އދ. ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ފޮރިން މިނިސްޓަރު އަދި ސްޓޭޓް ކައުންސިލަރު ވާންގް ޔީ އާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ މި ބައްދަލުކުރެއްވުމުގައި މޫސުމީ ބަދަލުތަކާއި މަލްޓިލޭޓަރަލިޒަމާއި އދ. ގެ ހިންގުން ހަރުދަނާކުރުމަށާއި ޗައިނާގެ ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވް އާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.
އޭގެ އިތުރުން މިނިސްޓަރުގެ މި ދަތުރުފުޅުގައި މިއަދު ވަނީ ޗައިނާގައި ގާއިމުކޮށްފައިވާ އދ. ގެ އޮފީސްތަކުގެ ޓީމްތަކާވެސް ބައްދަލުކުރައްވައިފައެވެ. އަދި ޗައިނާގެ ފޮރިން އެފެއާޒް ޔުނިވާސިޓީގައި ޒުވާން ޑިޕްލޮމެޓުންނާއެކު ވާޗުއަލްކޮށް ބައްދަލުކުރައްވައި، ވާހަކަ ދެއްކެވިއެވެ. މީގެ އިތުރުން އޯލް ޗައިނާ ވިމެން ފެޑެރޭޝަންއާވެސް މިނިސްޓަރު ޝާހިދު އިއްޔެ ބައްދަލުކުރެއްވިއެވެ.
ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވުމަކީ މިނިސްޓަރު ޝާހިދުގެ ރިޔާސަތުގައި ހާއްސަ އިސްކަމެއް ދެއްވާ ކަންތައްތަކެކެވެ.
ކޮވިޑްގެ ސަބަބުން މިދިޔަ އަހަރު ކުރީކޮޅު ޗައިނާއިން ބޭރުގެ އިއްޒަތްތެރިންނަށް މަރުހަބާ ކިޔުން މަޑުޖައްސާލި ފަހުން މިނިސްޓަރު ޝާހިދަކީ އެ ގައުމުން ބޭރުގެ އިއްޒަތްތެރިއަކަށް މަރުހަބާކީ ފުރަތަމަ އެއް ބޭފުޅާއެވެ. ޗައިނާ ސަރުކާރުގެ ދައުވަތަކަށް މިނިސްޓަރު ޝާހިދު މިކުރައްވާ ދަތުރުފުޅަކީ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ.
ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޗައިނާއަށް މިނިސްޓަރު ޝާހިދު ދަތުރުކުރައްވައި، އެގައުމުގެ ފޮރިން މިނިސްޓަރު ވާންގް ޔީ ގެ އިތުރުން އެ ގައުމުގެ ނައިބު ރައީސްއާ ބައްދަލުކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު