ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހާ ގުޅިގެން އުރީދޫން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ.

އުރީދޫން ކުރި ޓުވީޓެއްގައި ބުނީ "ހިޔާ އުފާ ޗިލްޑްރެންސް ފެސްޓިވަލް"ގެ ނަމުގައި ކުރިއަށްގެންދާ ކުޑަކުދިންގެ ހަވީރު އޮންނާނީ މިއަދު ހަވީރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް މީހުން އާބާދުވަމުން އަންނަ ފްލެޓުތައް ހުންނަ ސަރަހައްދުގައި ކަމަށެވެ.

މި ކުޑަކުދިންގެ ހަވީރު މިއަދު ހަވީރު 4:00 އިން 6:00 އަށް ކުރިއަށްގެންދިޔުމަށް ނިންމާފައިވާ އިރު، އުރީދޫން ބުނީ މިއީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ ހަވީރެއް ކަމަށެވެ. އެހެންކަމުން ވީހާވެސް ގިނަ ކުޑަކުދިން މި ހަވީރުގައި ބައިވެރިކޮށްދިނުމަށް އެކުންފުނިން ވަނީ އެދިފައެވެ.

މި ހަވީރުގައި ކުޑަކުދިން ގަޔާވާނެ ފަދަ ކުޅިވަރުތަކާއި، އެކި ހަރަކާތްތައް އޮންނާނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.