އަހަރުގެ ބޮޑު ޝަރީއަތް ނިންމައިލުމަށްފަހު ސުޕްރީމް ކޯޓު މިއަދު ރިސެސްއަށް ހިނގައްޖެއެވެ.

ކޯޓުތަކުގެ ގާނޫނުގެ ދަށުން ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ ފަހު ހަފުތާގެ އެންމެ ފަހު މަސައްކަތު ދުވަހުން ފެށިގެން، ވިދިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ރަސްމީ ދުވަހާ ހަމައަށް ސުޕްރީމް ކޯޓު އޮންނާނީ ރިސެސްގައެވެ. މި މުއްދަތުގައި ކޯޓުން އެއްވެސް ޝަރީއަތެއް ކުރިއަށް ނުގެންދާނެއެވެ. ނަމަވެސް މައްސަލަތައް ބަލައިގަތުމާއި އިދާރީ މަސައްކަތްތައް ރިސެސްގެ ދުވަސްވަރުގައި ކުރިއަށް ގެންދާނެއެވެ.

ރިސެސްގެ މުއްދަތުގައި ވެސް ކޯޓުގެ ފަނޑިޔާރުން ބޭނުންވެއްޖެ ނަމަ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވިދާނެއެވެ. އަދި ގާނޫނުން ވަކި މުއްދަތަކަށް ނިންމަންޖެހޭ ކަމެއް އޮވެއްޖެނަމަ އެ މުއްދަތުގައި އަޑުއެހުންތައް ބޭއްވުމަށް ގާނޫނު ލާޒިމުކުރެއެވެ. މީގެ އިތުރުން ރިސެސް މުއްދަތުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިނަމަ ސުޕްރީމް ކޯޓުގެ ރިސެސްގެ މުއްދަތު ނިމުމަކަށް އަންނާނެ ކަމަށް ކޯޓުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުން މިއަދު ވަނީ ދެ މައްސަލައެއްގެ ހުކުމް އިއްވައިފައެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑަރިން ކުށުގެ ދައުވާގެ ހުކުމެވެ. މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށްލުމަށް 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކްރިމިނަލް ކޯޓުން ކުރި ހުކުމާ ގުޅިގެން ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމްކުރީ ޔާމީނުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ކުށް ސާބިތުނުވާ ކަމަށެވެ.

އެއަށްފަހު ހުކުމްކުރީ މަދަނީ މައްސަލައެއްގައެވެ. އެއީ މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާ ދެކޮޅަށް އެ ކުންފުނީގެ ވަޒީފާއިން ވަކިކުރި މީހަކު ހުށަހެޅި މައްސަލައެކެވެ.