ވާހަކަ

ޖޫދް - 50

3

ފަންސާސްވަނަ ބައި

ހާނީ ކޮޓަރިން ނުކުންނަމުން އަންބަރަށް އިޝާރާތެއްކޮށްލިއެވެ. ހާނީ އާ އެކުގައި ކުޑަވަގުތުކޮޅަކަށް ބޭރަށް ނުކުމެލުމަށް ހާނީ އެދުނީކަން އަންބަރަށް އެނގުނެވެ. އަންބަރް ނުކުތީ ޖޫދު ކައިރީގައި ބުނެފައެވެ.

"އަހަރެން އަންބަރް ކައިރީގައި ބޭރަށް އަންނަން މިބުނެލީ ތެންކިޔު ބުނަންވެގެން" ހާނީ ބުންޏެވެ. ދެކުދިން ވާހަކަ ދައްކަން ތިބީ ޖިޔާ ބާއްވާފައި އޮތް ކޮޓަރި ދޮރުމަތީގައެވެ. އަންބަރް ހާނީގެ މޫނަށް ބަލައިލިއެވެ.

"އަހަރެން އެއުޅުން ދޫކޮށްލައިފިން" ހާނީ ބުންޏެވެ.

ރޭގަނޑު ދިހައެއް ޖަހަން އުޅެނިކޮށް ހޮސްޕިޓަލުގައި ޒަހާ ބައިންދާފައި ޖޫދު ގެއަށް އައީ އަންބަރް މާ ވަރުބަލިކޮށް އުޅޭތީއެވެ. ޖިޔާވެސް ނިދާފައިވުމާ އެކު ޒަހާގެ އެދުމަށެވެ. ގެއަށް ވަނުމުގެ ކުރިން ދެމަފިރިން އެރީ ޓެރަސްއަށެވެ. ރިކްޒާގެ ކައިވެނީގެ ހަފުލާ ކުރިއަށް ދިޔައެވެ. މާބޮޑު ފޯރިއެއް ނެތަސް މީހުން މަދެއް ނޫނެވެ. ޖޫދު ފެނުމާއެކު ސީނާ އައިސް ޖޫދުގެ އަތުގައި ހިފައިފިއެވެ. ޖިޔާގެ ހާލު އޮޅުންފިލުވިއެވެ. ކާއެއްޗެއް ކާން އަންނަން ބުންޏެވެ. ގޮނޑީގައި އިށީނދެފައިވެސް ޖޫދު ކާއެއްޗެހީގައި އަތެއް ނުލައެވެ. އޭނާގެ ސިކުނޑިތެރޭގައި އަދިވެސް އެނބުރެމުންދަނީ ހަވީރުގެ މަންޒަރުތަކެވެ.

ކޮޓަރިއަށް ވަނުމާއެކު ކެއި ހުރިހާ އެއްޗެއް އަންބަރް ދުއްވާލީ ފާހާނާ ތައްޓަށެވެ. އަންބަރްގެ ބުރަކަށީގައި ފިރުމަން އޮތް ޖޫދު އަންބަރްގެ މޫނު ދޮއްވައިލިއެވެ. ބޭރަށް ނުކުމެ އެނދުގައި އަންބަރް ބައިންދާފައި ފެން ދިނެވެ.

"ގިނައިރު ނުކައި ހުރެފައި ކެއީމަ ގޭސްވީ" ސުވާލުގެ ނަޒަރަކުން ޖޫދު ބަލައިލުމުން އަންބަރް ބުންޏެވެ. ޒަހާ ފަދައިން ޖޫދުގެ ހިތްވެސް ބުނަމުން ދިޔައީ އަންބަރްގެ ފުށުން އުފާވެރި ހަބަރެއް ލިބިދާނެ ކަމަށެވެ.

"ކުރިންވެސް ތިހެންވޭތަ ނުކައި ހުރީމަ" ޖޫދު އެހިއެވެ.

"އުނހު. މިފަހުން ވާންފެށީ" އަންބަރް ބުންޏެވެ. ދެން ޖޫދު ކޮށްލި ސުވާލާއެކު އަންބަރް ލަދުން މޯޅިވެލިއެވެ. އެހެންނަމަވެސް އެސުވާލުގެ ޖަވާބުދިނެވެ.

"އެހެންވީމާ މާދަމާ ޑޮކްޓަރަށް ދައްކާ ޓެސްޓްތައް ހަދަންވާނެ. އިބާ ބަލިވާކަށް އަހަރެންނަށް ދޫކޮށެއް ނުލެވޭނެ" ޖޫދު ބުންޏެވެ. އަންބަރް ބޯޖަހާލިއެވެ

"ކަންތައްތަކުގައި ފަރުވާކުޑަ ކޮށްލެވުމުގެ ނަތީޖާ މިއަދު އަހަރެންނަށް މިފެނުނީ" ދެއަތުގެ ކުރިން ބޮލާއި ނިތްކުރީގައި ހިފަހައްޓާލައިގެން އިން ޖޫދު ބުންޏެވެ. އޭނާގެ އަޑުގައި ރިހުމެއްވިއެވެ. އޮށޯވެގެން އޮތް އަންބަރް ކުއިލްޓް އެއްފަރާތްކޮށްފައި ތެދުވެ ޖޫދު ކައިރީގައި އިށީނެވެ.

"މިއަދު ޖިޔާ އަހަރެން ކައިރީގައި ބުނި އެ ކޮޓަރީގެ ކުޑަދޮރު ހަލާކުވެފައި ހުރި ވާހަކަ. އެކަމާ އުޅޭނަމޭ ކިޔާފައިވެސް އަހަރެންނަކަށް ނޫޅެވުނު. އަސްލު ހަނދާނުން ކައްސާލީ ގެއްލުނު ފައިސާތަކުގެ މައްސަލައިގައި ފުލުހުން ގުޅީމަ އެތަނަށް ދާންޖެހިގެން. ޖީއަށް އެހެން އެވީ ހަމަ އަހަރެންގެ ސަބަބުން. އެއްބަނޑު އެއްބަފާ ބޭބެއަށްވެ ހުރެ އަހަރެންނަށް ޒިންމާއިން ރެކިގަނެވުނީ. އެ ވާރިޝް ފިހާރައިން ވަކިކުރި ދުވަހު އަހަރެންނާ ދިމާލަށް ބުނި ދެން ނަގާ އެތިފަހަރު ބޮޑުވާނޭ. ކީއްވެތަ އަހަރެންނަށް އޭނާގެ އެބަސްތައް ސީރިޔަސްކޮށް ނުނެގުނީ" ޖޫދުގެ އަޑު ކެނޑުނެވެ. އޭނާގެ ލޮލުން ވެއްޓުނު ކަރުނަތިކި ކަނާއަތުގެ ބޮޑުވާ އިނގިލިން ފޮހެލިތަން ފެނުމުން އަންބަރް ހިތަށް ތަދުވެލިއެވެ.

"އަހަރެންނަށް ހަމަ ޔަގީން މަންމަގެ ކަމެއްގައިވެސް އަދި ޖިޔާގެ ކަމެއްގައިވެސް ގަސްދުގައި ޖޫދު ފަރުވާކުޑައެއް ނުކުރާނެކަން. ﷲ ހެޔޮ ރަހުމަތްފުޅުން އެއްވެސް ކަމެއް ގޯހެއް ނުވެއެއްނު" އަންބަރް ބުންޏެވެ. އަންބަރް އެހެން ބުންޏަސް އެބަސްތަކުން ޖޫދަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. ކޮންމެގޮތެއް ވިޔަސް ވީކަމެއް ނުވާކަމަކަށް ނެހެދޭނެކަން އޭނާއަށް އެނގެއެވެ.

"ދެން ތިހެން ނީންދެ އޮށޯވޭ" އަންބަރް ބުންޏެވެ.

ލައިގެން ހުރި އެއްޗެހި ބަދަލުކޮށްލައިގެން އައިސް ޖޫދު އޮށޯތެވެ. ސީލިންގަށް ނަޒަރު ހުއްޓާލައިގެން އޮތް ޖޫދުގެ ނިތްމަތީގައި ބޭއްވި އަތް އަންބަރް ދަމާލިއެވެ. ދެން އޭނާ ބޯ އެޅީ އެ އަތް މަތީގައެވެ. އަނެއް އަތް ޖޫދުގެ މޭމަތީގައި ބާއްވާލިއެވެ.

ހެނދުނު ޒަހާ ގެއަށް އައީ ޖިޔާ ގޮވައިގެންނެވެ. ޑޮކްޓަރަށް ދައްކައި ޓެސްޓްތައް ހެދުމަށްފަހު ޖޫދާއެކު އަންބަރްވެސް އައީ ޒަހާއާ ދާދި އެއްކޮށެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލައިލާފައި އަންބަރްގެ ކައިރިން ޒަހާ އެދުނީ ޖިޔާ ޒަހާގެ ކޮޓަރިއަށް ގެންދިޔުމަށެވެ. އެއްވެސް މީހަކާ ވާހަކަނުދައްކާ ހުރި ޖިޔާގެ އަތުގައި އަންބަރް ހިފުމާއެކު ފަސޭހައިން ޖިޔާ ހިނގައިގަނެއްޖެއެވެ.

ނީލަމްގެ އެއްވެސް ހަބަރެއްނުވާތީ އެކޮޓަރި އާ ދިމާލަށް ބަލަން ހުރުމަށްފަހު ޒަހާ ކުރިއަށް ދިޔައެވެ. ފަހުން ނީލަމް ކަންތައް ކުރި ގޮތް އަލިޝްބާ ޒަހާއަށް ކިޔައިދިނެވެ.

އެނދުގައި އިން އަންބަރް ފޯނުން ޖިޔާއަށް ވީޑިއޯ ދައްކާފައި ހެމުން ދިޔައެވެ. ފަނޑު ހިނިތުންވުމެއް ޖިޔާގެ ތުންފަތަށް ވެރިވެފައި ވިއެވެ. ޖިޔާގެ އަނގަ ހުޅުވޭތޯ އަންބަރް ދިޔައީ މަސައްކަތް ކުރަމުންނެވެ. އެކަން އަންބަރް ކާމިޔާބު ކުރަމުން ދިޔައެވެ. ޖިޔާގެ ސިކުނޑި ތެރޭގައިވި ސިހުމާއި ބިރުވެރިކަން އެއްފަރާތް ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ހުރުމަށް އަންބަރް ހުރީ ތައްޔާރަށެވެ.

"ދޮންބެ ބުނީ ނެކްސްޓް ވީކަންޑްގަ އަހަރެމެން ޕިކްނިކް ދާންވީއޯ" އަންބަރް ބުންޏެވެ. ޖިޔާ އަންބަރަށް ބަލައިލިއެވެ. މިހުރާއިރު ދެކުދިންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ދުރުގައި ހުރި ޖޫދު އައިސް އަންބަރްގެ އަނެއްފަރާތުން އިށީނދެއްޖެއެވެ.

"ކޮން ރަށަކަށް ދާނީ. މިފަހަރު ރަށް ފައިނަލް ކުރާނީ ޖީ" ޖޫދު ބުންޏެވެ.

"ދާނީ ފިނޮޅަށް" ޖިޔާ ބުންޏެވެ. ހިނިތުންވެލި ގޮތަށް ޖިޔާ އިސްޖަހާލައިފިއެވެ. އޭނާ ވާހަކަދައްކައިފިކަން ހުދު އޭނާއަށް ވެސް ގަބޫލެއްނުކުރެވުނެވެ. އުނގުމަތީގައި އޮތް ދެއަތްތިލައަށް ބަލަހައްޓައިގެން އިނދެފައި ޖިޔާ އަނގަ ހުޅުވައިފިއެވެ.

"އެމީހާއަކީ އެއްކަލަ ދުވަހު ސްކޫލު ކައިރިން ޖީ އަށް ސިޓީ ފޮނުވި މީހާ. އެހެންދުވަހަކު ސައިކަލެއްގައިވެސް އައި. ބުނީ ދޮންބެ ފޮނުވައިގެން ޖީ ބަލައޭ. ހަނދާންވޭތަ ޖީ ބުނީމެއްނު" ޖިޔާ ބުންޏެވެ.

އެދުވަސް ޖޫދު ހަނދާންވިއެވެ. ޖިޔާގެ އަބުރާއި އިއްޒަތް ވެއްޔާ މޮޑެލަން ވާރިޝް މާކުރިންވެސް މަސައްކަތްކޮށްފައިވާކަން އެނގުމުން ޖޫދަށް ދެއަތް މުށްކެވުނެވެ. ޖިޔާ އެބުނާ ދުވަސްވަރަކީ ވާރިޝް އާއި އަންބަރްގެ ގުޅުން އެންމެ ރަނގަޅު ދުވަސްވަރެވެ. ޖޫދު ބަރުބާދުކޮށްލުމުގެ ގަސްދުގައި ޖިޔާއަށް އެފަދަ ކަމެއް ކުރަން ވާރިޝް ބޭނުންވެގެން އުޅޭކަމެއް އަންބަރަށް އެނގިފައެއް ނެތެވެ. އެފަދަ ހަބަރެއް އަންބަރަށް އިވުނު ނަމަ ޔަގީނުންވެސް ވާރިޝްގެ އެ ވިސްނުން ބަދަލުކުރަން އަންބަރް މަސައްކަތް ކުރީހެވެ.

"ސޮރީ ޕްރިންސަސް. އެދޮރު ރަނގަޅުކުރަން ދޮންބެ ހަނދާންނެތުނީ. އިރާދަކުރެއްވިއްޔާ ޖީ ހިތްހަމަޖެހޭ ގޮތަށް އެކޮޓަރީގެ ހުރިހާ ކަމެއް ބަދަލުކޮށްދޭނަން" ޖިޔާގެ ބޮލުގައި ބޮސްދެމުން ޖޫދު ބުންޏެވެ.

ތަޅުދަނޑިން ހުޅުވައިގެން ނީލަމްގެ ކޮޓަރިއަށް ޒަހާ ވަނީ ޓަކި ޖަހައިގެން ނީލަމް ނުހުޅުވާނެކަން އެނގޭތީއެވެ. އެނދުމަތީގައި އިށީނދެގެން އިން ނީލަމްއަށް އެތެރެއަށް ވަން ޒަހާ އާއި އަލިޝްބާ ފެނުމާއެކު އިސްޖަހާލައިފިއެވެ. ޒަހާގެ ނަޒަރު ހުއްޓުނީ ރަތްވެ ދުޅަވެފައިވާ ނީލަމްގެ މޫނަށެވެ. އެއަށްފަހު އެނދުމަތީގައި ބަހައްޓާފައި ހުރި ބޮޑު ފޮށްޓަށެވެ. އެނދުމަތީގައި ފަތްޖަހާފައި ހުރި ހެދުންތައް ފޮށިތެރޭގައި ހުއްޓެވެ. ޑްރެސިން ޓޭބަލް މަތިވެސް ހުރީ ހުސްކޮށެވެ.

"ނީލޫ، ކީއްތިކުރަނީ" އެތެރެއަށް ވަންނަމުން އަލިޝްބާ އެހިއެވެ. ނީލަމް ބަހެއް ނުކިޔައެވެ. ޒަހާ އައިސް މަޑުކޮށްލީ ނީލަމްގެ ކައިރީގައެވެ. ދެން މަޑުމަޑުން ނީލަމްގެ ކޮނޑުގައި އަތް ބާއްވާލައިފިއެވެ. ޒަހާގެ އަތްމަތީގައި ނީލަމް އަތް އެޅިއެވެ. އަނެއް އަތުން އޭނާއަށް މޫނު ފޮރުވާލިއެވެ. ޒަހާ ބަހެއް ބުނުމުގެ ކުރިން ނީލަމްއަށް ރޮވިއްޖެއެވެ.

"ތަނަކަށް ދަނީތަ؟" މަޑުމައިތިރިކަމާއެކު ޒަހާ އެހިއެވެ. ނީލަމް ބޯޖަހާލިއެވެ.

"ކޮންތާކަށް؟" ޒަހާ އެހިއެވެ.

"ނޭނގެ" ނީލަމް ބުންޏެވެ.

"ޒަހާއްތަމެންނަށް ގޯސްކޮށް ކަމެއް ކުރެވުނީތަ؟ ނޫނީ ނީލަމް ހިތްހަމަނުޖެހޭ ކަމެއް މިގޭތެރެއިން ވީތަ؟" ޒަހާ އެހިއެވެ. އެއާއެކު ނީލަމް އެނބުރިފައި ޒަހާގެ ދެއަތުގައި ހިފާލައިފިއެވެ. ޒަހާގެ ދެއަތް މޫނުގައި ޖައްސައިގެން އިނދެ ބާރަށް ރޯން ފަށައިފިއެވެ. ނީލަމް ހިތްހަމަޖެހޭ ވަރަށް ރޮންދެން ޒަހާ މަޑުކޮށްގެން އިނެވެ. ނީލަމްގެ އަޑު ކެނދި މަޑު ގިސްލުމެއްގެ އަޑު އިވެން ފެށުމުން ނީލަމް ކޮންމެވެސް ވަރަކަށް ހަމަޖެހިއްޖެކަން ޒަހާއަށް އެނގުނެވެ. ނީލަމްގެ ބޮލުގައި އޭނާ ފިރުމާލީ ދެނެވެ.

"އަޅުގަނޑަށް މައާފުކުރޭ ޒަހާއްތާ. މައާފްުކުރޭ" ނީލަމް ބުންޏެވެ.

"ކުރިންވެސް ބުނެފައި އޮންނާނީ. މިއަދުވެސް މިބުނަނީ. އަހަރެން ކައިރިން މައާފަށް އެދެންޖެހޭވަރުގެ ކަމެއް ނީލަމް ނުކުރޭ" ޒަހާ ބުންޏެވެ.

"ނޫން. ހުރިހާ ކަމެއް ސިއްރުކުރެވުނީމަ. ހަގީގަތުގައި މިގެއަށް އައިރުވެސް ނޭނގޭ ޒަހާއްތަގެ ފިރިމީހާއަކީ އަޅުގަނޑުގެ ދޮންބައްޕަ ކަމެއް. އެކަން އެނގުނީ ވާރިޝް އަޅުގަނޑާ ބައްދަލުކޮށްފައި ބުނީމަ. ވާރިޝްގެ ވިސްނުން ބަދަލުކުރޭތޯ އެތައް ނަސޭހަތެއް ދިނިން. އެންމެފަހު ވަގުތު ވާރިޝް އެފަދަ ހަމަލައެއް މިއާއިލާއަށް ދީފާނެކަމަކަށް ހިއެއް ނުކުރަން. އަޅުގަނޑު ޒަހާއްތަ މެންނަށް ދައްކާނީ ކޮން މޫނެއް؟ އެހެންވެ ދާން މިއުޅެނީ. ލަދުން" ނީލަމް ވާހަކަދެއްކިއެވެ.

"ކުރީގައި ވެފައި އޮތްކަމެއް އަދިވެސް މާބޮޑަކަށް ޒަހާއްތައަކަށް ނޭނގޭ. އެނގޭ އެއްޗަކީ ދަރިންގެ ބައްޕަ ޒަހާއްތައަށް ވެސް ކޮންމެސް ކަމެއް އޮޅުވާލާފައިވާކަން. އެކަމަކު އެއީ ހެޔޮ ފިރިހެނެއް. އަނބިމީހާއަށް އޯގާތެރި ދަރިންދެކެ ލޯބިވާ ބަފައެއް. އަހަރެން މިއަދު އެކުދިންގެ ބައްޕައަށް ހިތް ބުރައެއް ނުކުރާނަން. އޭނާ ކުރި ކުށަކަށްވިއްޔާ އަހަރެން މައާފުދީފިން. އަހަރެން މައާފުކުރިޔަސް ނުކުރިޔަސް މިއަދު މިހުރިހާ ކަމެއް އެނގޭ ވަރަށް ވުރެ އޭނާ ވަނީ ދުރުގައި. ދުވަހަކުވެސް އެނބުރި ނާދެވޭނެ ދުނިޔެއަށް ދަތުރުކޮށްފައި. ދިރިތިބީންގެ ހެޔޮ ދުއާ ބޭނުންވާ ހިސާބުގައި" ޒަހާ ވާހަކަދެއްކިއެވެ.

"އެކަމަކު ޒަހާއްތަ މިއަދު ވަރަށް ދެރަވެއްޖެ. ރަންކިޔުމުގެ ހަފުލާ ނީލަމް ކެންސަލުކުރީ ކީއްވެ؟ އައްމާރު ހީކުރާނީ ކީކޭ؟" ޒަހާގެ އަޑުގައިވީ ޝަކުވާއެވެ.

"ނުކެރުނީ ކުރިއަށް ގެންދަން. ޖިޔާ އެފަދަ ހާލެއްގައި އޮތްއިރު އަޅުގަނޑު އުފާކުރާނީ ކިހިނެއް؟" ނީލަމް ބުންޏެވެ.

"މާތްﷲ ގެ ހެޔޮ ރަހުމަތްފުޅާއެކު ޖިޔާ ރަނގަޅު. އެ ފިރިހެނާއަށް ޖިޔާއަށް އެއްވެސް ގެއްލުމެއް ނުދެވޭ. އެހެންނަމަވެސް ހިނގާދިޔަ ހާދިސާއަށްފަހު ޖިޔާއަށް ވަނީ ނަފުސާނީގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފަ. މިއަދު އެކުއްޖާއަށް ބޭނުންވަނީ އެންމެންގެ ލޯތްބާއި އަޅާލުން" ޒަހާ ވާހަކަދެއްކިއެވެ.

ޖިޔާ ގެއްލުމެއް ނުވެ އެކުއްޖާގެ އިއްފަތްތެރިކަން ސަލާމަތްވިކަން އެނގުމުން ނީލަމް އުފާކުރިއެވެ. ނީލަމްގެ ދެލޮލުން އުފާވެރިކަމުގެ ކަރުނައެއް ވެއްޓުނެވެ. ގެ ދޫކޮށް ދާ ކަހަލަ ވިސްނުމެއް ގެންގުޅެވުނީތީ ޒަހާގެ ކިބައިން މައާފަށްއެދުނެވެ.

"ލިބާ، ނީލަމްގެ އެއްބަނޑު ދައްތަގެ ހައިސިއްޔަތުން ގުޅާބަލަ އައްމާރަށް" ޒަހާ ބުންޏެވެ. ހައިރާންކަމާއެކު ޒަހާގެ މޫނަށް ނީލަމް ބަލައިލިއެވެ. އަލިޝްބާ އިނީ ޒަހާ އެބުނި އެއްޗެއް މުޅިއަކުން ސާފުނުވެފައެވެ.

"އައްމާރަށް ގުޅާފައި ބުނޭ މިހާރު މިވަގުތު ރަންކިޔުއްވަން މީހުން ފޮނުވާށޭ. ރަންކިޔޭނީ ހަމައެކަނި ބޮޑެތި ހަފުލާތަކުގައެއް ނޫން" ޒަހާ ބުންޏެވެ. ކަރުނައިގެ ތެރެއިން ނީލަމްއަށް ހިނިތުންވެވުނެވެ.

****

ކައިވެންޏަށްފަހު ރިކްޒާ ގޮވައިގެން ޝާރިގް ފުރިއެވެ. އެއީ ކައިވެނީގެ ހަދިޔާގެ ގޮތުގައި އިސްހާގު ދިން ދަތުރެކެވެ. އެދަތުރުގައި ރިކްޒާގެ ދެމަފިރިން ދިޔައީ ސީނާގެ ބެލުމުގެ ދަށުގައި ރައިކާ ބަހައްޓާފައެވެ. އެއީ ސީނާގެ އެދުމަށެވެ. ރައިކާ އާ ދުރުގައި މާގިނަ ދުވަހު ނުހުރެވޭނެ ވާހަކަ ރިކްޒާ ޝާރިގަށް ހުށަހެޅިއެވެ. ދަތުރުގެ މުއްދަތު ކަނޑައަޅަން ޝާރިގް ދޫކޮށްލީ ރިކްޒާއަށެވެ. ރިކްޒާގެ ކޮންމެ ނިންމުމަކަށް އޭނާ ރުހޭކަމަށް ބުންޏެވެ.

ސިޓިންރޫމުގައި ކޮށީގައި ރައިކާ ބައިންދާފައި އިނެވެ. އެކުއްޖާގެ ސަކަރާތުގެ އަޑު ގޭތެރޭގައި ގުގުމާލާފައި ހުއްޓެވެ. ބަދިގޭގައި އުޅުނު ސީނާ އިރުކޮޅަކާ ރައިކާ އިން ދިމާލަށް ބަލައިލައެވެ. ތުއްތު އަޑުން ރައިކާއަށް ގޮވައިލައެވެ. ދޮރުގެ ރަނގަބީލުޖަހާލި އަޑު އިވުނީ އެވަގުތުއެވެ. އަތް ފޮހެލައިގެން ސީނާ ގޮސް ދޮރު ހުޅުވިއެވެ. ބޭރުގައި ހުރީ ނީލަމްއެވެ. ހިނިތުންވުމަކާއެކު ސީނާ ނީލަމްއަށް މަރުހަބާ ކިއެއެވެ.

"މިގެއަށް އައި ފުރަތަމަ ފަހަރު ވީމަ ކޮފީ ބޮއެގެން ދާންވާނީ" ސީނާ ބުންޏެވެ. ހީލާފައި ނީލަމް އެތެރެއަށް ވަނެވެ. ފުރަތަމަވެސް އޭނާގެ ލޮލުގައި އަޅައިގަތީ ކޮށީގައި އިން ރައިކާއެވެ. އަތުގައި ހުރި ކޮތަޅުތައް ސޯފާގޮނޑީގައި ބާއްވާފައި ނީލަމް ރައިކާ އާ ގާތްވެލިއެވެ. ރައިކާގެ ދެލޮލުން ފުރަތަމަ ފަހަރަށް އޭނާ ވާރިޝް ސިފަވެއްޖެއެވެ. ނީލަމްއަށް ރޮވުނެވެ. އެކުޑަކުއްޖާ ނަގާފައި ނީލަމްގެ ދެއަތުގެ ތެރޭގައި ބޮނޑިކޮށްލިއެވެ. މޫނުގައި ބޮސްދީފައި އެކުއްޖާ އުނގަށް ލައިގެން ނީލަމް ސޯފާގައި އިށީނެވެ.

"ސީނާއްތައަށް އެނގޭ ތިއީ އެސޮރުގެ ދަރިއެއްކަން ތިގޭ މީހުންނަށް އެނގިއްޖެކަން" ކޮފީ މަގު ހިފައިގެން އައި ސީނާ ބުންޏެވެ.

"މިއީ މާމަގެ ދޮންކޮޅޭ ދޯ ދޫނީ. އިކާބޭބީއަށް އިނގެޔޭ މިއިނދެވުނީ ބޮޑުދޮންތަގެ އުނގުގަކަން" ސީނާ ރައިކާ އާ ސަމާސާކޮށްލިއެވެ.

"ކޮފީއަށް ޝުކުރަން ސީނާއްތާ. މިއީ އަހަރެން ރައިކާއަށް ގެނެސްދިން ހަދިޔާކޮޅެއް" ގެނައި ކޮތަޅުތައް ސީނާއަށް ދައްކައިލަމުން ނީލަމް ބުންޏެވެ.

ރިޕޯޓް ނަގައިގެން ވަދެގެން އައި ޖޫދު ފެނިފައި ސޯފާގައި އިން އަންބަރް ތެދުވެއްޖެއެވެ. އަންބަރް ހައްދާލަން ނުހޭންކަމަށް ހެދިގެން ހުއްޓަސް އަންބަރް ލޮލަށް ފެނުމާއެކު ޖޫދުގެ ތުންފަތް ދެފަރާތަށް ދެމިލައިފިއެވެ. ޖޫދު އަރާ ހަމަވުމުގެ ކުރިން އަންބަރް ގޮސް ޖޫދުގެ ކުރިމަތީގައި ހުއްޓިއްޖެއެވެ. އެހިނދު ޖޫދު އެއް އަތް އުފުލާލިގޮތަށް އަންބަރްގެ މޫނުގައި ހިފަހައްޓާލައިފިއެވެ. އަނެއް އަތުގައި އޮތް ސިޓީއުރަ އޭނާ އަންބަރަށް ދައްކާލިއެވެ.

"އިޓްސް ޕޮޒިޓިވް" އަންބަރް އުފުލާލާފައި ކަންފަތްދަށުގައި ސިއްރެއް ބުނެލާހެން ޖޫދު ބުންޏެވެ. އަންބަރްގެ ލުއި ހީލުމުގެ އަޑު މިޔުޒިކެއް ފަދައިން ޖޫދަށް އިވިލިއެވެ. އެހިނދު ޖޫދު ކުރިއަށް ވުރެވެސް ގާތަށް އަންބަރް ދަމާލިއެވެ. އުނގަނޑުގައި އަތް އަޅުވާލިގޮތަށް އަންބަރްގެ ނިތުގައި ބޮސްދީފިއެވެ.

"މަންމަ ކައިރީގައި ބުނަންވާނެއްނު" އަންބަރް ބުންޏެވެ.

*****

ދޮޅު އަހަރުފަސް:

ހޮޓަލުގެ ކުޑަދޮރުން ފެންނަން ހުރި މިސްކިތަށް ބަލަހައްޓައިގެން އިން އަންބަރްގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ. މިއަދު ޖޫދު އޭނާ ދުވަހަކުވެސް އާދެވޭނެކަމަށް ހީނުކުރާ ހިސާބަށް ގެނެސްދީފިއެވެ. އޭނާ ހާސްފަށުން ހެއްދެވިފަރާތަށް ހަމްދުކުރިއެވެ. އެނދުމަތީގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. އޭނާ އަވަހަށް ފޯނު ނެގީ ނިދާފައި އޮތް ރައްޔާން ހޭލައިގެން ރޯން ފަށާފާނެތީއެވެ.

"ކާކު؟" ފާހާނައިން ނުކުތް ޖޫދު އެހިއެވެ.

"ދޮންތަ؟" ހިނިތުންވެލަމުން އަންބަރް ބުންޏެވެ.

"ދެވުނީ ކަންނޭނގެ. ނަގާބަލަ" އެނދުގައި އިށީންނަމުން ޖޫދު ބުންޏެވެ. އެވަގުތު ރައްޔާން ހޭލަން އުޅޭ ކަހަލަ ގޮތަކަށް ހަރަކާތްކޮށްލި ތަން ފެނުމުން ތުންފަތުގައި ޝަހާދަތް އިނގިލި ހުރަސްކޮށްލާފައި އަޑުމަޑުކުރުމަށް އަންބަރް ބުންޏެވެ. އަންބަރްގެ އަތުގައި ހިފައިގެން ޖޫދު ޖެހުނީ ކުޑަދޮރާ ގާތަށެވެ.

ފޯނު ނެގުމާއެކު ވީޑިޔޯ އިން އަންބަރަށް އަލިޝްބާ ފެނިއްޖެއެވެ. ދެކުދިންނަށް ހެވުނީ އެއްފަހަރާއެވެ.

"ހަމަ ދެންމެ މިއާދެވުނީ. ބިލާލް ރޯ ވަރުން ވަގުތުކޮޅެއް ލިބުނު ގަޑީގަވެސް ނުގުޅުނީ" އަލިޝްބާ ބުންޏެވެ.

"ކޮބާ މިހާރު ބިއްކޮ" އަންބަރް އެހިއެވެ.

"ނިދައިފި. ކިހިނެއްވަނީ؟ ރޯގާގެ އެއްވެސް އަލާމާތެއް އެބަހުރިތަ؟" އަލިޝްބާ އެހިއެވެ.

"އަޅުގަނޑު ރަނގަޅު. ޖޫދު ކުޑަކޮށް ކެއްސާ" އަންބަރް ބުންޏެވެ.

"މާދަމާ ކިހާ އިރަކު ފްލައިޓް އިނީ" އަލިޝްބާ އެހިއެވެ.

"ދިގު ދަތުރެއް. މިކޮޅުން ޖިއްދާއަށް ޖައްސާފައި ގަޑިއިރުތަކެއް ފަހުން ނައްޓާލަނީ" އަންބަރް ބުންޏެވެ.

"ދޭން ކީއްކުރާނީ ދޯ. ނީލޫއަށްވެސް އާދެވޭނީ އަދި ދެތިން ދުވަސް ފަހުންނޯ ބުނީ. އަމްރާ އަދިވެސް ހުން ނުފިލާ" އަލިޝްބާ ބުންޏެވެ.

"ނީލަމްދައްތަގެ ފޯނުކޯލު ނިމުނުތަނާ ދޮންތަ ތިގުޅީ. ހުރިހާ މީހުން ރަނގަޅު ދޯ" އަންބަރް ބުންޏެވެ.

"މިކޮޅުގައި އިބާމެންނަށް ވެލްކަމް ކިޔަން ވަރަށް ކަންކަން ރާވަފައި އޮތީ. ތީއެއްނު ކާފަގެ ރަންދަރިފުޅު" ހެމުން އަލިޝްބާ ބުންޏެވެ.

"ތިއީ މާމަގެ" އެ ހުނުމުގައި އަންބަރް ބައިވެރިވެލިއެވެ.

"ދެން އަވަހަށް އާދޭ. މިހާރުވެސް ބިއްކޮ އަބަދުކިޔަނީ ޔާނުބޭބީގެ ވާހަކަ" އަލިޝްބާ ބުންޏެވެ. "އައިމް ވެރީ އެކްސައިޓެޑް"

ފޯނު ކުރުކޮށްލި ގޮތަށް ގާތުގައި ހުރި ޖޫދުގެ މޭގައި އަންބަރް ބޯއެޅިއެވެ. ހެއްދެވިފަރާތުން ޖޫދު ކަހަލަ ފިރިއަކު އޭނާއަށް ދެއްވިކަމަށްޓަކައި އެކަލާނގެއަށް ހާސްފަށުން ޝުކުރު ދެންނެވިއްޖެއެވެ. ގުރުއާނަކީ އެކަލާނގެ ބަސްފުޅު ކަމުގައި ވިޔަސް އެކަލާނގެ ހެޔޮ ރަހުމަތްފުޅާއެކު އެ ގުރުއާން އޭނާއަށް އުނގަންނައިދިނީ ޖޫދެވެ. އެ ގުރުއާނުގެ ހަތާވީސް ފޮތް އަހަރު ދުވަސްތެރޭ ހިތުން ދަސްކުރުމަށް އަންބަރަށް އެންމެ ގާތުން އެހީތެރިވެދިނީ ޖޫދެވެ. ކައުބަތުﷲ ގެފުޅު ހަމަލޮލުން ދެކިލުން އެއީ ފަހަކަށް އައިސް އޭނާ އެންމެ ބޮޑަށް އެދުނު ކަންތަކެވެ. ހެއްދެވިފަރާތުން އެ ނަސީބު އަންބަރަށް ތަނަވަސްކޮށްދީފިއެވެ. މައްކާގެ ހަރަމްފުޅުގައި ޖަހާލި ފުރަތަމަ ސަޖިދައާއެކު އުފަލުން އަންބަރަށް ރޮވުނެވެ. މުޅިން ގައިން ހީބިހި ނަގައިގަތެވެ. މައްކާގެ މާތް ބިމުގައި ދެމަފިރިންނަށް ވާޖިބުވެގެންވި ހައްޖު އަދާކޮށްފިއެވެ. އެ އުފާވެރިކަމަށް ފަހު މިހާރު ދެމަފިރިން ތައްޔާރުވަމުން އެދަނީ ސުމައްޔާގެ އާއިލާގެ މީހުންނާ ބައްދަލުކުރުމަށް މިސްރަށް ދިޔުމަށެވެ. އައިމަން އާއި ޖޫދާއި އައްމާރު ދެކިލާހިތުން އެ އާއިލާ ތިބީ ކެތްތެރިކަން ކުޑަވެފައެވެ.

"ޖަންނަތުގައިވެސް އަހަރެން އެދެނީ ތިޔަ އަހުރަވެތި ކަމަނާ އަހަރެންގެ ގާތުގައި ވުމަށް" އަންބަރްގެ އަތްތިލައިގައި ޖޫދު ބޮސްދިނެވެ.

"ﷲ ތައާލާ ހުރިހާކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ. ދުވަހަކުވެސް މިއަތުން ދޫކޮށެއްނުލާނަން" އަންބަރް ބުންޏެވެ. އެހިނދު އަންބަރްގެ ނަޒަރު ހުއްޓުނީ އޭނާގެ ފޯނު ދިއްލުނު ވަގުތު ޑިސްޕްލޭ އިން ފެންނަން އިން ފޮޓޯއަށެވެ. ގެފުޅު ފެންނަގޮތަށް ޖޫދާއެކު ނަގާފައިވާ އެވާ ފޮޓޯ ފެންނަ ކޮންމެ ހިނދަކު އޭނާގެ ހިތަށް އުފާވެރިކަން ގެނުވާނެއެވެ. ހެއްދެވިފަރާތުގެ މަތިވެރިކަމާ ތަނަވަސްކަމަގު ހަނދާން އަބަދުވެސް އާކުރުވާނެއެވެ.

އެކަލާނގެ އިރާދަކުރެއްވި އަޅަކަށް ހިދާޔަތް ދެއްވައެވެ. އެކަލާނގެ އިރާދަކުރައްވައިފި އަޅަކު މަގުފުރައްދަވައެވެ. ހަމަކަށަވަރުން ﷲ އީ އެންމެ އަޒީޒްވަންތަ ހަކީމްވަންތަ ރަސްކަލާނގެއެވެ" އަންބަރާއި ޖޫދުގެ ދިރިއުޅުން ތާއަބަދަށް އުފާވެރިކަމުގައި ލަހައްޓަވާށިއެވެ.

-ނިމުނީ-