Close
ދުނިޔެ

ސްވެޑެންގެ ފުރަތަމަ އަންހެން ބޮޑުވަޒީރު، އެމަގާމަށް ދެވަނަ ފަހަރަށް އިންތިހާބުވެއްޖެ

ސްވެޑެންގެ އެންމެ ފުރަތަމަ އަންހެން ބޮޑުވަޒީރު، އެމަގާމަށް ދެވަނަ ފަހަރަށް އިންތިހާބު ވެއްޖެއެވެ.

މެގްޑެލެނާ އެންޑަސަން އެގައުމުގެ އެންމެ ފުރަތަމަ އަންހެން ބޮޑުވަޒީރުކަމަށް އިންތިހާބުވެވަޑައިގަތީ މިދިޔަ ބުދަ ދުވަހުގައެވެ. ނަމަވެސް އެކަމަނާ ވަނީ އޭގެ ކުޑަވަގުތުކޮޅެއްގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވައިފައެވެ. މަގާމު ދޫކުރެއްވިތާ ހަފުތާއެއް ނުވަނީސް އެކަމަނާ މިވަނީ އަނެއްކާވެސް ބޮޑުވަޒީރުކަމަށް އިންތިހާބުކުރައްވައި ގައުމު ހިންގެވުމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެންފައެވެ.

ދެވަނަ ފަހަރަށް އެކަމަނާ އިންތިހާބުވެފައިވަނީ މަޖިލީހުގެ ތަޅުމުގައި އިއްޔެ ނެގި ވޯޓުން ހަނި ފުރުސަތަކުންނެވެ. މިމަގާމަށް އިންތިހާބުވުމާއެކު އެއް ޕާޓީ އެކުލެވިގެންވާ މައިނޯރިޓީ ސަރުކާރެއް ހިންގެވުމަށް ކެބިނެޓު އެކުލަވާލައި މިއަދުގެ ވަގުތެއްގައި އިއުލާނު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ގައުމުގެ އެންމެ ފުރަތަމަ އަންހެން ބޮޑުވަޒީރުކަމަށް އެކަމަނާ އިންތިހާބުވެވަޑައިގަތުމަށްފަހު ބޮޑުވަޒީރުކަމުން އެންމެ 7 ގަޑިއިރުގެ ތެރޭގައި އިސްތިއުފާ ދެއްވާފައިވަނީ އެކަމަނާ ހިމެނިވަޑައިގެންނަވާ ޕާޓީއާ ކޯލިޝަން ހެދި ގްރީންސް ޕާޓީ ވަކިވުމާ ގުޅިގެންނެވެ.

އެއް ޕާޓީ އެކުލެވިގެންވާ މައިނޯރިޓީ ސަރުކާރެއްގެ ދަށުން މަޖިލީހުގައި އެހެނިހެން ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގައި އެންޑަސަން ވަނީ ވިދާޅުވެފައެވެ. 349 ގޮނޑި ހިމެނޭ މަޖިލީހުގައި އެކަމަނާގެ ސޯޝަލް ޑިމޮކްރެޓިކް ޕާޓީއަށް 100 ގޮނޑި ވަނީ ލިބިވަޑައިގެންނެވެ.