ކުށްކުރާ ކުޑަކުދިން ބަންދުކުރުމަށް މިއަހަރު ނިމުމުގެ ކުރިން މަރުކަޒެއް ގާއިމުކުރާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕްރިޒަންސް، އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ޖަލުތަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޖާގައިގެ ދަތިކަން ކަމަށެވެ. އެގޮތުން ޖަލުތަކުގެ ޖާގަ އިތުރުކުރުމަށް މިއަހަރުގެ މިހާތަނަށް ގިނަ މަސައްކަތްތަކެއްކޮށް 250 ޖާގަ އިތުރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

އަހުމަދު މުހައްމަދުފުޅު ވިދާޅުވީ، ކުޑަކުދިން ބަންދުކުރުމަށް ގާއިމުކުރާ ސެންޓަރުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިމޭނެ ކަމަށެވެ.

"މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ކުޑަކުދިން ބައިތިއްބާ މަރުކަޒެއްގެ ގޮތުގައި ކ. ހިންމަފުށީގައި ހާއްސަ މަރުކަޒެއް ގާއިމު ކުރެވިގެންދާނެ. އަދި އެތަނުގައި ޖުމުލަ 16 ކުދިން ތިބުމުގެ އިންތިޒާމުތައް ހަމަޖެއްސިގެންދާނެ،" އަހުމަދު މުހައްމަދުފުޅު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، ކުޑަކުދިންގެ މައްސަލަތަކުގައި މުއާމަލާތުކުރަން ޖެހޭ ހުރިހާ މުއައްސަސާއެއް އެކުގައި ގުޅިގެން ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށްޓަކައި ޖުވެނައިލް ޖަސްޓިސް ޔުނިޓް (ޖޭޖޭޔޫ)ގެ ދަށުން ހާއްސަ ކޮމިޓީއެއް އުފައްދާފައިވާ ކަމަށެވެ.

ކުށްކުރާ ކުޑަކުދިން ބޭތިއްބުމަށް ހިންމަފުށީގައި ހާއްސަ މަރުކަޒެއް ގާއިމުކުރާ އިރު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ރިޕޯޓަކަށް ރިއާޔަތްކޮށް ޖުވެނައިލް ކޯޓުން ވަނީ ދޫނިދޫ ކަސްޓޯއަލަކީ ކުށް ކުރާ ކުޑަކުދިން ބައިތިއްބަން އެކަށީގެންވާ ޖަލެއް ނޫން ކަމަށް ކަނޑައަޅައިފައެވެ.