ވާހަކަ

ޖޫދް - 48

6

"ކޮއްކޮ ބަސް އަހައިގެން ހުންނައްޗެ. މަންމަ އަންނާނަމޭ ވަރަށް އަވަހަށް" ހެމުންހެމުން ފެންފުޅި ހިފައިގެން ކޮޓަރިން ނިކުންނަން ދިޔަ އަންބަރް ބުންޏެވެ. ވަކި ހިސާބަކަށް ނުދެވެނީސް އަންބަރަށް ހީވީ ކޮޓަރީގެ ޓައިލްސްގަނޑު އަރިއަޅާލި ހެންނެވެ. އަތުން ފެންފުޅި ދޫވެގެން ވެއްޓުނު ވަގުތު އަމިއްލަ ސަލާމަތަށް އެދި އޭނާއަށް އަތް ވިއްދުނީ ލައްޕާލާފައި ހުރި ކޮޓަރީގެ ދޮރުގައެވެ.

ޖޫދު ބަލައިލީ ބިންމަތީގައި ފެންފުޅި ޖެހުނު އަޑަށެވެ. އަންބަރް އަރިއަޅާލި މަންޒަރު ފެނުމުން އޭނާ ދުއްވައިގަތެވެ. ގަޔާ އަންބަރް ލައްކޮށްލައިގެން އައިސް އެނދުގައި ބޭއްވުމާއެކު ވަރުބަލި ގޮތަކަށް އަންބަރް ދެލޯ ހުޅުވާލައިފިއެވެ.

"ކުޑަކޮށް ބޯ އަނބުރާގޮތް ވީ" ޖޫދު އެހުމަކާނުލާ އަންބަރް ބުންޏެވެ.

"ދެން ހެޔޮ. މިއަދަށް މަސައްކަތް ނިމުނީ. ރެސްޓްކުރޭ. އަހަރެން މަންމަ ކައިރީގައި ބުނާނަން އިބާ ބަލިވީއޭ" ޖޫދު ބުންޏެވެ. ޖޫދުގެ އަޑުގައި ކަންބޮޑުވުން ވިއެވެ. އެއްވެސް ކަމަކާނުލާ އެއްވެސް މީހެއްގެ ބޮލެއް ނާނބުރާނެއެވެ. އަންބަރް ވަގުތުން ދެކޮޅު ހެދިއެވެ.

"މިގޮތަށް ބަޔަކާ ބައިވެރިވެގެން މަސައްކަތްތަކެއް ކުރަން އަހަރެންނަށް ވަރަށް ދަސްވެފައި ނެތް. މިފަހަރު ނުހުއްޓުވަބަލަ. މިބުނީނު މިހާރު ރަނގަޅޭ" އަންބަރް ބުންޏެވެ.

"ޝްޝްޝް.... " ޖޫދު އަންބަރަށް ދެން އިތުރަށް އެކަމާ ގުޅިގެން ވާހަކަދައްކަން މަނާކުރިއެވެ. އިރުކޮޅަކު ހިމޭނުން ޖޫދަށް ބަލަހައްޓައިގެން އިނދެފައި އަނެއްކާވެސް އަންބަރް ވާހަކަދައްކަން ފެށިއެވެ.

"އެކަމަކު ނީލަމްދައްތަ އާއި ރިކް ގެ....."

"އިބާ ރެސްޓު ކުރިޔަސް ނީލަމް މިރޭ އައްމާރާ އިންނަން ރަންކިޔާނެ. ރިކްގެ ކައިވެނިވެސް ކުރެވޭނެ. ބަރާބަރު ވަގުތަށް ހުރިހާ ކަމެއް ހަމަޖެހޭނެ. ޑޯންޓް ވޮރީ ލަވް" އަންބަރްގެ މޫނުގައި ފިރުމާލާފައި ޖޫދު ބުންޏެވެ.

"ކޮއްކޮ ބަސްއަހައިގެން އޮވޭ. ބައްޕަ އަންނާނަން ބޯލާނެ އެއްޗެއް ހިފައިގެން" އަންބަރް ބުނި ގޮތަށް ކޮޓަރިން ނިކުންނަމުން ޖޫދު ބުނެލިއެވެ. އެވަގުތު އަންބަރް ކައިރިއަށް ހިނިއައެވެ. އަންބަރަށް ވީގޮތާ މެދު ޖޫދަށް ވިސްނާލެވުނީ ބޭރަށް ނިކުމެފައެވެ. ކުއްލިއަކަށް ބޯއަނބުރާންވީ ކީއްވެގެން ހެއްޔެވެ؟ ވެއްޓި އަނިޔާއެއް ނުވިކަން ނަސީބެކެވެ. ރަނގަޅަށް ނިދި ނުލިބޭތީ ކަމަށްވެސް ވެދާނެއެވެ. ނޫނީ ލޭމަދު ވީ ހެއްޔެވެ؟ ވާނީވެސް އެހެންނެވެ. ރަނގަޅަށް ކަނީއެއްވެސް ނޫނެވެ. ބަތްކޮޅެއް ކެއި ދުވަހެއް ހަނދާނެއްވެސް ނެތެވެ.

ސިޓިން ރޫމަށް ނިކުމެފައި ޖޫދު ވަށައިގެންވި މާހައުލަށް ބަލައިލިއެވެ. ދުވަހަކުވެސް ގޭތެރޭގައި އެހާ މީހުން ގިނަވެފައި ވަނިކޮށް އޭނާއަށް ފެނިފައެއް ނުވެއެވެ. ގުރޫޕް ގުރޫޕަށް ބެހިލައިގެން އެކިއެކި މަސައްކަތް ކުރުމުގައި އާއިލާ މީހުންގެ އިތުރުން އަވަށްޓެރިންގެ ބަޔަކުވެސް އުޅުނެވެ. އެހުރިހާ މީހުންގެ ތެރެއިން ޖޫދުގެ ލޯ ހޯދާލީ ޒަހާއެވެ. މީހުންތަކުގެ ތެރެއިން ޒަހާ ނުފެނިގެން އުޅެނިކޮށް ޖޫދުގެ ލޮލުގައި އަޅައިގަތީ ކޮޓަރިން ނިކުމެގެން އައި ޖިޔާއެވެ. ޖިޔާގެ މޫނުމަތިން ކުޑަ ނުތަނަވަސް ކަމެއް ފެނުނުހެން ޖޫދަށް ހީވިއެވެ. އެހެންކަމުން ޒަހާ ހޯދަން ޒަހާގެ ކޮޓަރިއަށް ދިޔުމުގެ ބަދަލުގައި އޭނާ ދިޔައީ ޖިޔާއާ ދިމާލަށެވެ.

"ކިހިނެއްވީ؟" ޖިޔާއާ އަރައި ހަމަވެފައި ޖޫދު އެހިއެވެ. "ކީއްވެ މޫނުމަތިން ބާރަޖަހާފަ"

"ނަސީބެއް ބާރަގަޑި ބައި ނުވަނީސް ދޮންބެއަށް ފެނުނުކަން. ޖީގެ ކޮޓަރީގެ އެއްކަލަ ކުޑަދޮރުގެ ދުނިގަނޑު އަނެއްކާ އިނީ ނައްޓައިގެން ގޮސްފަ. އަދި އިހަށް ދުވަހަކު އެތަން ހެދީ" ޖިޔާ ޝަކުވާކޮށްލިއެވެ.

"މިއަދު އަނެއްކާ ތިތަން ހެދުމައިގެން އުޅޭނީ" ޖޫދު ބުންޏެވެ.

"ސީރިޔަސްކޮށް ދޮންބޭ މިފަހަރު ޖީ ބޭނުމީ އެދޮރު ބަދަލުކުރަން" ޖިޔާ ބުންޏެވެ.

"އޯކޭ އޯކޭ ލަވް. އިރުކޮޅަކުން ތަން ޑެކަރޭޓްކުރާ މީހުން އަންނާނެ. އޭރުން ދޮންބެ ތިކަމާ އުޅޭނަން އިނގޭ. ދެން އެހާ އަޕްސެޓްނުވޭ" ޖޫދު ބުންޏެވެ. އޭނާ ޖިޔާ ހިތްހަމަޖައްސައިދިނެވެ.

"ޖީ.....، މަންމަ ކޮބާތަ؟" ހިނގައިގަންނަމުން ޖޫދު އެހިއެވެ.

ޖޫދު ކޮޓަރިން ނިކުތްއިރު ޒަހާ ގޮވައިގެން ނީލަމް ފާހާނައިން ނިކުންނަނީއެވެ. ޖޫދު ފެނުމާއެކު ޒަހާ ހީލައިފިއެވެ. ކޮޓަރިން ނިކުންނަން ދަމުން އޭނާ ވަރަށް ރަނގަޅަށް ފިރިހެން ދަރިފުޅުގެ މޫނަށް ބަލައިލިއެވެ. އެއްޗެއް ބުނަން އުޅޭހެން ހީވެ އޭނާ މަޑުޖެހިލިއެވެ.

"ނީލަމް ދޭ. ބަލާބަލަ ގޮސް ގަންނަންޖެހޭ އެއްވެސް އެއްޗެއް ހުރިތޯ" ޒަހާ ބުންޏެވެ. ނީލަމް ދިޔައެވެ. ޖޫދު ގޮސް ހިފީ ޒަހާގެ ގޮނޑީގެ އަތްގަނޑުގައެވެ.

"އިބާ އަނބުރައިގަތީ. މިއައީ ކޮޓަރީގަ ބާއްވާފަ. ބޭރަށް ނިކުންނަން ވަރަށް މަސައްކަތް އެބަކުރޭ" ޖޫދު ބުންޏެވެ.

"އަނބުރައިގަތީއޭ. ޔާރައްބީ. އަނެއްކާ އެދަރިއަށް ކިހިނެއްވީބާ" ޒަހާގެ އަޑުގައިވީ ކަންބޮޑުވުމެވެ.

"ނޭނގެ. ކޮންމެހެން މަންމަ ހޯދަންވެސް މިއައީ އިބާ މިއަދު ތަންކޮޅެއް ގިނައިރު ކޮޓަރީގަ ބާއްވާށޭ ބުނަންވެގެން. އަޅުގަނޑަށް ހީވަނީ ރަނގަޅަށް ސައިވެސް ނުބޮނީހެން" ޖޫދު ބުންޏެވެ.

"ހިނގާބަލަ މަންމަ ގޮވައިގެން" ޒަހާ އެދުނެވެ.

ފާހާނާއިން ނިކުތް އަންބަރަށް ކޮޓަރި ތެރެއިން ޒަހާ ފެނުމުން ހީލައިފިއެވެ. މޫނުގައި ފެން އުނގުޅައިގެން ނިކުތްއިރު އަންބަރްގެ ދެލޮލުން ވަރުބަލިކަމެއް ޒަހާއަށް ފެނުނެވެ. އަންބަރް އެނދުގައި އިށީނުމާއެކު ޒަހާ ގާތްވެލައިފިއެވެ.

"މާބޮޑަށް ބަލިވީހެން މަންމައަށް ހީވަނީ. ޑޮކްޓަރަށް ދައްކާލަން ދާންވީނުން" ޒަހާ ބުންޏެވެ. އޭނާ އަންބަރްގެ އިސްތަށިގަނޑުގައި ފިރުމަމުން ދިޔައެވެ.

"އުނހު. އެހާ ބޮޑަށް ބައްޔެއް ނޫން. ރޭގަ ނީލަމްދައްތަ އާއެކު އެއްޗެހި ގަންނަން ބޭރުގަ އުޅުނު ގަޑީގަ އެފިހާރައިގައި ހުރި ޕާނީޕޫރީ ކެއީ. އޭގެފަހުން ހޮޑުލަވަން ފެށީ" އަންބަރް ބުންޏެވެ.

"މި އިނގުނީނު ވީގޮތް" ޖޫދު ބުންޏެވެ. "އެކަހަލަ އެއްޗެހި ކައިފާނެ މީހަކު ދިން ވަރަކަށް. އެކަމަކު ގޭގަ ހަދާ އެއްޗެއް ކާންވީމަ އޮންނަނީ ނުކެވިފަ"

އެހެންނަމަވެސް ޒަހާ އަންބަރަށް ބަލަމުން ދިޔައީ ކަމެއް ތަހުގީގުކުރަން އުޅޭ ފަދައަކުންނެވެ. އަންބަރްގެ ޅަކަމުން ކަމެއް ދެނެގަނެވޭވަރު ނުވާކަން އޭނާގެ ވިސްނުން ތޫނު ސިކުނޑި އަންގައިދިނެވެ. އޭނާ އަންބަރަށް ބަލައިލީ އުންމީދުން ފުރިގެންވީ ބެލުމަކުންނެވެ. ހިތުގައި އުފެދުނު ސުވާލުތައް އަންބަރާ ކުރަން ހިތަށް އަރާފައިވެސް މާ އަވަހޭ ހީވޭ މަޑުޖެހުނެވެ.

"އެގުޅީ އެ ގުރޫޕް ޓެރަސްއަށް އަރާފަ. މިދަނީ ތަން ޑެކަރޭޓްކުރަން އިނގޭ. ޓޭކް ކެއަރ ލަވް" ޖޫދު ނިކުމެގެން ދިޔައީ އަންބަރްގެ އަތުގައި ފިރުމާލާފައެވެ.

އަންބަރްގެ އެތައް އާދޭހަކަށްފަހު ޒަހާ ބޭރަށް ނިކުތީ އަންބަރް ގޮވައިގެންނެވެ. އެކަނި ކޮޓަރީގައި އޮންނަން ޖެހުމުން އަންބަރް ފޫހިވާނެކަން އޭނާއަށް އިނގެއެވެ. އެހެންކަމުން އެއްވެސް މަސައްކަތެއް ނުކުރުމަށް ޝަރުތުކޮށް އޭނާ އަންބަރް ބޭންދީ އޭނާއަށް ފެންނަ ހިސާބުގައި ކާމޭޒު ކައިރިން ގޮނޑިއެއްގައެވެ. އޭރު އެތަނުގައި ފޮނި ކާއެއްޗެހި ހެދުމުގައި އަލިޝްބާއާއި ޝަމްސު އުޅުނެވެ. ތަންކޮޅެއް ދުރުގައި ކުކުޅު ނޮޅަން ރިކްޒާ ހުއްޓެވެ. ފަރިތަކަމާއެކު ކާއްޓަކަށް ފަހު ކާއްޓެއް ގާނަމުން ދިޔަ ސުމައްޔާއަށް އަންބަރް ބަލައިލީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ. ރާއްޖެއަށް އުފަން މީހެއް ނޫނަސް ސުމައްޔާގެ ކިބައިގައި ދިވެހިވަންތަ ހުރިހާ ސިފައެއް ހުރެއެވެ. މީހަކު ބަލައިލާފައި ސުމައްޔާއަކީ ބޭރު މީހެކޭ ނުބުނާނެއެވެ. އަންބަރަށް ހީލެވުނެވެ. މިކްސަރުން ހަވާދުގަނޑެއް ތައްޔާރުކުރުމުގައި އަވަދިނެތި އުޅުނު ސީނާއަށް ބަލައިލުމަށްފަހު އަންބަރް ވިސްނާލިއެވެ. ކަންތައްތައް ބަދަލުވެފައި ވަނީ އެއްވެސް މީހަކު ހީނުކުރާ ފަދައަކުންނެވެ. އިއްޔެ ހަތުރުންނަށް ވެފައިވީ މީހުން މިއަދު މިވަނީ މިތުރުންނަށް ވެފައެވެ. ކޮންފަދަ ބޮޑު އަޖައިބެއް ހެއްޔެވެ؟ އެންމެން ގުޅިގެން އުޅޭ މަންޒަރު ފެނުމުން ހިތަށް ހާދަ އަރާމެއް ވެއްޖެއެވެ. އެންމެންގެ ގުޅުން އެގޮތަށް ތާ އަބަދަށް ލެއްވެވުމަށް އެދި އޭނާ ދުއާކޮށްލިއެވެ.

"އަންނާނަން ފިރިހެން ގުރޫޕަށް ފަނި ދީފަ" ތަބަކެއްގައި ފޭރު ފަނިތަށިތައް އަތުރާލައިގެން ނިކުންނަމުން ނީލަމް ބުންޏެވެ. ޖޫދު ދުށުމުގެ ބަހަނާގައި އަންބަރް ދާން އުޅުމުން އެކަން ޒަހާ މަނާކުރިއެވެ. ސުމައްޔާއަށް ހީލެވުނެވެ. ޒަހާ އަންބަރަށް ބަހައްޓާ ގާތްކަން ފެނި ހިތަށް ހަމަޖެހުމެއް ލިބުނެވެ.

"މިހާރުވެސް ބޯއަނބުރާތީ އެ އުޅެނީ" ސުމައްޔާއަށް އިވޭ ވަރަށް މަޑުން ޒަހާ ބުންޏެވެ. ސުމައްޔާ އަންބަރަށް ބަލައިލީ އެއީ ތެދެއްހޭ އަހާލާ ކަހަލަ ބެލުމަކުންނެވެ.

މެންދުރުގެ ކެއުމަށާއި ނަމާދަށް ހުރިހާ ކަމެއް މެދުކަނޑާލާފައި އެމީހަކު އެމީހެއްގެ ގެއަށް ދިޔައެވެ. ގޭތެރެ އަމާންވެ ހިމޭންވިއެވެ. ނަމާދުކުރުމަށް އަންބަރް ކޮޓަރިއަށް ހިނގައިގަތް ވަގުތު އަނެއްކާވެސް އޭނާގެ ބޮލަށް އެނބުރުމެއް އެރިއެވެ. ކުޑަކޮށް ހަމަޖެހިލަންދެން އިނދެފައި އޭނާ ހިނގައިގަތެވެ. އެވަގުތު ފަހަތުން ޒަހާ އަންބަރަށް ގޮވާލިއެވެ.

"އާދެބަލަ މިތާ އިށީނދެލަން" ހިތުގައި އޮތް އުންމީދެއްގެ ބޮޑުކަމުން ޒަހާއަށް ބޭނުންވާ ސުވާލުތައް ދުލާ ހަމައަށް ނުގެނެސް ކެތެއްނުވިއެވެ. އަންބަރް އައިސް ސޯފާގައި އިށީނުމުން ކައިރިވެލާފައި ޒަހާ ހިފީ އަންބަރްގެ ދެއަތުގައެވެ. އެއަށްފަހު ސުވާލުގެ ނަޒަރަކުން ޒަހާ އަންބަރަށް ބަލައިލިއެވެ.

"ނޫން. އަދި މަހެއްނުވޭ" އަންބަރް ބުންޏެވެ. ޖަވާބުދިނުމަށްފަހު އަންބަރް އިސްޖަހާލިއެވެ. ޒަހާގެ ސުވާލާއެކު އަންބަރްގެ ދެލޮލުން ލަދުވެތިކަމެއް ފާޅުވެލިއެވެ. އެހެންނަމަވެސް މައިންގެ ފަރާތުން އަންހެން ދަރިންނާ އެފަދަ ސުވާލުތައް ކުރިމަތިވުމަކީ މައްސަލައެއް ކަމަށް އަންބަރް ނުދެކެއެވެ. އެހެނީ ކައިވެންޏެއް ކޮށްގެން އުޅޭ ދެމަފިރިއަކަށް ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި އެއީ ކުރިމަތިލާންޖެހޭނެ ކަމެކެވެ.

"އެހެންތަ. އަވަހަށް ދޭ ކޮޓަރިއަށް. ނަމާދުކޮށްގެން އެއްޗެއް ކާން އަންނާތި" ޒަހާ ބުންޏެވެ. އަންބަރް ގޮސް ކޮޓަރިއަށް ވަންނަންދެން ޒަހާ ބަލަހައްޓައިގެން އިނެވެ. އޭނާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. އަންބަރްގެ ފުށުން އުފާވެރި ހަބަރެއް ލިބެންއުޅޭ ކަމަށް ތަކުރާރުކޮށް އޭނާގެ ހިތް ބުނަމުން ދިޔައެވެ. ބަލިވެއިން ކަން އަންގައިދިނުމަށް އަންހެނަކަށް މަހެއްވުމަކީ ކޮންމެހެން ލާޒިމުކަމެއް ނޫނެވެ. ތިން ކުދިންނަށް ޒަހާ ބަލިވެ އިނީވެސް މަސް ދުވަސް ހަމަނުވަނީހެވެ.

އަޞުރު ނަމާދުކޮށްގެން އަންބަރް ކޮޓަރިން ނިކުތް އިރު، ސިޓިން ރޫމުން އެއްވެސް މީހަކު ފެންނަން ނެތެވެ. ރެއަށް ނިންމަންވީ ގިނަ މަސައްކަތްތައް ހުރީ ނިމިފައެވެ. އިތުރަށް ހުރީ ފަހު ފަހަރަށް ޗެކް ކުރުމުގެ ބަޔާއި ވާންޖެހޭ ކުދިކުދި ތައްޔާރީތަކެވެ. ފޯނުން ހަވީރުގެ ޒިކުރުތައް ކިޔަމުން އަންބަރް ދިޔައެވެ. އަދިވެސް އަންބަރް ގުރުއާން ކިޔަވަން ފަރިތައެއް ނޫނެވެ. އެހެންކަމުން ކިތަންމެ ކުޑަ ތަންކޮޅެއް ކިޔަންވެސް އެތައް ވަގުތެއް ނަގައެވެ. ސޯފާގައި އިށީނދެގެން އިނދެފައި ބެލްކަންޏަށް ނިކުމެލީ ވަކި އެއްޗެއް ހިތަށް އަރައިގެނެއް ނޫނެވެ. އެހެންނަމަވެސް ތިރިއަށް ބަލާލި ވަގުތު ގޭ ކައިރިން ވާރިޝް ފެނުމާއެކު އޭނާގެ ސަމާލުކަން އެކަމަށް ހުއްޓިއްޖެއެވެ. ވާރިޝް ނުފެންނަތާ ދުވަސްތަކެއްވެފައި ކުއްލިއަކަށް ފެނުމުން އަންބަރަށް ވިސްނުނީ އެންމެ ނުބައިކޮށެވެ. ކޮންމެސް ކަމެއް ގޯސްވާން އުޅޭކަމުގެ ފެހި ސިގްނަލެކެވެ. އެހެނީ ވާރިޝްއަކީ ހުރި ގޮތަށް ހުރި ނުރައްކަލެކެވެ. ވާރިޝް މައްޗަށް ބަލައިލަން ބޯހިއްލާލުމާއެކު އަންބަރް ނިވާވެލިއެވެ. މޭގައި އަތް އަޅައިގެން ހުރެފައި ދެން ބަލައިލި އިރު ވާރިޝް ފެންނާކަށް ނެތެވެ. ދެފަރާތް އަންބަރް ބެލިއެވެ. ވާރިޝްގެ ނިޝާނެއްވެސް ނެތެވެ. ވިސްނުމެއްގައި ހުރެފައި އެތެރެއަށް ވަދެ އަލުން ސޯފާގައި އިށިންތަނާ ގޭދޮރުގެ ރަނގަބީލު އަޅާލި އަޑު އިވުނެވެ. އަންބަރް ދިޔައީ ސިހިގެންނެވެ. ފުރަތަމަވެސް އައިސް ހިތަށް ވަނީ ވާރިޝްގެ ނަމެވެ. ދޮރު ހުޅުވަން އަންބަރް ޖެހިލުންވިއެވެ. ގޭތެރޭގައި އެކަނި ހުއްޓާ ފެނުމުން ވާރިޝް ކޮންމެގޮތެއްވެސް ހަދައިފާނެއެވެ. ހޭނައްތާލައިގެން ގެންގޮސްވެސްދާނެއެވެ. ފުލުހުންގެ ހައްޔަރުން ވާރިޝް ދޫކޮށްލީ ކޮންއިރަކު ހެއްޔެވެ؟ ރާއްޖޭގައި މިއޮތް ޤާނޫނެއް ދޯއެވެ. ހެއްކާއެކު ހައްޔަރުކޮށްފައިވެސް ވަންދޮރުން ކުށްވެރިޔާ ނެރޭނެއެވެ. އަންބަރްގެ ސިކުނޑިތެރޭގައި އެއްފަހަރާ އެތައް ފިކުރުތަކެއް ދައުރުކޮށްލިއެވެ.

"އިބާ، ކާކު އައީ...." ކޮޓަރިން ނިކުތް ނީލަމްގެ އަޑު އިވުމުންވެސް އަންބަރް ސިހުނެވެ.

"ހާދަ ވަރަކަށް ތިސިހުނީ. ކޮންވިސްނުމެއްގަ. ރަނގަބީލުވޭ އެބަ" ދޮރާ ދިމާލަށް ދަމުން ނީލަމް ބުންޏެވެ. ނީލަމް ތުންފަތުގައިވީ ހިނިތުންވުމެކެވެ.

ކޮޓަރީގެ މޭޒުގައި ބޯއަޅައިގެން އޮތް ޚާނީ ބަލައިލީ ދޮރުހުޅުވުނު އަޑަށެވެ. ކުރިމަތީގައި ހުރި ވާރިޝް ފެނުމުން ޚާނީއަށް މިފަހަރު އުފަލެއް ނުލިބުނެވެ. ޙައިރާންކަމާއެކު ޚާނީ ގޮނޑިން ތެދުވިއެވެ. ލައިގެން ހުރި ހުދު ޖެކެޓް ބާލާފައި ގޮނޑީގެ ލެގޭ ބައިގައި އަޅުވާލަމުން ފުން ނޭވައެއް ލިއެވެ. ދެން ވާރިޝްއަށް ބަލައިލިއެވެ. ހުރިގޮތުންވެސް ވާރިޝްގެ މޫޑު ރަނގަޅު ނޫންކަން ޚާނީއަށް އިނގުނެވެ.

"ވާރިޝް...؟ ކަމަކުތަ؟" ޚާނީ އެހިއެވެ. ޚާނީގެ ސުވާލަށް ޖަވާބުދިނުން މުހިންމު ކަމުގައި ވާރިޝް ނުދެކުނެވެ. ވާރިޝްގެ ނަޒަރު ހުއްޓުނީ މޭޒުމަތީގައި ބަރިބަރިއަކަށް ހުރި ފޮތްތަކުގެ މަތީގައި އޮތް ޚާނީގެ ފޯނަށެވެ.

"ބަލިވީތަ؟" އަނެއްކާވެސް ޚާނީ އެހިއެވެ. މިފަހަރު ވާރިޝް ޚާނީއަށް ބަލައިލީ ހިތްހަމަނުޖެހިފައެވެ. އެކަން އިނގޭ ކަމަކަށް ޚާނީ ނެހެދިއެވެ.

"ކީއްވެތަ އަހަރެން މިވަރަށް ގުޅާއިރުވެސް ފޯނު ނުނަގަނީ" ވާރިޝްގެ އަޑުގައިވީ ހިތްހަމަނުޖެހުމެވެ.

"ނޭނގޭތަ އަހަރެން އިންނާނީ ބަލިމީހުން ބަލަންކަމެއް" ޚާނީ ބުންޏެވެ.

"ކޮބާ ބަލިމީހުން؟ އަހަރެންނަކަށް ނުފެނޭ" ކުރިއަށް ވުރެ ވާރިޝްގެ އަޑު ބާރުވިއެވެ. ކުރިއަށް ފިޔަވަޅެއް އަޅާލިގޮތަށް މޭޒުމަތީގައި ބާރަށް ދެއަތުން ޖަހައިފިއެވެ. ފުރަތަމަ ފަހަރަށް ވާރިޝްދެކެ ޚާނީ ޖެހިލުންވިއެވެ. އެވަގުތު ވާރިޝް ކިތަންމެ ބޮޑު ގޯހެއްވެސް ހަދައިފާނޭ ޚާނީއަށް ހީވިއެވެ. އެހެންކަމުން ޚާނީ ވާރިޝްއަށް ހަމަޖެހުމަށް ބުންޏެވެ.

"ހީނުކުރައްޗެ ޚާނީއަށް އަހަރެންގެ އަތްދަށުން ސަލާމަތްވެވޭނެ ކަމަށް. އަހަރެން ބޭނުން ކޮންމެ ވަގުތަކު ޚާނީ ހުންނަންޖެހޭނީ އަހަރެންގެ އަތްދަށުގަ" ވާރިޝް ބުންޏެވެ. ކުރިއަށްޖެހުނު ގޮތަށް ވާރިޝް އަތްއެޅުވީ ޚާނީގެ އުނގަނޑުގައެވެ. އިރުކޮޅަކުން ޚާނީ ގާތަށް ދަމާލައިފިއެވެ. އެއައި ގޮތަށް ލުއި ފަތެއްހެން ޚާނީ ތަތްވީ ވާރިޝްގެ މޭގައެވެ. އަންބަރްގެ ވާހަކަތައް ކަންފަތްދަށުގައި ގުގުމަމުން ދިޔަ ޚާނީގެ ކެތްތެރިކަން ކޮޅުންލިއެވެ. ވާރިޝްގެ މޭގައި އަތް އަޅާފައި ނިކަން ބާރަށް ދުރަށް ކޮށްޕާލައިފިއެވެ.

"މިއީ ކޮޓަރިއެއް ނޫން. އަދި އަހަރެންނަކީ ވާރިޝް ހަދާނެ ގޮތެއް ހަދަން ހުރި ޕަޕެޓެއްވެސް ނޫން" ޚާނީ ބުންޏެވެ. ވާރިޝްއަށް ޤަބޫލުކުރަން ދަތިވިއެވެ. ދުވަހަކުވެސް އޭނާގެ ކުރިމަތީގައި ޗުއްޕެކޭވެސް ނުބުނާ ޚާނީ ފާޅުގައި ވާހަކަދައްކަން ފެށުމުން ވާރިޝްއަށް ހެވުނެވެ.

"އިޓްސް އޯވާރ. އަހަރެން އިތުރަށް މިގުޅުން ކުރިއަށް ގެންދަން ބޭނުމެއް ނޫން. އައިމް ޑަން.... ޔެސް..... ގޯ... މިބުނީނު މިތަނުން ދާށޭ" ޚާނީ ބުންޏެވެ. ރުޅިއާއި ބިރުވެރިކަން ހިތުގެތެރޭގައި ވީނަމަވެސް ޚާނީ ވާހަކަދެއްކީ މަޑުންނެވެ. ބޭރުން ނަރުހަކު ކޮންމެ ގަޑިއަކުވެސް ވަދެފާނެކަން އޭނާއަށް އިނގެއެވެ.

"ވަޓް...؟ "

"ޔެސް. ރަނގަޅަށް ތިއިވުނީ. އަހަރެން ދެން އިތުރަށް ވާރިޝް އާއެކު އުޅެން ބޭނުމެއް ނޫން. ދުނިޔޭގެ ހުރިހާ އެއްޗަކަށް ވުރެ ބޮޑަށް އަހަރެންނަށް އަހަރެންގެ އަބުރާ އިއްޒަތް މުހިންމު. ކަލެއާއެކު ހަޑި މުޑުދާރު ކަންތަކަށް އަހަރެންނަށް އަރައިގަނެވުނީ ނުވިސްނުނީމަ. އެކަމަކު މިހާރު ވިސްނިއްޖެ. މިރަށަށް އަހަރެން ބަދުނާމުކުރަން ނޫޅޭ" ޚާނީ ވާހަކަދެއްކިއެވެ.

"ކހެހެހެ..... ތިއީ ޖޯކެއްދޯ. އަހަރެން ހަމަ މިހާރުވެސް މިތަނުގަ... މިހިރަ އެނދުގަ އޮށޯންނައިރަށް ޚާނީ އަންނާނެ. އަހަރެންދެކެ އެހާ ލޯބިވާނެ ޚާނީ. އެހެއްނު" ވާރިޝް ބުންޏެވެ. ހުރިހާ ދިމާލަކުން ނާކާމިޔާބީގެ ހިތިރަހަ ކަރުބުޑުގައި ލާން ފެށުމުން ވާރިޝްގެ ބުއްދި ފިލައި ދާން ކައިރިވެއްޖެއެވެ.

"ތިއީ މާކުރިން. އަދި ކިރިޔާ އިނގުނީ ލޯބިވަނީ އަހަރެން އެކަނިކަން. ވާރިޝް ބޭނުންވީ ވަގުތީ އުފާ ހޯދަން. ސްޓްރެސް ފިލުވަން. ދެން އެހެން ނުވާނެ. ކަލެއަކީ މުޅި ރަށު ތެރެއަށް ގިނަވެފައި ހުރި ލަޓޯފަޓޯ މީހަކަސް އަހަރެންނަކީ މިރަށު ރައްޔިތުންގެ ގަދަރާ ލޯބި ލިބިފައިވީ މީހެއް. އެ އެންމެންގެ ކުރިމަތީގައި އަހަރެން އަދި ފަޟީޙަތްނުވޭ" ޚާނީ ވާހަކަދެއްކިއެވެ.

"އަހަރެން ފާފަވެރިއަކަށްވީ ހެއްދެވިފަރާތް ކުރިމަތީގައި. އެކަލާނގެ އަހަރެންގެ ފާފަ އެންމެން ކުރިމަތީގައި ސިއްރުކޮށްދެއްވައިފި. އެހެންވެ މިބުނަނީ އަހަރެންނާ ދުރަށް ދާށޭ" ޚާނީއަށް ރޮވުނެވެ. ވާރިޝްއަށް ޤަބޫލެއްނުކުރެވުނެވެ. އަންބަރް ދުރަށް ދިޔަ ގޮތަށް ޚާނީ ދުރަށް ގޮސްފިނަމަ އަނެއްކާ އޭނާ ބަލިވީއެވެ. އެއީ އެއްގޮތަކަށްވެސް އޭނާއަށް ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ.

"ކަލޭ އަހަރެން" ކުކުޅެއް ފަދައިން ޚާނީއާ ދިމާލަށްދިޔަ ވާރިޝް މަޑުޖެހުނީ ކުއްލިއަކަށް ދޮރުހުޅުވުނު އަޑަށެވެ. ވަދެގެން އައި ބޭރު ނަރުސް މީހާ ފެނުމުން ވާރިޝް ހިމޭންވިއެވެ. ޚާނީއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. ގޮނޑި ދަމާލާފައި ނަރުސް އިށީނުމާއެކު ޚާނީއަށް ދަހިވެތިވެގެން ބަލަހައްޓައިގެން ހުރި ވާރިޝް ނިކުމެގެން ހިނގައްޖެއެވެ.

"ތެންކިޔު އަންބަރް..." ޚާނީ ހިތާހިތުން ޝުކުރުއަދާކުރީ އަންބަރަށެވެ. އޭނާއަށް ހަމަ ވިސްނުން ލިބުނީ އަންބަރާ އެންމެ ފަހުން ބައްދަލުވި ދުވަހަށް ފަހުގައެވެ.

ބާރަށް ހިނގާފައި މަގުމަތިން ދިޔަ ވާރިޝްގެ ދެއަތް ވަނީ މުށްކެވިފައެވެ. އެއްވެސް ކަމެއް އޭނާއަށް ކާމިޔާބުނުވާތީ އޭނާގެ ސިކުނޑި ސުމަކަށް ގޮސްފައިވީ ކަހަލައެވެ. ޚާނީ ބަލި މީހުން ބަލާ ގަޑިކަން އިނގި ވާރިޝް ޚާނީގެ ފޯނަށް ގުޅީވެސް ކުރަންއުޅޭ ކަންތަކަށް ހިތްވަރެއް ހޯދުމަށެވެ. ޚާނީ ހޯދަން ހޮސްޕިޓަލަށް ދާންޖެހުނީ އޭނާގެ ފޯނަށް ޚާނީ ޖަވާބެއް ނުދިނުމުންނެވެ. އެންމެފަހުން ވީވެސް ވާރިޝްގެ ހިތުގައި އޮތް ގޮތަށެވެ. އަންބަރް ފަދައިން ޚާނީވެސް ވާރިޝްއަށް ފުރަގަސްދިނީއެވެ. ދެދަތްޕިލަ ޖެހި މަޑު ތުރުތުރެއް ވާރިޝްގެ ކޯ ކަށިގަނޑާ ދިމާލުގައި އަޅަމުން ދިޔައެވެ. ދެވޭނުދެވޭ ތަނެއް ނޭނގި ބައެއްފަހަރު ފައިގައި ޖެހޭ ގާކޮޅުވެސް ރުޅިއައިސްފައި ވެލިތަކާއެކު ދުރަށް ބުރުވާލައެވެ.

"ރީތިތަ؟" އަބާޔާ ހެދުމުގައި ހުރި ޖިޔާ އެންމެންނާ ދުރަށް ޖެހިލަމުން އަހައިފިއެވެ. އެވަގުތު ސޯފާގައި އިން އަންބަރް ކަނާއަތުގެ ބޮޑުވައި އިނގިއްޔާ ޝަހާދަތް އިނގިލި އެއްކޮށް ބޮޅެއްހެން ހަފައި ހީލަމުން ޖިޔާއަށް ދައްކާލިއެވެ. އެއީ އެރެއަށް ހާއްސަކޮށް ޒަހާ ޖިޔާއަށް ފަހައިދިން ހެދުމެވެ. ހުރިހާ މީހުން ސިޓިންގރޫމަށް ޖަމާވެފައިތިބީ އެންމެންގެ ހެދުންތައް ހިފައިގެންނެވެ. ހުރިހާ އަންހެނުން ކަޅުކުލައިން ހެދުންލާއިރު ފިރިހެނުންނަށް ހުރީ ހުދުކުލައެވެ. ސިޓިންގރޫމު ހަލަބޮލިވެފައި ވިއެވެ. މެންދުރު ގެއިން ނިކުތް ޖޫދުވެސް އައިސް ވަނީ ދާދި ދެންމެއަކު ކަހަލަ ގޮތަކަށެވެ. ފެންވަރަން ކަމަށް ބުނެ ޖިޔާ ކޮޓަރިއަށް ދިޔައެވެ.

"މަންމަ، ފިހާރައިން ގެއްލުނު ފައިސާތައް ހޯދިއްޖެ" ސޯފާގައި އިށީންނަމުން ޖޫދު ބުންޏެވެ. ބަދިގެއަށް ފެންތައްޓެއް ބަލައި ދިޔަ އަންބަރަށް އެ އަޑު އިވުނެވެ. ފެންފުޅިއާ ބިއްލޫރި ތައްޓަކާ ހިފައިގެން އަންބަރް އަވަހަށް އައެވެ.

"އަލްޙަމްދުލިއްލާހް" ޒަހާއަށް މޫނުގައި ޙަމްދު އެޅުނެވެ. " ކޮންތާކުން؟" ޒަހާ އެހިއެވެ.

"ފިހާރައިގަ އުޅުނު ވާރިޝް ކިޔާ ކުއްޖަކު މިކަމުގެ އެންމެ އަޑީގައި ހުރީ. ހަސަން ފޮރުވާފައި ހުއްޓާ ފެނުނީ. މިހުރިހާ ދުވަހު ހަސަންއަށް މިބުނާ ވާރިޝް ކިޔާ ކުއްޖާ ބިރުދައްކުވާފަ ހުރީ. އެފައިސާތައް އޭނާ ނެގީ ހަސަން ލައްވާ" އަންބަރް ދިއްކޮށްލި ފެންތަށީގައި ހިފަމުން ޖޫދު ވާހަކަދެއްކިއެވެ. އަންބަރްގެ ނަޒަރު ދަތުރުކޮށްލީ ހެދުން ހިފައިގެން ތިރީ ޓައިލްސްގަނޑު މަތީގައި އިން ނީލަމްއަށެވެ. އެވަގުތު ނީލަމްގެ ހިތުގައި ޖެހޭނެވަރު އަންބަރަށް އިހުސާސްވިއެވެ.

"ދެން ކިހިނެއްވާނީ؟ ވާރިޝް ހައްޔަރުކުރާނެތަ؟" ހިމޭނުން އިން ނީލަމް އެހިއެވެ.

"ހަސަން މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ. ވާރިޝް ހައްޔަރުކުރަން ކޯޓައުމުރު ހޯދަނީ މިހާރު" ޖޫދު ބުންޏެވެ. ނީލަމްގެ ދެލޮލުން ވެއްޓުނު ކަރުނަތިކި އެހެން އެއްވެސް މީހަކަށް ނުފެނުނަސް އަންބަރަށް ފެނުނެވެ. އެއް އަތުން ލޯކައިރި ފޮހެލިގޮތަށް ހެދުންތައް ހިފައިގެން ނީލަމް ހިނގައިގަތެވެ. ފަހަތުން ދާން އުޅެފައިވެސް އަންބަރް ހިމޭންވިއެވެ.

"ދެންވެސް ވަޒީފާއަށް ކުދިން ހޮވާއިރު ބަލަންޖެހޭ ވަރަށް ބަލާފައި ނޫނިއްޔާ އެއްވެސް ކުއްޖެއް ނުވައްދާތި. މިފަހަރު ލިބުނު ގެއްލުން ﷲ ގެ ހެޔޮ ރަހްމަތްފުޅާއެކު ފޫބެއްދިއްޖެ. ކުރިއަށް އޮތް ތަނުގައި ވިސްނަންވީ" ޒަހާ ބުންޏެވެ.

އޭގެ އިރުކޮޅެއްފަހުން ކޮޓަރިން ޖިޔާގެ ހަޅޭއްލަވައިގަތް އަޑު އިވުމާއެކު ހުރިހާ މީހުންގެ ސަމާލުކަން އެކަމަށް ދެވުނެވެ. ކޮޓަރި ތެރޭގައި އޮތް ނީލަމްވެސް އެ އަޑަށް ނިކުތެވެ.

"މަންމާ..... ބައްޕާ......" ޖިޔާ ރޮއެގަތް އަޑު އިވުނެވެ. ދުވަހަކުވެސް ހަޅޭއްނުލަވާހާ ބާރަށް އެކުއްޖާ ހަޅޭއްލަވަމުން ދިޔައެވެ. މުޅި ގޭތެރޭގައި ހުރީ އެ އަޑު ހިފާލާފައެވެ. ޒަހާ ނޫން ބާކީ ތިބި ހުރިހާ މީހުން އެދިމާލަށް ދުއްވައިގަތެވެ. ގޮނޑި ދުއްވާފައި އެދިމާލަށް ދިޔަ ޒަހާގެ މޭގަނޑު ބާރަކަށް ތެޅެމުން ދިޔައެވެ. މީގެކުރިން ޖިޔާއަކީ ދުވަހަކުވެސް އެހާ ބާރަށް ރޮއެ ކުއްޖެއްނޫނެވެ. ވީ އާދައިގެ ކަމެއް ނޫން ކަން އެވަގުތުވެސް އޭނާއަށް އިނގުނެވެ.