އެމެރިކާގެ ހައި ސުކޫލެއްގައި އަނެއްކާވެސް ބަޑީގެ ހަމަލާއެއް ދީ ދަރިވަރުންތަކެއް މަރާލައިފި އެވެ.
މިޝިގަންގެ އޮކްސްފޯޑް ހައިސްކޫލުގައި މި ހަމަލާ ދީފައިވަނީ 15 އަހަރުގެ ދަރިވަރެކެވެ. އިއްޔެ ހިނގި މި ހާދިސާގައި 3 ދަރިވަރުން މަރާލައި 8 ދަރިވަރަކު ޒަހަމުކޮށްލުމަށްފަހު މި ޖަރީމާ ހިންގި ދަރިވަރު ވަނީ ފުލުހުންނަށް އަމާންދީފައެވެ.
މި ހާދިސާގައި މަރުވެފައިވަނީ 16 އަހަރުގެ ފިރިހެން ކުއްޖަކާއި، 14 އަހަރު އަދި 17 އަހަރުގެ ދެ އަންހެން ކުދިން ކަމަށް އޯކްލޭންޑް ކައުންޓީ ޝެރިފްގެ އޮފީހުން ވަނީ މައުލޫމާތު ދީފައެވެ. ޓީޗަރަކު ހިމެނޭހެން ޒަހަމުވި އަށް މީހުންގެ ތެރެއިން 6 މީހެއްގެ ހާލަތު ރަނގަޅު ކަމަށާއި ދެ މީހެއްގެ ސާޖަރީ ކުރާން ޖެހުނު ކަމަށް ވެސް ބުނެފައިވެއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ހަމަލާ ދިން ކުއްޖާ ގެންދެވިފައިވާއިރު މި ހަމަލާ ދީފައިވާ ސަބަބު އަދި މީޑިއާއިން ރިޕޯޓުކޮށްފައެއް ނުވެއެވެ. ފުލުހުން ހައްޔަރުކުރުމުގައި އެ ދަރިވަރު ގަދަ ދައްކާފައި ނުވާ ކަމަށާއި ވަކީލެއް ބޭނުންވާ ކަމަށް ބުނިކަމަށް ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނެއެވެ.
އަންޑާ ޝެރިފް މައިކަލް މެކަބީ ރިޕޯޓަރުންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވާ ގޮތުގައި ހާދިސާ ހިނގިތާ ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ސަރަހައްދަށް ގޮސް ހަމަލާ ދިން ކުއްޖާ ހައްޔަރުކޮށްފައިވެއެވެ. ހަމަލާ ދިން ދަރިވަރު ވަނީ 5 މިނިޓުގެ ތެރޭގައި 15-20 ފަހަރު ބަޑި ޖަހާފައި ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ. މި ހަމަލާ ދިން ދަރިވަރުގެ ބެލެނިވެރިންނަށް އެކަން އަންގައި ދަރިވަރުގެ ގެ ބަލައި ފާސްކޮށްފައިވާ ކަމަށްވެސް މެކަބީ ވިދާޅުވިއެވެ.
މެކަބީ ވިދާޅުވީ މި ހަމަލާ ރާވައި ހިންގި ދަރިވަރު ވަނީ އެދުވަހުގެ ކުލާސްތަކަށް ހާޒިރުވެފައި ކަމަށާއި މި ހަމަލާ ދީފައިވަނީ ދަރިވަރު އެކަނި ކަމަށް މިހާތަނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. މި ކަން ހިންގި ދަރިވަރު މި މައްސަލައިގައި އަދި އެއްވެސް ވާހަކައެއް ނުދައްކާ ކަމަށް ވެސް ވިދާޅުވި އެވެ.
1800 ދަރިވަރުން ކިޔަވަމުން އަންނަ މި ސްކޫލުގައި މިކަމާ ގުޅޭ މައުލޫމާތެއް އެނގޭ ދަރިވަރެއް ހުރިތޯ ބެލުމަށް މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމުގައި ފުލުހުން ބުނެއެވެ.
މި ހަމަލާއާ ގުޅިގެން މިޝިގަންގެ ގަވަރުނަރު ގްރެޗެން ވިޓްމާ ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު އެމެރިކާގެ ރައީސް ޖޯ ބައިޑެންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައި މަރުވި ދަރިވަރުންގެ އާއިލާއަށް ކެތްތެރިކަމަށް އެދިވަޑައިގެން ހިތްވަރު ދެއްވައިފައެވެ.
އެމެރިކާގެ ސްކޫލުތަކުގައި ބަޑީގެ ހަމަލާތަކަކީ ބިރުވެރި ނަމަވެސް އާއްމުކޮށް ހިނގަމުންދާ ހިތާމަވެރި ހާދިސާ ތަކެކެވެ. މި އަހަރުގެ މިހާތަނަށް އެމެރިކާގެ ސްކޫލުތަކުގައި 138 ބަޑީގެ ހަމަލާ ހިންގާފައިވާއިރު 26 މީހަކު ވަނީ މަރުވެފައެވެ. އާއްމުކޮށް ހިނގާ މިފަދަ ހަމަލާތަކުގައި މަރުވެފައިވަނީ އެކަކު ދެ މީހަކު ކަމަށް ވާއިރު މިއީ މިއަހަރުގެ ތެރޭގައި ހިނގި މިފަދަ އެންމެ ހިތާމަވެރި ހާދިސާ އެވެ.
މިހާތަނަށް މިފަދަ އެންމެ ބޮޑު ހާދިސާއެއް އެމެރިކާގައި ހިނގާފައިވަނީ 2007 ވަނަ އަހަރުގައެވެ. އެ އަހަރު ވާޖީނިއާ ބްލެގްބާގުގެ ވާޖީނިއާ ޓެކް ގައި ދިން ހަމަލާގައި، އެ ހަމަލާ ދިން މީހާ ހިމެނޭހެން 33 މީހަކު ވަނީ މަރުވެފައެވެ. އެއަށްފަހު 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކަނެކްޓިކަޓް، ނިއުޓަންގެ ސެންޑީ އެލިމެންޓަރީ ސްކޫލުގައި ދިން މި ފަދަ ހަމަލާއެއްގައި، ހަމަލާދިން މީހާއާއެކު 20 ދަރިވަރުން ވަނީ މަރުވެފައެވެ. 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފްލޮރިޑާގެ ޕާކްލޭންޑުގެ ހައިސްކޫލުގައި ކުރިން ކިޔެވި ދަރިވަރަކު އެ ސްކޫލުގައި ދިން ބަޑީގެ ހަމަލާގައި 17 މީހަކު ވަނީ މަރާލައިފައެވެ.