ވާހަކަ

ޖޫދް - 49

3

ސާޅީސްނުވަވަނަ ބައި

"މަންމާ..... ބައްޕާ......" ޖިޔާ ރޮއެގަތް އަޑު އިވުނެވެ. ދުވަހަކުވެސް ހަޅޭއްނުލަވާހާ ބާރަށް އެކުއްޖާ ހަޅޭއްލަވަމުން ދިޔައެވެ. މުޅި ގޭތެރޭގައި ހުރީ އެ އަޑު ހިފާލާފައެވެ. ޒަހާ ނޫން ބާކީ ތިބި ހުރިހާ މީހުން އެދިމާލަށް ދުއްވައިގަތެވެ. ގޮނޑި ދުއްވާފައި އެދިމާލަށް ދިޔަ ޒަހާގެ މޭގަނޑު ބާރަކަށް ތެޅެމުން ދިޔައެވެ. މީގެކުރިން ޖިޔާއަކީ ދުވަހަކުވެސް އެހާ ބާރަށް ރޮއި ކުއްޖެއްނޫނެވެ. ވީ އާދައިގެ ކަމެއް ނޫން ކަން އެވަގުތުވެސް އޭނާއަށް އެނގުނެވެ.

ޖިޔާގެ ކޮޓަރީ ތަޅުގައި އެންމެ ކުރިން ހިފީ ޖޫދެވެ. އެހެންނަމަވެސް އެތެރެއިން ތަޅުލާފައި ހުރުމުން ހުޅުވޭ ގޮތެއް ނުވިއެވެ. އޭރުވެސް މެދުނުކެނޑި ޖިޔާ ރޯ އަޑު އިވެއެވެ. ދޫކޮށްލާށޭ ކިޔާއިރު މީހެއްގެ ގޯނާ ޖިޔާ އާ ކުރިމަތިވަމުންދާކަން ތަނުގައި ތިބި ކޮންމެ މީހަކަށް އެނގިއްޖެއެވެ. ކޮންމެ މީހެއްގެ މޫނުމަތީގައި ވަނީ ބިރުވެރިކަމެވެ. ލައިގެން ހުރި ހެދުން ކުޑަކޮށް އަރުވައިގެން ދުއްވައިގަތް ނީލަމް ދެން އައިއިރު އޭނާގެ އަތުގައި ތަޅުދަނޑި ފައްޗެއް އޮތެވެ. ހާސްވެ ރޮވިފައި އިން ޒަހާގެ ދެކޮނޑުގައި ހިފަހައްޓާލައިގެން އަންބަރް ހުއްޓެވެ. ނީލަމް ޖޫދު އަތަށް ތަޅުދަނޑި ދިނުމާއެކު ބޮޑު ތަޅުދަނޑިފަތިގެ ތެރެއިން ޖިޔާގެ ކޮޓަރީގެ ތަޅުދަނޑި ހޯދައިގެން ދޮރު ހުޅުވަން ޖޫދު މަސައްކަތް ކުރަމުން ދިޔައެވެ.

މީހަކު ދޮރުގެ ރަނގަބީލު އެޅީވެސް އެވަގުތުއެވެ. އަންބަރް ދުއްވައިގަތީ ދޮރާ ދިމާލަށެވެ. ސީނާ ތައްޓެއް ހިފައިގެން ހުއްޓެވެ. އަންބަރްގެ ދެލޮލުން ކަންބޮޑުވުން ފެނުމާއެކު ސީނާ ތެޅިގަތެވެ. އަތުގައި ހުރި ތަށިބަރި ސޯފާއަށް ދޫކޮށްލާފައި ސީނާ އެހިސާބާ އަރައި ހަމަވި ގަޑި އެއީ ޖޫދު ދޮރު ހުޅުވާފައި އެތެރެއަށް ވަން ގަޑިއެވެ. ވަގުތުން ޖޫދު ފަހަތުން ހުރިހާ މީހުން އެތެރެއަށް ދެމިގަތެވެ. ޖޫދަށް ލޯމަތީގައި އަތް އެޅުނީ އެނދުމަތީގައި ފިރިހެނެއްގެ ދަށުގައި އޮތް އޭނާގެ ދެލޯ ފަދަ ލޯބިވާ ކޮއްކޮ ދުނިޔެއަށް ފޮނުވި ގޮތަށް އޮތްތަން ފެނިފައެވެ. އެމަންޒަރު ބަލަން އޭނާއަށް ފަސޭހަނުވިއެވެ.

"އޭތް... މީ ކޮން ޖަނަވާރެއްތަ؟" ސީނާ ހަޅޭއްލަވައިގަތެވެ. އެނދާ ދިމާލަށް ދިޔައީ ޒަހާ ފިޔަވާ ބާކީ ތިބި ހުރިހާ އަންހެނުން އެއްކޮށެވެ.

"މަގޭ ދަރިއަށް ތިހެން ނަހަދާ" ޒަހާ ރޮމުން ކިޔަމުން ދިޔައެވެ. ދެލޯ ކުރިމަތީގައި ވަލު ޖަނަވާރެއް އަރައި ކުށެއްނެތް ފުރާނައެއް ޝިކާރަކުރަމުންދާ މަންޒަރު ބެލުމަކީ ބުއްދި ސަލާމަތުންހުރި އެއްވެސް އިންސާނަކަށް ބަލަން ކެތްވާނެ މަންޒަރެއް ނޫނެވެ. އަމުދުން މައެއްގެ ކުރިމަތީގައި އަންހެންދަރިއެއްގެ އިތްފަތް ވެއްޔާ މޮޑެމުންދާ މަންޒަރު ބަލަން ކުޅަދާނަނުވާނެކަން އެއީ މަރު ފަދައިން ޔަގީންކަމެކެވެ. އެހާލުގައި އޮވެވެސް މަންމާ އޭ ބުނެ ޖިޔާ ޒަހާ އާ ދިމާލަށް އަތްދިއްކުރަމުން ދިޔައެވެ. އެމަންޒަރު ވީ އިތުރަށް ޒަހާގެ ހިތް ކުދިކުދި ވީ މަންޒަރަކަށެވެ. އެދަރިފުޅާ ދިމާލަށް ދުވެފައި ދާން ބޭނުންވިޔަސް މިއަދު ޒަހާއަށް އެކަން ކުރެވޭކަށް ނެތެވެ. ޖިޔާއަށް ހިމާޔަތްދޭ ދާން އެދިފައި އިންވަރުން އޭނާގެ ދެފައިގައި ތުރުތުރު އަޅަމުން ދިޔައެވެ.

ޖިޔާގެ ގައިމަތީގައި އޮތް ވާރިޝް ކޮނޑުގައި އަތްއަޅާ ދުރަށް ކޮށްޕާލީ ސީނާއެވެ. ނީލަމްއަށް ބަލަން ހުރެވުނީ އާގަމަވެފައެވެ. ހިނދުކޮޅަކަށް އޭނާގެ ހިއްސުތައް މަސައްކަތްކުރުން ހުއްޓާލިފަދައެވެ. ބިރުން ވިރިވިރި އޮތް ޖިޔާ އެނދުން ފުންމާލިގޮތަށް ބައްދައިގަތީ އެންމެ ކައިރީގައި ހުރި ސީނާގެ ގައިގައެވެ. އެހިނދު އެނދުން ތިރިއަށް އެލިފައި އޮތް ކުއިލްޓް އަންބަރް ދަމައިގަތެވެ. އަދި ޖިޔާގެ ގައިގައި ވަށާލިއެވެ. އެހުރިހާ މަންޒަރެއް ބަލަން އިން ޒަހާއަށް ބާރަށް ރޮއެގަނެވުނެވެ. ޖިޔާއަކީ އޭނާގެ މުޅި ދުނިޔެއެވެ. ދުނިޔެއަށް އުފަންވި ހަމައެކަނި އަންހެން ދަރިއެވެ. ނުވަ އަހަރު ފުރި ދިހަ އަހަރު ފުރެންދާއިރު ޖިޔާއަށް އެފަދަ ބިރުވެރިކަމެއް ދުވަހަކުވެސް ދިމާވެފައެއް ނެތެވެ.

"ކަލޭ... އަހަރެން ކަލޭ މިއަދު މަރާލާނަން" ހުސް ބޮކްސާކޮޅުގައި ހުރި ވާރިޝް ދެއަތުގައި ހިފާފައި ދަމަމުން ކޮޓަރިން ނެރުނީ ޖޫދެވެ. ކޮޓަރި ތެރޭގައި ވާރިޝްއަށް އެތައް އަނިޔާއެއް ދިނުމަށްފަހުގައެވެ. ރޮއެރޮއެ ހުރި ޖިޔާ އަނބުރައިގަނެގެން ސީނާގެ އަތުގެ ތެރެއަށް ދެމުނީ އެވަގުތުއެވެ.

"މިގުޅަނީ ފުލުހުންނަށް" އަންބަރް ބުންޏެވެ. ޖޫދާ ދުރުގައި ހުރެ މާނޭވާތަކެއް އަޅަމުން ދިޔަ ވާރިޝް ނުލަފާގޮތަކަށް ހީލައިފިއެވެ. ޖޫދު ދިން އަނިޔާތަކަށް ފަހުގައިވެސް ވާރިޝް މައިތިރި ނުވެއެވެ.

"ކަލޭމެން ކިތައްފަހަރު އަހަރެން ފުލުހުންނާ ހަވާލުކޮށްފިން. އެއްވެސްކަމެއް ވިތަ؟" ވާރިޝް ބުންޏެވެ. ކުރަން އުޅުނު ކަންތަކުގެ އެއްވެސް ހާސްކަމެއް ބިރުވެރިކަމެއް އޭނާގެ ނެތެވެ. ދެވަނަ ފަހަރަށްވެސް ވާރިޝް އާ ދިމާލަށް ދިޔަ ޖޫދު ހިފެހެއްޓީ މިފަހަރުވެސް އަންބަރެވެ. ޖޫދު އެހައި ރުޅިގަދަވެފައި ހުއްޓައި އަންބަރަށް ފެނުނު މިއީ ފުރަތަމަ ފަހަރެވެ. ފުރަތަމަ ފަހަރުވެސް އަންބަރް ދެމެދަށް ވަދެ ޖޫދު ނުހިފެހެއްޓިނަމަ މިއަދު ރާއްޖޭގެ ހަބަރުތަކުގެ ފަލަ ސުރުހީގައި އޮންނާނީ ވަޅިން ހަމަލާ ދީ ޖޫދު މީހަކު މަރާލި ހަބަރެވެ. ޖޫދު އަތުން އަންބަރަށް ވަޅި އަތުލެވުނީވެސް އެހާ މަސައްކަތުންނެވެ.

"އަހަރެންގެ ހިތް އަދިވެސް ނުފުރޭ. ކަލޭ އެތަނަށް ވަނުން އެންމެ މިނިޓެއް ލަސްކޮށްލި ނަމަވެސް ކަލޭގެ މުޅި އާއިލާ މުޅި އުމުރަށް ކަރުނައަޅާ ވަރު ކުރީމުސް" ވާރިޝް ބުންޏެވެ.

އަދިވެސް އޭނާ ހުރީ އޭނާގެ ގޮތުގައެވެ. ފުލުހުންގެ ނަން އިވިފައި ބިރުގަންނަ ވާރިޝް މިއަދު އެއްވެސް ބިރެއް ޖެހިލުމެއް ނެތެވެ. އޭނާ ހީކޮށްގެން ހުރީ މިއަދުވެސް ނަސޭހަތާއި އިންޒާރުދީފައި އޭނާ މިނިވަންކަމަތީގައި ދޫކޮށްލާނެ ކަމަށެވެ.

"ކަލޭ ހާދަ ހަޔާތްވެސްކުޑައޭ. ބަލާބަލަ ޖަހާ ސިފަ. ކަލޭ ހިތުން ކަލޭ ތިއީ ފިރިހެނެއްތަ؟ ހީވަނީ ރަނޑު އަންހެނެއްހެން" އަންބަރް ބުންޏެވެ. އެ އަޑު އަހަން ވާރިޝްއަށް ފަސޭހަނުވިއެވެ. އެއްލިގެން އެ އައިގޮތަށް ދިމާކުރީ އަންބަރްގެ ކަރުގައި ހިފާށެވެ. ޖޫދު ވާރިޝްގެ އަތުގައި ހިފައި އަނބުރާލިގޮތަށް ދުރަށް ކޮށްޕާލިއެވެ.

"ހެހެހެ... އަހަރެން މިއީ އަންހެނެއް ނޫން ކަން އެންމެ ބޮޑަށް އެނގޭނެ މީހަކީ ކަލޭ" އަންބަރާ ދިމާލަށް ވާރިޝް ބުންޏެވެ. ރޮއެރޮއެ އިން ޒަހާ ހައިރާންކަމާއެކު އަންބަރްގެ މޫނަށް ބަލައިލިއެވެ. ހުރި ހަމައެކަނި އަންހެންދަރިފުޅުގެ އަބުރު ވެއްޔާ މޮޑެން މަސައްކަތް ކުރި މީހަކީ ކާކުކަން ޒަހާއަށް އަދި ކިރިޔާ އެނގުނީއެވެ.

"ކަލެއަށް އިނގޭތަ ކަޅު ފޮތިގަނޑެއް އޮޅައިގެން ތިގެންގުޅެނީ ކާކުކަން. އެއީ... އަހަރެން ހަދާނެ ގޮތެއް ހަދާފައި ހުރި އަންހެނެއް. ކަލެއަށް ތިލިބުނީ މާފަހުން. ކަލެ އާ އޭނަ އިނީވެސް މަ ބުނެގެން"

ނުވިސްނާ ހުރެ އަންބަރްގެ އަތު ތެރެއިން ޖޫދު ވީއްލިގަތެވެ. ހޭވެރިކަމެއް ވިއިރު ގުދަށް އޮތް ވާރިޝްގެ އަނގައިން ލޭތިކި ޓައިލްސް މައްޗަށް ޖަހަމުން ދިޔައެވެ. އެމަންޒަރު ފެނުމުން އަންބަރަށް އަނގަމަތީގައި އަތް އެޅުނެވެ. ނީލަމް ހިތްވަރުކޮށްގެން ޝަކުވާގެ ނަޒަރަކުން ވާރިޝްއަށް ބަލަހައްޓައިގެން ހުއްޓެވެ.

"ދެން ހެޔޮ ދަރިފުޅާ. ދެން އޭނަގެ ގައިގައި އިނގިލި ކުރިވެސް ޖައްސާނުލާތި. އެއްވެސް އިންސާނެއްގެ ގައިން ލޭ އޮހޮރުވުމުގެ ހައްގެއް އަހަރެމެން އިންސާނުންނަށް ލިބިގެނެއްނުވޭ. ތިކަމަށް ދަރިފުޅު ތައުބާވާން ޖެހޭ" އެވަގުތުވެސް ޒަހާ އިސްކުރީ ކެތްތެރިކަމެވެ. ފިރިހެން ދަރިފުޅަށް އޭނާ ބުނެދިނީ ދީނުގައި އެކަން އޮންނަ ގޮތެވެ.

"އަހަރެން އަދިވެސް ހުއްޓައެއް ނުލާނަން. ކަލޭގެ އާއިލާ ދުލެއް ނުކުރާނަން. އަހަރެން މަންމަގެ ލޮލުން ވެއްޓުނު ކޮންމެ ކަރުނަތިއްކެއްގެ ބަދަލު ހިފާނަން" އަނެއްކާވެސް ވާރިޝް އަޑުލައިގަތެވެ. މިފަހަރު ގޮނޑި ދުއްވާފައި އައިސް ޒަހާ ވާރިޝް އާ ގާތަށް ޖެހުނެވެ.

"ތިގޮނޑީގައި މުޅި އުމުރަށް ކަލޭ އިންނަން ޖެހުން އެއީ ކަލޭގެ އަދަބު. އެއްވެސް އެއްޗެއް ނުވިސްނޭ ދޯ. ކަލޭ ކޮން މޮޅެއް ވާންވެގެންތަ އަހަރެންގެ މަންމަގެ ދިރިއުޅުން ބަރުބާދުކުރީ" މިފަހަރު ވާރިޝްގެ ބަސްތައް އަމާޒުވީ ޒަހާއާއެވެ.

"އޭތް... ކަލޭ ދެން އެންމެ ބަހެއް...."

ޖޫދުގެ ވާހަކަތައް ކުރިއަށް ނުގެންދެވުނެވެ. ޒަހާ އަތްދިއްކޮށް ހުރި ތަނުގައި މަޑުޖެހުމަށް ޖޫދަށް އެންގިއެވެ. ވަގުތުން ޖޫދު މަންމަގެ އަމުރަށް ކިޔަމަންވިއެވެ.

"ތިއީ ކާކު؟ އަހަރެންގެ އާއިލާ އާ ގުޅިގެން ކަލެއަށް ކޮންކަމެއް އެނގެނީ؟ ތިހާ އުމުރުން ހަގު ކުއްޖަކަށް އަހަރެން އެނގެނީ ކިހިނެއް؟" ޒަހާ ވާރިޝް އާ ސުވާލުކުރިއެވެ.

ޒަހާ ހުރީ އެހުރިހާ އެއްޗެއް އެނގެން ބޭނުންވެފައެވެ. އެހެނީ ވާރިޝް އެކުރި ހަޑި އަމަލުގެ ފަހަތުގައި ބޮޑު ސިއްރުގަނޑެއް ވާކަން އޭނާއަށް ވިސްނިއްޖެއެވެ. ބަދަލުހިފުމުގެ ރޫހުގައި އެކި މީހުން ކުޅޭނީ އެކި ކުޅިގަނޑެވެ. ނީލަމް ވާރިޝް ހުއްޓުވަން ބޭނުންވިއެވެ. އެހެންނަމަވެސް އޭނާއަށް ކުރިއަށްޖެހެން ނުކެރުނެވެ.

"މީގެ އަހަރުތަކެއް ކުރިން ކަލޭ ހިތާވެގެން ލޯބިވެގެން އިނީ އަހަރެންގެ ބައްޕަ އާ. އެވެސް ދެއަންބަށް. މާލެއިން މުއްސަންޖެއް ރަށަށް އެރީމަ ކަލޭގެ ހިތް އާސްމާނުގައި އޮތީ. ފައިސާ އާއި މުދަލަށް ދަހިވެތިވެގެން އަހަރެންގެ މަންމަގެ ދިރިއުޅުން ބަރުބާދުކޮށްލީ. އެކަން އެނގުނު ހިސާބުން ފެށިގެން އަހަރެންގެ މަންމަ ދިރިއުޅުން ހުއްޓާލައިފި. ދިރިހުއްޓަސް ހަމަ މަރުވެފައިވާ މައްޔިތެއްފަދަ. ކަލޭ އެހުރިހާ ކަމެއް ކުރީ ހަމަ ގަސްދުގަ" ވާރިޝް ވާހަކަދެއްކިއެވެ.

ފަރީހާގެ ހިތާމަވެރި ދުވަސްތައް ހަނދާންވުމުން ވާރިޝްއަށް ޖަޒުބާތީވެވުނެވެ. އިސާހިތަކު އޭނާގެ ދެލޮލުން ކަރުނަ ނީރާލިއެވެ. އިވުނު ވާހަކަތަކުން ޒަހާ އިނީ ކިޔާނެ ބަހެއްވެސް ނޭނގިފައެވެ. ދަރިންގެ ބައްޕަ އާ އޭނާއަށް އިނީ ދެއަންބަކަށް އެނގެއެވެ. އެހެންނަމަވެސް ވާރިޝް އެނބުނި ގޮތަށް އެއީ އެހާ ސުލްހަވެރި ކައިވެންޏެއް ކަމެއް އޭނާއަށް ނޭނގެއެވެ. ދަރިންގެ ބައްޕަގެ ފަރާތުން އެނގުނު ގޮތުގައި އެއީ މަޖުބޫރީ ކައިވެންޏެކެވެ. ނިކަމެތި އަންހެނަކަށް އޭނާ ވެދިން އިހުސާންތެރިކަމެކެވެ. އޭނާއަށް ހަގީގީ ލޯތްބެއް ވެވުނީ ޒަހާދެކެއެވެ. ވީއިރު ކައިވެނިމަތީގައި ދެމިހުރެވުނީ އޮޅުވާލައިގެންތާއެވެ؟ ކުރިމަތީގައި ހުރި ފިރިހެންކުއްޖާއަކީ އޭނާގެ ދޮންދަރިއެއް ހެއްޔެވެ؟ ޖޫދާއި ޖިޔާ ފަދައިން އެ ފިރިހެންކުއްޖާގެ ވެސް ބައްޕައަކީ ހަމަ އެކަކު ހެއްޔެވެ؟ އެހެންކަމަށްވާނަމަ ސުބްހާނަﷲ. އެއްބަފާ ކޮއްކޮއަކު ގަޔަށް އަރަން މަސައްކަތް ކުރާނީ ހާދަހާ ގޮތެއްނެތް ފިރިހެނެކެވެ. އަނގަމަތީގައި އަތްއެޅި ގޮތަށް ޒަހާއަށް ރޮވުނެވެ.

"ގަބޫލެއްނުކުރެވޭ ދޯ. އަހާބަލަ ނިކަން ފަހަތުގައި ތިހުރި އަންހެންކުއްޖާ ކައިރީގަ. ނީލަމް. އަހަރެންގެ މަންމައަކީ ނީލަމްގެވެސް މަންމަ" ވާރިޝް ބުންޏެވެ. ދެއުކުޅުވަޅުގައި އަތް އަޅުވައިގެން ހުރިއިރު ވާރިޝް ހުރީ ވަރަށް ހަމަޖެހިފައެވެ. އޭނާއަށް އޮތް އަދަބެއްގެ ހިލަމެއްވެސް ނުވާ ކަހަލައެވެ.

"ނީލަމް..." ޒަހާއަށް ނީލަމްއަށް ބަލައިލެވުނެވެ. ރޮއެރޮއެ ނީލަމްގެ ދެލޯ ވަނީ ދުޅަވެފައެވެ. މިހުރިހާ ދުވަހު ނީލަމް ސިއްރުކޮށްގެން އުޅުނު ކަންތައް ހުރިހާ މީހުންގެ ކުރިމަތީގައި ވާރިޝް ފަޅާއަރުވާލައިފިއެވެ. އަންބަރް ފިޔަވާ ދެން ތިބި ހުރިހާ މީހުންގެ ނަޒަރު ހުއްޓިފައި ހުރީ ނީލަމްއަށެވެ.

"އެއީ ދޮގެއް. އަހަރެންގެ ލޭގެ ގުޅުމެއްވާ އެންމެ އިންސާނެއް މިދުނިޔޭގަ ހުރީ. އެއީ އަލިޝްބާ. މިއީ އަހަރެންގެ މަންމަ. މައެއްގެ ލޯބިދީގެން ކުޑަ ދުވަހުން ފެށިގެން ގެންގުޅުނު މީހެއް. އަހަރެން ފަދައިން މީނަވެސް ތަރުބިއްޔަތުކުރީ އަހަރެންގެ މަންމަ. އެމަންމައަށް ފިރިހެން ދަރިއެއްގެ އެހީތެރިކަން އެންމެ ބޭނުންވި ދުވަހު އިބާ އާ ކައިވެނިކޮށްގެން މީނަ ރައްކާވީ. މިއީ ކޮންކަހަލަ މީހެއްކަން އެނގިގެން އިބާ ދުރަށް ދިޔައިރުވެސް މީނަ ހޭބަލިވެގެން އިބާ ފަހަތުން އުޅުނީ. މަންމަދެކެ މާލޯބިވާކަމަށް ހެދިގެން އުޅޭއިރު އެމަންމަ އެދޭނެތަ ދަރިއަކު މިކަހަލަ ދިރިއުޅުމެއް އުޅޭތަން ބަލަން. އެކަމަކު މިއަދު އެމަންމަ ކަށްވަޅުގައި އޮންނަންވެސް މީނަ ދަތިކޮށްފި. އޭނަ ބައްޕައޭ އެކިޔާ މީހަކީވެސް އެނާގެ އުފަން ބައްޕައެއް ނޫން. ޖޫދާއި ޖިޔާގެ ބައްޕައަކީ މީނަގެ ބޮޑުބޭބެ. ބޭބެ މަންމަ އާ ކައިވެނި ކުރިއިރު މީނަ ކުޑަ" ނީލަމް ހުރިހާ ވާހަކަތަކެއް ޒަހާއަށް ކިޔައިދިނެވެ. އެހިތްވަރު އޭނާ ނެރުނީ އެތައް މަސައްކަތަކަށް ފަހުގައެވެ. ކޮއްކޮއެއްގެ މަގާމުން ވާރިޝްގެ ނަން އޭނާ ކަނޑާލިތާ ކިތަންމެ ދުވަހެކެވެ. އަމުދުން މިއަދަށް ފަހު ވާރިޝްއަށްޓަކައި އޭނާގެ ހިތުގައިވީ ހަމައެކަނި ނަފުރަތެވެ.

"ދޮންތާ...!" ނީލަމްގެ ވާހަކަތައް ހުރި ގޮތުން ވާރިޝްގެ ހިތަށް ތަދުވެއްޖެއެވެ. އޭނާއަށް ނީލަމް އާ ގާތަށް އެއް ފިޔަވަޅު އެޅުނެވެ. އެހެން އެއްވެސް މީހަކަށް އިތުބާރު ނެތަސް އޭނާ އާ ނީލަމް އެހީވާނެކަމުގައި އޭނާއަށް ހީކުރެވުނެވެ.

"ކޮން ދޮންތައެއް. އަހަރެންގެ ނަމަކީ ނީލަމް. ކަލޭ ލަދެއްވެސް ނުގަނޭތަ އުމުރުން އެހާ ހަގު ކުއްޖެއްގެ ގަޔަށް އަރަން. ކަލޭ ނިކަން މަގޭ ގަޔަށްވެސް އަރާބަލަ. އަރާބަލަ. ތިއީ ފިރިހެނެއްކަން އަންގާލަބަލަ" ވާރިޝް ދެކޮނޑުގައި ހިފައި ނީލަމް ހަޅޭއްލަވަމުން ދިޔައެވެ. އެންމެފަހުން ވާރިޝް އާ ނީލަމް ދުރުކުރީ އަންބަރެވެ.

"އަހަރެން ހީކުރީ ދޮންތަ"

"ހަގީގަތުގައިވެސް ކަލޭ، އަހަރެންނަކީ ދައްތައެއް ކަމަށް ގަބޫލުކުރިނަމަ ތިއުޅުން ނޫޅުނީސް. މައުސޫމް އަންހެންކުއްޖެއްގެ އިއްފަތްތެރިކަން ނަގާލަން މަސައްކަތް ނުކުރީސް. ނިކަމެތި މަންމަ އާއި ދައްތަ މާލެ ތެރެއަށް ދޫކޮށްފައި ނުފިލިސް. ޅަ އުމުރުގައި އަހަރެން ހުވަފަތްވެ މުޅި ދުނިޔެއަށް އަހަރެން ގިނަވެފައި ހުރިއިރު އަހަރެންނަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލީސް. ގެއިން ފިލައިގެން ދިޔަފަހުން ދުވަހަކުވެސް އަހަރެންގެ ހާލެއް މަންމަގެ ހާލެއް ބަލައިލިންތަ؟ އެންމެފަހުން މީނަގެ ސަބަބުން މަންމަ ހިތާމަކޮށްކޮށް މަންމަގެ މުޅި ނަފުސު ބަލިކަށިވެ މިދުނިޔެ ދޫކޮށް ދިޔައީ" ނީލަމްއަށް ރޮވުނެވެ. ޒަހާ ހިތުގައި ޖެހުނެވެ. ނީލަމް އާ މެދު ޒަހާގެ ހިތް ބޯކިރުކޮޅެއްހާ ސާފެވެ.

"މިއަދު އަހަރެން ދެރަވޭ އަހަރެން ދަރިއަކަށް ހެދި އިންސާނާގެ ދެއަތުން ކަލެއަށް ކުރި ހިދުމަތްތައް ހަނދާންވެފައި. ޔަގީނުންވެސް ތިކަހަލަ މުޑުދާރު ކަންތައްތައް ކުރަން އަހަރެންގެ މަންމަ ކަލެއަށް ދަސްކޮށްނުދޭ. މިއަދު ކަލޭ ތިކުރި މުޑުދާރު އަމަލު ބަލަން އެ މަންމަ ދުނިޔޭގައި ނެތްކަން އެއީ ނަސީބު. އަހަރެން ނުބުނަންތަ މި އާއިލާއަކީ ކަލޭ ތިހީކުރާ ކަހަލަ ނުބައި ބައެއް ނޫނޭ. ނުބުނަންތަ ޒަހާއްތަ އަކީ މާތް އިންސާނެކޭ. މިއަދު ކަލޭގެ ސަބަބުން މިއާއިލާގެ ކުރިމަތީގައި އަހަރެން ބަދުނާމުވެ އަގުވެއްޓިއްޖެ. މިއިން މީހަކާ އަހަރެން ކުރިމަތިލާނީ ކިހިނެއް؟ އަހަރެންނަށް ގެއްލިފައިވާ ދުނިޔެ ހޯދައިދިން މީހުންނަކީ މިއީ... އެކަމަކު މިއަދު..... އަ.....ހަ.....ރެ.....ން......" ގިސްލެވޭވަރުން ނީލަމްއަށް ވާހަކަތައް ކުރިއަށް ނުގެންދެވުނެވެ. ނީލަމްގެ ވާހަކަތަކަށްފަހު ވާރިޝް ބަސްހުއްޓިއްޖެއެވެ. ދުލުގައި ތަޅެއް އަޅުވާފައި ހުރި ކަހަލައެވެ. ރޯންވެސް ހޭންވެސް ނޭނގިފައި ވާރިޝް ހުއްޓެވެ. އެވަގުތުގެ ބޭނުން ހިފީ އަންބަރެވެ.

"މީނަގެ ނުބައި ނުލަފާކަން އަދި ނީލަމްދައްތައަށް ނޭނގެނީ. ރައިކާގެ ބައްޕައަކީވެސް މިއީ. މީނަ އެކަން ގަބޫލެއްނުކުރި. ދެން ވިސްނަބަލަ މީނަގެ ކިތައް ކިތައް ދަރިން މިދުނިޔޭގައި ތިބޭނެ" އަންބަރް ބުންޏެވެ. އަންބަރްގެ އެވާހަކަތަކާއެކު ޒަހާއާއި ޖޫދަށް ޙހައިރާންކަމެއް ލިބުނެވެ.

ޖޫދުގެ ފަހަތުން ވަދެގެން އައި ފުލުހުންގެ ޓީމް ފެނި މިފަހަރު ވާރިޝް ހަރަކާތެއް ނުކުރިއެވެ. އެންމެންގެ ކުރިމަތީގައި ވާރިޝް ބިޑި އަޅުވައިގެން ބޭރަށް ނެރުނެވެ. އަންހެން ދެ އޮފިސަރަކު އަނިޔާ ލިބުނު ފަރާތާ ބައްދަލުކުރަން އެދުނެވެ. ޖިޔާއަކީ ކުޑަކުއްޖަކަށްވެފައި އެފަދަ މައްސަލަތަކަކީ ވަރަށް ސީރިޔަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ މައްސަލައެއް ކަމުގައި ބުންޏެވެ. ކޮޓަރީގައި މިހުރިހާއިރު ހުރި ސީނާ ދުވެފައި ނުކުތީ ފުލުހުންގެ ދެ އޮފިސަރުން ޖިޔާގެ ކޮޓަރިއަށް ވަންނަން އުޅުނު ވަގުތުގައެވެ.

"މަގޭ ދަރި...." ސީނާ ރޮއެގަތެވެ. ޖޫދު އަޑުއައި ދިމާލަށް ދުއްވައިގަތެވެ.

"އެމްބިއުލާންސަށް ގުޅާ" ސީނާ ބުންޏެވެ.

ވިއްސަކަށް މިނިޓް ތެރޭގައި ޖިޔާ ހޮސްޕިޓަލަށް ގެންދެވުނެވެ. ލިބުނު ޝޮކްގައި ޖިޔާ އަނބުރައިގަތީއެވެ. ސީނާގެ އެތައް މަސައްކަތަކަށް ފަހު ޖިޔާ ހޭއަރާފައި ވެސް ކުއްލިއަކަށް ފިޓް ޖެހުނީއެވެ. އަނގައިން ހުދު ފޮނުތަކެއް ބަލާފައި މުޅި ކުއްޖާ އެއްކޮށް ތެޅެންފެށީއެވެ.

އެމެޖެންސީ ރޫމުގައި ޖިޔާއަށް ފަރުވާދެމުން ދިޔައިރު ޖޫދުގެ އާއިލާ ތިބީ ބޭރުގައެވެ. ކިތަންމެ ހިތްވަރުކޮށްގެން ހުއްޓަސް ޒަހާއަށް ރޮވެނީއެވެ. އެހަބަރު ލިބުމާއެކު އަންބަރްގެ މައިންބަފައިންގެ އިތުރުން އައިމަންގެ އާއިލާވެސް ހޮސްޕިޓަލުގައި އައިސް ތިއްބެވެ. ލިބުނު ހަބަރާއެކު ރަށުގެ ރައްޔިތުން ހޮސްޕިޓަލް ކައިރިއަށް ޖަމާވަމުން ދިޔައެވެ.

އެތެރެއަށް ވެއްދި ކުއްޖާގެ ހަބަރެއްނުވެ ގިނަ އިރު ވުމުން ޖޫދު އެތެރެއަށް ވަނެވެ. ފުލުހުންގެ ޓީމަކާއެކު ޑޮކްޓަރުންނާއި ނަރުހުން ވާހަކަތަކެއް ދައްކަމުން ދިޔައެވެ. އެތަނާ ކައިރިވާން އުޅެފައިވެސް ފުލުހުންގެ ޓީމުގައި ހުރި ޖޫދުގެ ރައްޓެއްސަކު މަޑުކުރުމަށް ކޮށްލި އިޝާރާތަކާއެކު ޖޫދު މަޑުޖެހުނެވެ. އިރުކޮޅަކުން ފުލުހުންގެ ޓީމުގައި ހުރި އެންމެ އިސްއޮފިސަރާ ހާނީ ސަލާމްކުރިއެވެ. ދެން ހިނިތުންވުމަކާއެކު ޖޫދާ ދިމާލަށް ހިނގައިގަތެވެ.

"އަލްހަމްދުލިއްލާހް. ޖިޔާގެ އެއްވެސް މައްސަލައެއްނެތް" ޖޫދާ އަރައި ހަމަވެފައި ހާނީ ބުންޏެވެ. ހާނީ އެހާ ގާތްކޮށް ވާހަކަދެއްކުމުން ޖޫދު ހައިރާންވިއެވެ. ވީފޫއްސެއްގެ ބޮޑުކަމުން އޭނާ ހާނީ އާ ވާހަކަދައްކަން ބޭނުންނުވިޔަސް އެވަގުތު އެހެން ފަރުޖެއްސޭކަށް ނެތެވެ. އެމީހުންގެ ބެލުމުގެ ދަށުގައި އޮތީ އޭނާގެ ޒިންމާއެކެވެ. އެއްބަނޑު އެއްބަފާ ހުރި ހަމައެކަނި ފުރާނައެވެ.

"އައްސަލާމް އަލައިކުމް" ފުލުހުންގެ ޓީމުގައި ހުރި އިސް އޮފިސަރަކު ޖޫދާ ސަލާމްކުރިއެވެ. އެއަށްފަހު ޖޫދު ކޮނޑުގައި އަތް އަޅުވާލައިގެން ތަންކޮޅެއް ދުރަށް ހިނގައިގަތެވެ. އެޓީމުގައއި ހާނީގެ އިތުރުން އަތޮޅު ހޮސްޕިޓަލުގައި މަސައްކަތްކުރާ އަންހެނުންގެ ހާއްސަ ޑޮކްޓަރުގެ އިތުރުން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއްވެސް ހުއްޓެވެ. ޖޫދުގެ މޫނުމަތީގައިވީ ހާސްކަމެވެ.

"އެ ފިރިހެން މީހާއަށް ޖިޔާ ރޭޕެއް ނުކުރެވޭ. އެކުއްޖާގެ އެތެރެހައްޓަށް އެއްވެސް ގެއްލުމެއްވެފައި ވާކަމަށް އަޅުގަނޑުމެން ހެދި ޓެސްޓްތަކުން ނުދައްކާ. ޕޭޝަންޓް މިހާރު ހޭވެސް އަރައިފި. ނަފުސާނީގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައި ހުރީ. އަޅުގަނޑުމެން ރިފާ ކުރާނަން މާލެ ގޮސް ނަފުސާނީ ޑޮކްޓަރަކަށް ދައްކަން. މިވަގުތު ޕޭޝަންޓަށް ބޭނުންވަނީ ވަށައިގެންވި ހުރިހާ މީހުންގެ ލޯތްބާއި އަޅާލުން. ޕޭޝަންޓަށް ލިބުނު ޝޮކުން އަރައިގަނެވޭނީ މިބުނި ކަންކަން ފުރިހަމަވެގެން" އަންހެނުންގެ ޑޮކްޓަރު ޖެނީ ޖޫދާ މުހާތަބުކޮށް ވާހަކަދެއްކިއެވެ.

"މިހާރު ޕޭޝަންޓްގެ އާއިލާ ހުރިހާ މީހުންނަށްވެސް ޕޭޝާންޓާ ބައްދަލުކުރެވޭނެ. އެންޑް ޕްލީޒް... ހަނދާންކޮށް ހިނގއި ދިޔަ ހާދިސާ އާ ގުޅިގެން ޖިޔާ އާ އެއްވެސް މީހަކު ސުވާލެއް ނުކުރާތި. އެހެން މީހެއްގެ ދުލުން ނުވަތަ ކިޔާ އަޑު އިވުނަސް އަނެއްކާވެސް ޕޭޝަންޓަށް ތަހަންމަލު ނުކުރެވޭވަރުގެ ޝޮކެއް އައުން އެކަށީގެންވޭ" އިތުރަށް ޑޮކްޓަރު ޖެނީ ކިޔައިދިނެވެ. ބޯޖަހާލާފައި ޖޫދު ޝުކުރުއަދާކުރިއެވެ.

"ބޮޑު މައްސަލައެއްގެ ގޮތުގައި މި މައްސަލައިގެ ތަހުގީގު މިހާރު ފަށައިފި. އަޅުގަނޑުމެން ވިކްޓިމް ކައިރީގައި އަހައިގެން އޮޅުންފިލުވަންޖެހޭ ވަރަށް ބައިވަރު ކަންކަން އެބަހުރި. އެކަމަކު މިވަގުތަކީ އެވާހަކަތައް އަހަން އެންމެ ރަނގަޅު ވަގުތެއް ނޫން. ޑޮކްޓަރު ޖެނީ ވިދާޅުވިހެން ވިކްޓިމްއަށް ވަގުތު ބޭނުންވޭ. ސޯ މިވަގުތަށް އަޅުގަނޑުމެންނަށް ބުނެވޭނީ ތަހުގީގު ދަނީ ކުރިއަށޭ" ފުލުހުންގެ އޮފިސަރު ވާހަކަދެއްކިއެވެ.

ޑޮކްޓަރުންނާއި ފުލުހުންގެ ބަޔާން ޖޫދު ބޭރަށް ނުކުމެ އާއިލާ މީހުންނަށް ކިޔައިދިނެވެ. އެވަގުތު ޒަހާއަށް ހެއްދެވިފަރާތަށް ހަމްދުކުރެވުނެވެ. ޖޫދަށް ކޮޓަރިއަށް ވަދެވުނީ އެންމެ ރަނގަޅު ވަގުތަށޭ އެންމެންނަށް ހީވިއެވެ. ޒަހާ ޖިޔާއާ ބައްދަލުކުރަން ބޭނުންވިއެވެ. އެހެންނަމަވެސް އެތެރެއަށް ވަނުމުގެ ކުރިން ފަސްއެނބުރި ބަލައިލިއެވެ. ނީލަމް ނޫން އެންމެން އެތަނުގައި ތިއްބެވެ. ކަންތައް ހިނގައިދިޔަ ގޮތުން ނީލަމްއަށް އަންނަން ނުކެރުނީ ކަމުގައި ޒަހާ ހީކުރިއެވެ. ދެން އޭނާ ބަލައިލީ ކަންބޮޑުވެފައި ހުރި ރިކްޒާއަށެވެ. ގަޑީގެ ކަށި އެބަ ހިނގައެވެ. ޖިޔާއަށް ކޮންމެ ހާލަތެއް ކުރިމަތިވި ކަމުގައި ވިޔަސް އެރެއަކީ ބޮޑު ރެއެއްކަން އެންމެންނަށްވެސް އެނގެއެވެ. ޒަހާ އެދުނީ އެ އާއިލާއަށް ބައިވެރި ނުވެވުނަސް ހަފުލާ ކުރިއަށް ގެންދިޔުމަށެވެ. ހިތާ ދެކޮޅަށް ނަމަވެސް ސީނާ އެއްބަސްވިއެވެ. އެރެއަށް ހާއްސަކޮށް އެތައް ކާނާއަކާއި އެތައް ހަރަދުތަކެއް ކުރެވިފައި ވީތީއެވެ. މެހެމާނުންނަށް ދައުވަތުދީ ފަހު މިނެޓުގައި އެއްވެސް ކަމެއް ބަދަލުނުކުރެވޭނެތީއެވެ.

ޖިޔާ ހޮސްޕިޓަލުގެ ކޮޓަރިއަކަށް ގެންދެވުނެވެ. ލޯ ހުޅުވައިގެން އޮތަސް އެކުއްޖާ އެއްވެސް ދިމާލަކަށް ބަލައިނުލައެވެ. މީހަކާ ވާހަކަވެސް ނުދައްކައެވެ. ލޯތްބާއެކު ޒަހާ ޖިޔާގެ ބޮލުގައި ފިރުމާލިއެވެ. އެހިނދު ޖިޔާ ސިހިގެން ގޮސް ދެލޯ ބޮޑުކޮށްފައި ޒަހާއަށް ބަލައިލިއެވެ. ހީވީ މަންމަގެ ބީހުންވެސް ޖިޔާއަށް ކަމުނުދާ ހެންނެވެ.

"މިއީ މަންމައޭ" ޒަހާ ބުންޏެވެ. ޖިޔާ ޖަވާބެއް ނުދިނެވެ. އަނެއްކާވެސް އެއްދިމާލަކަށް އޭނާގެ ނަޒަރު ހުއްޓިއްޖެއެވެ. އިރުކޮޅަކާ މޫނު ބޯދެފަރާތަށް ހޫރާލާނެއެވެ. ނިދާ އިންޖެކްޝަނެއް ޖިޔާއަށް ދިނީ އޭނާ ވިސްނުންތަކާ ފިކުރުތަކުން އެއްފަރާތް ކުރުމަށެވެ. އެއްވެސް މީހަކާ ޖިޔާ ވާހަކަނުދެއްކި ނަމަވެސް އެމަންޒަރުތަކުން އޭނާއަށް އުނދަގުކުރާނެކަމަށް ޚާނީ ބުންޏެވެ. ޚާނީ ކޮޓަރިން ނުކުންނަމުން އަންބަރަށް އިޝާރާތެއްކޮށްލިއެވެ. ޚާނީ އާ އެކުގައި ކުޑަވަގުތުކޮޅަކަށް ބޭރަށް ނުކުމެލުމަށް ޚާނީ އެދުނީކަން އަންބަރަށް އެނގުނެވެ. އަންބަރް ނުކުތީ ޖޫދު ކައިރީގައި ބުނެފައެވެ.

(ނުނިމޭ)