަތަ ރަދީފުގައި ހުރި ބޮޑެތި ދިވެހިބަސް ދަސްކޮށްދެންތޯ ސުވާލު އުފެދޭކަމަށެވެ. އެ ބަސްތަކަކީ އުމުރާ ނުބައްދަލު ބަސްތަކެއް ކަމަށާއި، އެ ބަސްތައް ކިޔައިގެން ފޮތުގައި ލިޔެފައިވާ އެއްޗެއް ކުދިންނަށް ދޭހަ ނުވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެ ކުދިން ވާނުވާ ނޭނގި ތިބެ ފޮތުގައިވާ އެއްޗެއް ހިތުދަސްކުރާ ކަމަށެވެ.
އޯލެވެލްގެ އިސްލާމް ފޮތުގައިވާ ބައެއް ބަސްތައް ހިއްސާކުރައްވައި، އެ ބަސްތަކުގެ މާނަ އެނގެނީ ކިތައް ބޭފުޅުންނަށްތޯ މެންބަރު ރޮޒައިނާ ވަނީ ސުވާލު ކުރައްވާފައެވެ. އަދި މާއްދާއެއް ދަސްކޮށްދޭއިރު ދަސްކޮށްދޭން ބޭނުންވާ ކޮންސެޕްޓް ވީހާވެސް ފަސޭހައިން އާދައިގެ ބަހަކުން ކުދިންނަށް ވިސްނޭ ފަދަ ގޮތަކަށް ކިޔަވައިދިނުމަކީ އެންމެ މުހިއްމު އެއްކަންތައް ކަމަށް ފާހަގަކުރައްވާފައިވެއެވެ.
އޭގެ އިތުރުން 16 އަހަރު ނުވާ ކުދީންނަށް ޔުނިވާސިޓީ ލެވެލްގައި ކިޔަވާ މީހުން ބޭނުން ކުރާ ބަސްތައް ބޭނުން ކޮށްގެން ކިޔައިދިނުމުން އެ ކުދިންގެ ސިކުނޑިއަށް ބުރަވާނެ ކަމަށާއި ކުދިންނަށް އެންމެ ފަސޭހައިން އެނގޭނެ ފަދަ ގޮތަކަށް އާދައިގެ ބަހަކުން ބުނެވެން އޮންނަ ވާހަކައެއް ދުވަހަކުވެސް އަޑު ނާހާ ބަސްތައް ބޭނުންކޮށްގެން ލިޔުމުގެ ބޭނުމެއް ނުފެންނަ ކަމަށް ވަނީ ވިދާޅުވެފައެވެ.
ފޮތްތައް ތައްޔާރުކުރާ ބޭފުޅުންނަށް އެނގޭހާ ބަސްތައް ފޮތްތައް އެކުލަވާލާއިރު ބޭނުން ނުކޮށް، ކުޑަ ކުދިންނަށް ވިސްނޭނެ ގޮތަށް ފޮތް ތައްޔާރުކުރުމަށް ރޮޒޭނާ އެދިވަޑައިގެންފައިވެއެވެ. ހަމަ އެހެންމެ އިސްލާމް ފޮތުގައި ކޮންޓެންޓް ވެސް މާ ގިނަ ކަމަށާއި ޓެސްޓް އަންނައިރުވެސް ފޮތުގައިވާ ހުރިހާ އެއްޗެއް ކިޔަވައި ނުދެވޭ ކަމަށް ރޮޒެއިނާ ވަނީ ފާހަގަކުރައްވާފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު