ރައްޔިތުންގެ މަޖިލީހާ ގުޅޭ ގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "އާސްކް ސްޕީކާ" ޕްރޮގްރާމެއް ބާއްވަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ބުނީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވާ "އާސްކް ސްޕީކާ" ޕްރޮގްރާމް އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭގަނޑު 9:00 ގައި ކަމަށެވެ.

ރައީސް ނަޝީދާ ސުވާލުކުރަން ބޭނުންވާ ފަރާތްތަކުން، ސުވާލު ފޮނުއްވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެގޮތުން ސުވާލު ވީޑިއޯ ކުރުމަށްފަހު ފޮނުވައިގެން ނުވަތަ މެސެޖު މެދުވެރިކޮށް ސުވާލުކުރެވޭނެ ގޮތް ވަނީ ހަމަޖައްސައިފައެވެ.

އެގޮތުން ސުވާލުކުރާ ފަރާތުގެ ނަމާއި ކުރަން ބޭނުންވާ ސުވާލު، އަންނަ އަންގާރަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ހޮޓްލައިން ނަންބަރު 7234566 އަށް ސުވާލު ފޮނުވަން ވަނީ އެދިފައެވެ.

މީގެ އިތުރުން ކްލަބްހައުސް މެދުވެރިކޮށް ސުވާލުކުރަން ބޭނުންވާ ފަރާތްތަކުން ނަމާއި ކްލަބްހައުސް އެކައުންޓުގެ ނަން ހޮޓްލައިނަށް ފޮނުވަން ވަނީ އެދިފައެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް #AskSpeaker ޖެހުމަށްފަހު ސުވާލު ކުރަމުން ގެންދަން މަޖިލީހުގެ އިދާރާއިން ވަނީ އެދިފައިއެވެ.

މިއީ މިގޮތަށް އާންމުކޮށް ރައްޔިތުންނަށް ހުޅުވާލައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ބާއްވާ ހަތަރު ވަނަ ޕްރޮގްރާމެވެ. "އާސްކް ސްޕީކާ" ޕްރޮގްރާމް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ ޖުލައި މަހުގެ ފަސް ވަނަ ދުވަހުއެވެ.