ވެރިކަން ބަދަލުވެ، ރައްޔިތުންގެ އާންމު ހާލަތު ރަނގަޅުވެގެން ދާނެ ކަމަށް އުންމީދު ކުރި ކަމަށާއި ނަމަވެސް އެ "ޖަމްޕު" ޖަހާތަނެއް ފެނިގެން ގޮސްފައިނުވާ ކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި އާސްކް ސްޕީކާ ޕްރޮގްރާމުގައި ނަޝީދު ވިދާޅުވީ އެންމެ ބޮޑަށް ދެކިގެން ތިބީ ވެރިކަންތައް ބަދަލުވެ، ރައްޔިތުންގެ އާންމު ހާލަތު އެތައް ތަނަކުން ރަނގަޅުވެގެން ދާނެ ކަމުގެ އުންމީދު ކަމަށެވެ. ނަމަވެސް އެ ހާލަތު އަދިވެސް ބަދަލު ނުވާ ކަމަށެވެ.
"އަޅުގަނޑުމެން ދެކި ތިބީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު އުފެދި އިންތިހާބުތައް ބޭއްވިގެން ވެރިކަން ބަދަލުވަމުން ދިޔައީމަ ދެން ރައްޔިތުންގެ އާންމު ހާލަތު އެތައް ތަނަކުން ރަނގަޅުވެގެން ދާނެ ކަމަށް. ރައްޔިތުން ހާސްކަމުން އަރައިގަންނާނެ ކަމަށް. އެހެން ނަމަވެސް މުޅިއަކުން އެ ޖަމްޕު ޖަހާތަނެއް އަދި އަޅުގަނޑުމެންނަށް ފެނުނު ކަމަށް ދަންނަވާކަށް ނުކުރޭނެ،" ނަޝީދު ވިދާޅުވިއެވެ.
އެހެން ނަމަވެސް ރަށްރަށުގައި ގެސްޓް ހައުސްގެ ވިޔަފާރި ފުޅާވެގެން ގޮސްފައިވާ ކަމަށާއި އެކަމުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންގެ އާމުދަނީ އެތައް ގުނައަކުން އިތުރުވެގެން ހިނގައްޖެ ކަމަށެވެ. އަދި އާންމުކޮށް ޓުއަރިޒަމުން ލިބޭ މިންވަރުވެސް އިތުރުވެގެން ގޮސްފި ކަމަށާއި މަސްވެރިކަމުން ލިބޭ އާންމުދަނީވެސް އިތުރުވެގެން ހިނގައްޖެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އިގުތިސޯދު ރަނގަޅުވެގެންދާނީ ދައުލަތުގެ ޑެފިސިޓް ކުޑަކުރެވި، އާމުދަނީވެސް އިތުރު ކުރެވިގެން ކަމަށެވެ. އެކަން ކޮށްގެން ނޫނީ ތަކެތީގެ އަގު ދަށް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ މުދަލުގެ އަގުތަކާއި ބޭރު ފައިސާގެ އަގުތަކަށް އަންނަ ބަދަލުތަކަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި އެކަންކަން ހަމަޔަކަށް އެޅުވުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު