އޮމިކްރޯންގެ ނަމުން ނަން ދީފައިވާ އާ ވޭރިއެންޓާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިހާރު ރާއްޖެ އައުން މަނާކޮށްފައިވާ ގައުމުތަކުން ރާއްޖެ އަންނަ ދިވެހިންނާއި ބިދޭސީން ކަރަންޓީނުވާން ޖެހޭނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އޮމިކްރޯންގެ ނަމުން ނަންދީފައިވާ މި އާ ވޭރިއެންޓު އެންމެ ގަދަ އަށް ފެތުރެމުންދަނީ ދެކުނު އެފްރިކާގެ ގައުމުތަކުގައެވެ. އާ ވޭރިއަންޓާ ގުޅިގެން ދެކުނު އެފްރިކާ، ނެމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވަޓީނީން ރާއްޖެއަށް މީހުން އެތެރެވުން ރެއިން ފެށިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މަނާކޮށްފައެވެ.

އާ ވޭރިއެންޓާ ގުޅިގެން ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވު ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ މިހާރު ރާއްޖެ އައުން މަނާކޮށްފައިވާ ސައުތު އެފްރިކާގެ ހަތް ގައުމުން ރާއްޖެ އަންނަ ދިވެހިންނާއީ ރާއްޖޭގައި މަސައްކަތްކުރާ ވޯކް ޕާމިޓް އޮތް ބިދޭސީން ރާއްޖެ އައުމަށްފަހު ކަރަންޓީނުކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އެގޮތުން 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަންޖެހޭނެ ކަމަށާއި ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމަށްފަހު ކޮވިޑް ޓެސްޓެއް ހަދަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ކުރިއެކޭވެސް އެއްގޮތަށް އެހެން ގައުމުތަކުން ރާއްޖޭއަށް އަންނަ ފަރާތްތައް ކަރަންޓީނުވާން ނުޖެހޭނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ ފާއިތުވި 14 ދުވަސްތެރޭގައި ރާއްޖެ އައިސްފައިވާ މީހުންވެސް ޓެސްޓު ކުރަން ޖެހޭނެ ކަމަށެވެ. އަދި 14 ދުވަހަށްވުރެ ގިނަ ދުވަހު ރާއްޖޭގައި ހުންނަ ނަމަ 14 ދުވަސް ފަހުން ޓެސްޓު ކުރަން ޖެހޭނެ ކަމަށާއި 14 ދުވަހަށްވުރެ ކުރު މުއްދަތަކަށް އައި ނަމަވެސް ޓެސްޓު ކުރަން ޖެހޭނެ ކަމަށެވެ.

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ އޮމިކްރޯން ވޭރިއަންޓުން ބަލި ފެތުރޭ މިންވަރާއި އޭގެއިން ކުރާ އަސަރު ދެނެގަތުމުގެ މަސައްކަތާއި އެ ވޭރިއެންޓުން ދިފާއުވުމަށް ވެކްސިނުން ކުރާ އަސަރު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އާ ވޭރިއެންޓް އައުން ނުހުއްޓުވޭނެ ކަމަށާއި އެހެން ނަމަވެސް އެ ފެތުރުން ލަސްކޮށް ކޮންޓްރޯލް ކުރެވިދާނެ ކަމަށް ވިދާޅުވިއެވެ.