ހޯރަފުށީ އެއާޕޯޓުގެ ސަބަބުން އެރަށަށް އެކި ގޮތްގޮތުން ފައިދާވާ ކަމަށާއި މަހެއްގެ މައްޗަށް އެރަށަށް ބައި މިލިއަން ރުފިޔާ ވަންނަ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވެއްޖެއެވެ.
ހޯރަފުށީ އެއާޕޯޓަށް އެއް އަހަރު ފުރުން ފާހަގަކޮށް އިއްޔެ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރިޒްވީ ވިދާޅުވީ އެއާޕޯޓުގެ ސަބަބުން އަމިއްލަ ރަށް ދޫކޮށް ތޮއްޖެހިވެފައިވާ ހަލަބޮލި މާލެއަށް ދިރިއުޅުން ބަދަލުކުރި ގިނަ ބަޔަކު މިހާރު އެރަށަށް ވަޒީފާ ބަދަލުކޮށް ދިރިއުޅުންވެސް ބަދަލުކޮށްފައިވާ ކަމށެވެ. އަދި ވަޒީފާ ނެތް އެތައް ރައްޔިތުންނަކަށް އެއާޕޯޓުގެ ސަބަބުން ވަޒީފާ ލިބިފައިވާ ކަމަށެވެ.
ރިޒްވީ ވިދާޅުވީ ހޯރަފުށީ އެއާޕޯޓުގެ ސަބަބުން އެރަށަށް ވަންނަ އާމްދަނީ އިތުރުވެ މަހެއްގެ މައްޗަށް ބައި މިލިއަން ރުފިޔާ ވަންނަ ކަމަށެވެ.
"އިގުތިސާދީ ގޮތުންނާއި މާލީ ގޮތުންވެސް ރަށަށް މިވަނީ އެއާޕޯޓުގެ ސަބަބުން ވަރަށް ބޮޑެތި ކުރިއެރުންތައް ލިބިފައި. މި ސަރުކާރުން ބޭނުންވާ ކަހަލަ ލަމަރުކަޒީ ރާއްޖެއަކަށް ބަދަލުކުރުމުގެ ތަސްވީރު މި އެއާޕޯޓުން މި ފެންނަނީ. މިއީ ހޯރަފުށީ ރައްޔިތުން ބޭނުންވާ ކަހަލަ ވެރިކަމެއް. އެމީހުން ބޭނުންވާ ތަރައްގީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގެނެވޭނެ ކަން ޔަގީންވެއްޖެ،" އޭނާ ވިދާޅުވިއެވެ.
ހޯރަފުށީ އެއާޕޯޓަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތުގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އާއި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު