އަހަރީ ފީ ދައްކާފައިނުވާ 3900 އަށްވުރެ ގިނަ ކުންފުނި އުވާލަން އިކޮނޮމިކް މިނިސްޓްރީން މިއަދު އިއުލާނުކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ ކުންފުނި އުވައިލުމަށް ރަޖިސްޓްރާ އޮފް ކޮމްޕެނީޒް ކަނޑައަޅައި، އުވައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދެވަނަ މާއްދާގެ ދަށުން އަހަރީ ފީ ދައްކާފައިނުވާތީ 3967 ކުންފުނި އުވާލަން ނިންމާފައިވާ ކަމަށެވެ.
އުވާލަން ނިންމާފައިވާ ލިސްޓުގައި ޗެނަލް 13 ހިންގާ ކުންފުނި، މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑާއި ހަވީރު މީޑިއާ ގްރޫޕާއި ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ކުންފުނި، އާރްއައިއެކްސް ޕްރައިވެޓް ލިމިޓެޑް އަދި ދި އެފްއެމް ހިންގި ކުންފުނި މޯލްޑިވްސް މީޑިއާ ހިމެނެއެވެ.
މިނިސްޓްރީން ބުނީ ލިސްޓުގައި ހިމެނޭ އެއްވެސް ކުންފުންޏެއް ހިންގުމަށް ބޭނުންވާ ނަމަ، އެކުންފުންޏަކުން ފުރިހަމަކުރަންޖެހޭ އެންމެހާ އިލްތިމާޒްތައް ފުރިހަމަ ކުރުމަށްފަހު، 31 ޖެނުއަރީގެ ކުރިން ލިޔެކިޔުންތަކާ އެކު ކުންފުނި ހިންގަން ބޭނުންވާކަން އަންގައި، މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް އެދޭ ކަމަށެވެ.
މިނިސްޓްރީން ބުނީ ލިސްޓުގައިވާ އެއްވެސް ކުންފުންޏެއްގެ މައްޗަށް އެއްވެސް ދަރަންޏެއް ނުވަތަ ދައުވާއެއް އޮތްނަމަ ނުވަތަ އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ދަރަންޏެއް ނުވަތަ އެއްވެސް ފަރާތަކުން ހުށަހަޅާ ދައުވާއެއް އޮތްނަމަ، އެކަމާގުޅޭ ތަފުސީލުތައްވެސް 31 ޖެނުއަރީގެ ކުރިން ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް އެދޭ ކަމަށެވެ. މި މުއްދަތުގެ ތެރޭގައި ތަފުސީލު ހުށަހަޅާފައިނުވާނަމަ، ދަރަންޏެއް ނުވަތަ ދައުވާއެއް ނެތް ކަމަށް ބަލާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު