ވާހަކަ

ޖޫދް - 46

ސާޅީސްހަވަނަ ބައި

އަންބަރް އިސްޖަހައިލި ވަގުތު ޖޫދު ހީލިއެވެ. ދެމަފިރިންގެ ގުޅުން ރަނގަޅުވި ހިސާބުން ފެށިގެން އޭނާ މަޑުކޮށްގެން ހުރީ އަންބަރްގެ ފުށުން އެކަހަލަ އިޝާރާތެއް ވަންދެނެވެ. އެވަރަށް އަނބިމީހާ ނުތަޅުވާ އޭނާ ޖަވާބެއް ދޭން ބޭނުންވިއެވެ. އެހެންނަމަވެސް އެ ޖަވާބަކީ ބަސްމޮށުންތެރިކަމަކާ ނުލައި އޭނާ ދިން ޖަވާބެކެވެ. ކުއިލްޓްގެ ތެރެއިން އަންބަރްގެ ހިމަ ހަށިގަނޑުގައި ހިފާލާފައި އޭނާގެ ދެއަތުގެ ތެރެއަށް ގެނައެވެ. އެއަށްފަހު ކޮޓަރީގެ އަލި ކުރިއަށް ވުރެވެސް ފަނޑުކޮށްލިއެވެ.

އަންބަރަށް ހޭލެވުނީ ފަތިސްނަމާދުގެ ބަންގީގެ އަޑު ކަންފަތުގައި ޖެހުނު ވަގުތުގައެވެ. ބަރު އެސްފިޔަތަކާއެކު ނިދީގެ ފުން ކަނޑަށް އަނެއްކާވެސް ގެނބެން އުޅުނު ވަގުތު ކުއްލިއަކަށް އޭނާ ތެދުވިއެވެ. ފަތިސްނަމާދުގެ ވަގުތު ވެއްޖެކަން އަމިއްލަ ހިތަށް ހަނދާންކޮށްދިނެވެ. އަރާމު ރަޖާގަނޑުގެ ދަށުގައި އޮވެ ނިދުމަށް ވުރެ ތެދުވެ ނަމާދުކުރުން މާ ހެޔޮކަން ބޮޑޭ ހިތް ބުނެލިއެވެ. ރޭގައި ހިނގައިދިޔަ ކަންތައްތައް ހަނދާންވުމާއެކު އެވަގުތުވެސް އޭނާ ހިނިތުންވެވުނެވެ. ހަށިގަނޑަށް ލުއިކަމެއް އިހުސާސް ކުރެވި ހިނިތުންވުން ފުންވިއެވެ. އަންބެއްގެ ވާޖިބު އަދާކުރެވުނު ކަމުގެ އިހުސާސް ކުރެވުނެވެ. އެއް އަތުން ބެޑްލައިޓްގެ އަލި ކުޑަކޮށް ގަދަކޮށްލާފައި ގާތުގައި ނިދާފައި އޮތް ޖޫދުގެ މޫނަށް އަންބަރް ބަލައިލިއެވެ. ޖޫދުގެ ލޯތްބާއި އޯގާތެރިކަން ހަނދާންވެފައި އޭނާއަށް އަމިއްލަ ތުންފަތުގައި ދަތްއެޅުނެވެ. ލޯތްބާއެކު ޖޫދުގެ މޫނުގައި އަންބަރް ފިރުމާލިއެވެ. އެއާއެކު ނިދިމަޑު ޖޫދު ލޯހުޅުވާލައިފިއެވެ. ހީވީ އަންބަރްގެ ބީހުން އިހުސާސް ކުރެވެންދެން ލޯނުހުޅުވާ އޮތް ހެންނެވެ. އަންބަރްގެ މޫނު އެހާ ގާތުން ފެނިފައި ޖޫދު އަންބަރްގެ އަތުގައި ހިފައި ގާތަށް ދަމާލިއެވެ.

"ފަތިސްވެއްޖެ. ހިނގާ ނަމާދުކުރަން" ހާމައަށް އޮތް ޖޫދުގެ މޭމަތީގައި ދަތްދޮޅި އަޅުވައިލަމުން އަންބަރް ބުންޏެވެ.

"ރިއަލީ... ހީވީ ހަމަ ދެންމެ ނިދުނުހެން" ޖޫދު ބުނެލިއެވެ.

"ދެން ހިނގާ. މާބޮޑަށް ލަސްވެދާނެ" އަންބަރް ބުންޏެވެ.

"ހިނގާ. ތަހައްޖުދު ނަމާދަކަށްވެސް ނުހޭލެވުނު. އެހެންވާނީ އަނބިމީހާގެ ޖާދޫގަ ޖެހުނީމަ" ޖޫދު ބުންޏެވެ. އަންބަރް ޖުދުގެ މޭގައި އަތުން އަތްއަޅާ އޮށްބާލިއެވެ. އަންބަރް ލަދުގަތީކަން ޖޫދަށް އިނގުމުން ހީލިއެވެ.

*****

ޖެހިގެން އައި ދުވަހަކީ ހުކުރު ދުވަހެވެ. ހަތަރު މަހުގެ ބަނޑާއެކު ބަދިގޭގައި އުޅުނު އަލިޝްބާ ޓިޝޫއަކުން އަތް ފުހެމުން ގޮސް ކޮޓަރިއަށް ވަނެވެ.

"އިހަށް ދޭ ބޭރަށް" ކޮޓަރިއަށް ވަންގޮތަށް ނޭފަތާ އަނގައާއެކު އަތް އެޅި އަލިޝްބާ ފެނުމުން ކޮޓަރީގެ ފަންކާ ސާފުކުރަން ހުރި އައިމަން ބުންޏެވެ.

"ސައި ނުބޯ މީހަކު ނެތް އެނގޭ މިހާރު. އަހަރެން މިދަނީ ޒަހާއްތަމެން ބަޔަށް. ހޮޑުލެވޭވަރުން އިއްޔެގަވެސް ތެޔޮކޮޅު އުނގުޅާލަދޭން ނުދެވޭތީ" އަލިޝްބާ ބުންޏެވެ. އައިމަން ބޯޖަހާލުމާއެކު އަލިޝްބާ ހިނގައިގަނެއްޖެއެވެ.

ލިފްޓުން އަލިޝްބާ އާއި ސީނާ ބައްދަލުވިއެވެ. ކުރިން ވާހަކަދައްކަން އަލިޝްބާއަށް ނުކެރިފައި ހުއްޓައި ސީނާ ގޮވާލައިފިއެވެ. އަލިޝްބާ ހިނިތުންވެލިއެވެ.

"އަންބަރްގެ ދައްތަ ދޯ ތީ" ސީނާ އެހިއެވެ. އަލިޝްބާ ބޯޖަހައިލިއެވެ.

"މިހާރު ކިތައް މަސް؟" އަލިޝްބާގެ ބަނޑު ފެނުމުން ސީނާ އެހިއެވެ.

"ހަތަރެއް ވީ އަދި" އަލިޝްބާ ބުންޏެވެ.

"ދައްތަ ކޮންތާކަށް" ލިފްޓު ހުއްޓި ނުކުންނަމުން އަލިޝްބާ ބުންޏެވެ.

"މިދަނީ ވަޒީފާއަށް"

ގޭތެރެއިން އަލިޝްބާއަށް މަރުހަބާ ކިއީ ހަމަހިމޭންކަމެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އޭނާ ގޮސް ހިފީ ޒަހާގެ ކޮޓަރީ ތަޅުގައެވެ. އެވަގުތަކީ އެތެރެއިން ނީލަމް ދޮރު ހުޅުވާލި ވަގުތެވެ. އެވަގުތު ދެކުދިންނަށް ހިނިތުންވެވިއްޖެއެވެ.

"މިއޮތް އައީނު ލިބާ" އެނދުގައި އިން ޒަހާއަށް ނަޒަރެއްދެމުން ނީލަމް ބުންޏެވެ. "ޒަހާއްތަ އެދައްކަނީ ލިބާގެ ވާހަކަ މިހާރުވެސް އަލިޝްބާ އެތެރެއަށް ވަނުމުން ފަހަތުން ނީލަމްވެސް ހިނގައިގަތެވެ. ތެޔޮ އުނގުޅަން ޒަހާ ތައްޔާރުކޮށްދިނުން އެއީ އޭނާގެ މަސައްކަތެވެ.

"ޒަހާއްތަ ހީކުރީ މާބޮޑަށް ބަލިވީ ކަމަށް ހަބަރެއްނުވާތީ. ޝަމްސުއަށް ގުޅާލަން އުޅެނިކޮށް ތިދައްކާލީ" އެނދުގައި އިން ޒަހާ ބުންޏެވެ.

"ނޫނޭ. ހޮޑުލެވޭތީ ނާދެވުނީ" އަލިޝްބާ ބުންޏެވެ. "ހިނގާ އަވަހަށް ފަށަން. މިއަދު ވާނެ އެހީއަކާ ނުލައި ފިޔަވަޅެއް އެޅޭތޯ ބަލަން"

ޒަހާ އިން ދިމާލުން ރަބަރު އަޅައިދީފައި އޭގެ މަތީގައި ހުދު ކުލައިގެ ފޮތިގަނޑެއް އަޅިދިނީ ނީލަމްއެވެ. އެއަށްފަހު ޒަހާ އެނދުގައި ބަންޑުންވާނެ ގޮތަށް ބާއްވާފައި ހެދުން މައްޗަށް ހިއްލާލިއެވެ. އަލިޝްބާ އިތުރު އެހީއަކަށް ބޭނުންވެދާނެ ކަމަށް ނީލަމް މަޑުކޮށްލައިގެން ހުއްޓެވެ.

"ސައި ބޮއެގެން ދާންވާނީ" ނީލަމް ބުންޏެވެ.

*****

ޖޫދުގެ ފޯނު ކޯލު ނިމުމާއެކު އަންބަރް އެނދުން ތެދުވިއެވެ. އަލަމާރި ކައިރީގައި ހުއްޓިފައި ލައިގެން ހުރި ހެދުން ބޭރަށް ނުކުމެވޭ ގޮތަށް ބަދަލުކޮށްލިއެވެ. ރީތިކޮށް ބުރުގާ އަޅަލައިގެން އަތް ދަބަސް ހިފައިގެން އޭނާ ކޮޓަރިން ނުކުތެވެ. ޖިޔާ ހަނދާން ނެތިގެން ނުގެންދެވުނު ފޮތް ހިފައިގެން ސްކޫލު ކައިރިއަށް ގޮސްދިނުމަށް ޖޫދު އެދުމުން ވަގުތުން އޭނާ އެއްބަސްވިއެވެ. ހީވީ ކަމަކު ޖޫދު ނުބުނެގެން ހުރި ހެންނެވެ. ޖިޔާގެ ކޮޓަރިއަށް ވަނުމާއެކު އަންބަރަށް އެބުނާ ފޮތް އެނދުމަތީގައި އޮއްވައި ފެނުނެވެ. އޭނާ އަވަސް އަވަހަށް ފޮތް ހިފައިގެން ނުކުމެ ދޮރާ ދިމާލަށް ހިނގައިގަތެވެ.

ޒަހާ ކައިރީގައި ބުނަން އޭނާ ހަނދާންވީ މަގުމައްޗަށް ނުކުމެ ހިނގައިގަތް ފަހުންނެވެ. ވަގުތުން ފޯނު ނަގާފައި ޒަހާއަށް ގުޅާލައިފިއެވެ. އޭނާ އަވަހަށް ގެއަށް އަންނާނެ ކަމުގައި ބުންޏެވެ. ފިހާރައިން އެއްވެސް އެއްޗެއް ގަންނަން ބޭނުންވޭތޯ އެހިއެވެ.

"އިބާ ތަ؟" ޒަހާ ފޯނު ބޭއްވުމާއެކު އަލިޝްބާ އެހިއެވެ. އެންމެފަހުން އަންބަރާ ބައްދަލުވި ރޭގައި އަންބަރަށް ކިޔުނު އެއްޗެހި އަލިޝްބާ ހަނދާންވިއެވެ. އޭނާ ދެރަވިއެވެ. އެ ބަސްތަކުގެ ސަބަބުން އަންބަރްގެ ފުށުން ހެޔޮ ބަދަލެއް ފެންނާނެ ކަމަށް އުންމީދު ކުރެވުނެވެ.

"އާނ. ޖިޔާގެ ފޮތެއް ބާއްވާފަ ދެވުނީމަ އެ ހިފައިގެން އެދިޔައީ" ޒަހާ ބުންޏެވެ.

"އަޅުގަނޑު ދެކެ ވަރަށް ނުރުހުން ވެފަ ހުންނާނީ" އަލިޝްބާ ބުންޏެވެ. އޭނާ މަތިންމަތިން އެރޭގައި ކަންތައްތައް ވީގޮތް ޒަހާއަށް ކިޔައިދިނެވެ.

"މިހާރު އެއީ ކުރީގެ އިބާއެއް ނޫން. ދުވަހަކުވެސް ބައްދަލުނުވާނޭ ކަމަށް ހީކުރެވުނު ކިތަންމެ ކަމެއް ބަދަލުވެއްޖެ. ޒަހާއްތަ މިހާރު އުންމީދުކުރަނީ މާމަ ކިޔާނެ ދަރިއަކު މިގޭތެރެއިން ފެންނާނެ ދުވަހަކަށް" ޒަހާ ބުންޏެވެ. ވާހަކަދެއްކިއިރު ޒަހާގެ މޫނު ނުފެނުނަސް އޭނާގެ އަޑުގައި އުންމީދެއްގެ ޖޯޝު އެކުލެވިގެންވާކަން އަލިޝްބާއަށް ފާހަގަވިއެވެ.

"ﷲ އިރާދަކުރެއްވިއްޔާ ތިދުވަސް ދައްކަވާނެ ޒަހާއްތައަށް" އަލިޝްބާ ބުންޏެވެ. ދެން ފާއިތުވެގެން ދިޔައީ ހިމޭން ވަގުތުކޮޅެކެވެ. އަންބަރްގެ ކިބައިން އެ ބަދަލު ފެނުމަށް އަލިޝްބާއަށް ހިތާހިތުން އެދެވުނެވެ. އޭނާ އަންބަރާ ބައްދަލުކުރަން އެދެވުނެވެ. ކުރީ ރޭގައި ދެކެވުނު ވާހަކަތަކަށް އަލިޝްބާއަށް ހިތް ބުރަ ނުކުރުމަށް ބުނަން ބޭނުންވިއެވެ. ލޯތްބާއި އޯގާތެރިކަމާއެކު އަންބަރަށް ވިސްނައިދޭން ބޭނުންވިއެވެ.

"އެ މަންޖެއާ ބައްދަލުވެއްޖެތަ. އެ މަންޖެ މިހާރު ހުންނަ ގޮތް ފެނިއްޖެތަ؟" ހިޔާލުގެ ފުން ކަނޑަކަށް ގެއްލިފައި އިން އަލިޝްބާ ޒަހާގެ އަޑު އިވުމާއެކު ސިހިފައި ހަރަކާތްތަކަށް ކުޑަ އަވަސްކަމެއް ގެނައެވެ.

"ދެތިން ދުވަސްވެއްޖެ ނުފެންނަތާ. ކުޑަކޮށް ރުޅިވެފަ ހުރީމަ ކަންނޭނގެ ނުގުޅާވެސް އެހުންނަނީ. އެހެންނޫނީ ގުޅައިލާނެ ކޮންމެސް އެއްޗެކޭ ކިޔާފަ" އަލިޝްބާ ބުންޏެވެ. ޒަހާއަށް ހެވުނެވެ. އަލިޝްބާއަށް އަންބަރަށް އައި ބަދަލު އަދި ނޭނގޭކަން އެނގުމުން އޭނާއަށް ހެވުނެވެ.

"އެހެންވީމަ ނީލަމް ބުނިހެން މިއަދު ކޮންމެހެންވެސް ދާންވާނީ ސައިބޮއެގެން. އޭރުން އިބާއާ ވެސް ދިމާވާނެއެއްނު" ޒަހާ ބުންޏެވެ.

"ބޭރުގަ އިން ސެކިޔުރިޓީ ބޭބެ އަތަށް ދީފަ ބުނެފިން ސްކޫލު އޮފީހާ ހަވާލުކޮށްދޭން" ސްކޫލު ކައިރިން ހިނގާފައި ގެއާ ދިމާލަށް ދިޔަ އަންބަރް ބުންޏެވެ. އޭނާ ފޯނުން ވާހަކަދައްކަމުން ދިޔައީ ޖޫދާއެވެ.

"އުނހު. އޯކޭ ހިނގާލާފަ ދާނީ. ގޭ ކައިރި ފިހާރައިން ތަރުކާރީކޮޅެއް ގަނެގެން ދާންވެގެން" އަންބަރް ބުންޏެވެ. މަގުގެ އެއްފަރާތުން އާދައިގެ ހިނގުމެއްގައި ހިނގާފައި ދިޔައިރު އޭނާގެ ނަޒަރު ސީދާވެފައި ހުރީ ދިމާ ކުރިމައްޗަށެވެ. ފޯނުން ޖޫދާ ވާހަކަދައްކަމުން ދިޔައިރު އޭނާގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ.

"ފްރައިޑް ރައިސް ހަދަންވެގެން. އަންނާތި އިނގޭ މެންދުރަށް ކާން. ޖޫދު އައިމަ ނޫނީ އަހަރެން ނުކާނަން" އަންބަރް ބުންޏެވެ. އިރުކޮޅަކުން އަންބަރަށް ހެވިއްޖެއެވެ. ފޯނުގައި ހުރި ޖޫދު ލާނެއް އެއްޗެކޭ ބުނެލައިފިއެވެ. ހިނިތުންވެފައިވާ އަންބަރްގެ މޫނުމަތިން ރަކިވުމުން ފެންނަ ކަހަލަ އަސަރުތަކެއްވެސް ފެނިލައިފިއެވެ.

މާދުރަށް ނުދެވެނީސް ފަހަތުން ބައިސްކަލުގައި އައި ވާރިޝް އަންބަރްގެ ފަހަތުން އަޅުވާލައިފިއެވެ. އަންބަރަށް އުނދަގޫވިއެވެ. ހާސްވެ ކަންބޮޑުވިއެވެ. އެހެންނަމަވެސް ކުރީގައި ފިނޑިވާހެން ފިނޑިކަން ދައްކަން އޭނާ ބެނުންނުވިއެވެ. ހަތަރުކަޅި ހަމަކޮށް ވާރިޝްއަށް ބަލައިލަންވެސް އޭނާ ބޭނުމެއްނުވިއެވެ.

"މިހާރު ހާދަ ލޯތްބޭ. ކުރިން އަހަރެން ހީކުރީ އިބާއާ ތިކަހަލަ ހެދުން ނުގުޅޭނެކަމަށް. އެކަމަކު ހެދުމުގައި ހުއްޓައި ފެނުނީމަ މި އެނގުނީ އަސްލަށްވެސް އިބާ ލޯބިކަން" ވާރިޝް ވާހަކަދެއްކިއެވެ. އަންބަރްގެ ހިނގުން ބާރުކޮށްލުމާއެކު ބައިސްކަލުގެ ސްޕީޑުވެސް ބާރުކޮށްލައިފިއެވެ.

"ކީއްވެތަ އަހަރެންނަށް ތިހެން ތިހަދަނީ. މިހާރު ލޯބިނުވަނީތަ" ވާރިޝް އެހިއެވެ. އަންބަރް ހަމަ އަނގައިންވެސް ނުބުންޏެވެ. ވަގުތުން ޖޫދަށް ގުޅަންވެސް ހިތަށް އެރިއެވެ. އެހެންނަމަވެސް ވާރިޝްއާ އޭނާއަށް އެކަނި ކުރިމަތިލެވޭނެތީ ޖޫދަށް ގުޅުމުގެ ހިޔާލު އޭނާ ދޫކޮށްލިއެވެ.

"ނޮވެމްބަރ 30. އެނގޭތަ އެއީ ކޮން ދުވަހެއްކަން. އަހަރެމެން މެރީކުރި ދުވަސް. އެދުވަހު އަލުން މެރީކުރަން އަހަރެން ހުރިހާ ކަމެއް ނިންމައިފިން" ވާރިޝް ބުންޏެވެ. ހިތްވަރުކޮށްފައިވެސް ކުރިއަށް ހިނގޭތޯ އަންބަރް މަސައްކަތްކުރަމުން ދިޔައެވެ. ކުރިން ވާރިޝްގެ އެފަދަ ވާހަކަތަކުން އޭނާއަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބުނަސް މިހާރު އޭނާގެ ހިތުގައި ވާރިޝްއަށްޓަކައި ވަނީ ފޫހިކަމެވެ. ހަމައެކަނި ނަފުރަތެވެ. ވާރިޝްއަކީ ދިރިއުޅުމުގައި އޭނާއަށް ހެދުނު ހަމައެކަނި ގޯސްކަމުގައި ގަބޫލުކުރެވިއްޖެއެވެ. ހަޔާތަށް އެޅުނު ކަޅު ހިޔަނި އެއްފަރާތް ކުރަން އޭނާ ހުރީ އިންތިހާއަށް ބޭނުންވެފައެވެ. އެހެންނޫނީ އޭނާގެ އުފާވެރި ހަޔާތަށް އެކަމުގެ ނުބައި އަސަރު ފޯރައިފާނޭ ކަމަށް އަންބަރް ހުރީ ވިސްނައިގެންނެވެ.

"އިބާ... ބޭބީ އަހަރެންނަށް ބަލައިލަބަލަ" ވާރިޝް ބުންޏެވެ. ކުއްލިއަކަށް އަންބަރް ހުއްޓުނީ އެހިސާބުންނެވެ. ވާރިޝްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެންމެފަހުން އަންބަރް ސައިޒަށް އައީއޭ ވާރިޝްއަށް ހީވިއެވެ.

"މިހާރު ބައްދާނުލާތާވެސް ކިހާ ދުވަހެއް. ހިނގާބަލަ އަހަރެންނާއެކު. ބޭނުމީ އިބާ އާއެކު ވަރަށް ބައިވަރު ވަގުތު ހޭދަކުރަން" ވާރިޝް ބުންޏެވެ. ފަޒާގެ ތެރެއަށް ފުން ނޭވައެއް ދޫކޮށްލާފައި އަންބަރް ފުން ހަމަޖެހިލިއެވެ. ކުރިމަތީގައި ހުރި ބޮލުގެ ރިހުން ފިލުވައިލަން އޭނާ ބޭނުންވިއެވެ. އަތުގައި އޮތް ފޯނު ނަގާފައި ނަންބަރަށް ގުޅާލާފައި ކަންފަތުގައި ޖެހިއެވެ. ވާރިޝް ހުރީ އަންބަރްގެ ހަރަކާތްތަކަށް ބަލަހައްޓައިގެންނެވެ. އަންބަރްގެ ވާހަކަދައްކާނެ އިރެއްގެ އިންތިޒާރުގައެވެ.

"އައްސަލާމް އަލައިކުމް" އެކޮޅުން ފޯނު ނެގުމާއެކު އަންބަރް ބުންޏެވެ. ދެން ދެފަރާތަށް ހޯދައިލިއެވެ. ހީވީ ހުރި ހިސާބު ޔަގީންކޮށްލި ހެންނެވެ.

"ކުޑަ މިސްކިތް ކައިރިއަށް ވަރަށް އަވަހަށް ފުލުހުންގެ ޖިޕް ފޮނުވާލަ ދީފާނަންތޯ. މިއުޅެނީ ފާޑެއްގެ ފިރިހެނެއް އަޅުގަނޑުގެ ފަހަތުގައި އަޅުވާލައިގެން ވަރަށް ހަޑި ވާހަކަތަކެއް ދައްކާތީ. ލައްބަ. ހީވަނީ އެއްޗެއް ބޮއެގެން އުޅޭ މީހެއްހެން" އަންބަރް ބުންޏެވެ. ފަހުބަސް އޭނާ ބުނެލީ ވާރިޝްގެ މޫނަށް ބަލައިލަމުންނެވެ.

ވާރިޝްއަށް ހުއްޓުމެއް އައިސްފައިވި ކަހަލައެވެ. އަންބަރްގެ މޫނަށް ބަލަން ހުރެވުނީ ގަބޫލުނުކުރެވިފައެވެ. ދާދި ދެންމެއަކާ ޖެހެންދެން ހަމަޖެހިފައި ހުރި މީހާ ފުލުހުން ނަން އަޑު އިވުމާއެކު ބިރުން ރޫރު އަޅައިގަނެއްޖެއެވެ. ކޮންމެ ކަމެއް ވިޔަސް ފުލުހުންގެ އަތްދަށުވާކަށް އޭނާ ބޭނުމެއް ނުވެއެވެ.

"ކިހިނެއްވީ؟ ބަސްހުސްވީތަ؟ ބިރުގަތީތަ؟" ވާރިޝްގެ ކުރިމަތީގައި ހަށަން ބަނދެލައިގެން ހުރި އަންބަރް ބުންޏެވެ. މަގުކޮޅުން ފުލުހުންގެ ވެހިކަލްވެސް ދައްކާލީ އެވަގުތުއެވެ. އެކަން ވާރިޝްއަށް އެނގުމާއެކު ކުރިއަށް ދުއްވާލައިފިއެވެ.

"އޭ ބަލަ ދަނީތަ؟ އަދި ނުދޭ. އާދޭ" އަންބަރް ފަހުން ބުނެލި ބަސްތައް ވާރިޝްއަށް އަޑު އިވުނެވެ. އެހެންނަމަވެސް ފަހަތް ބަލައިނުލާ އޭނާ ކުރިއަށް ބާރު ސްޕީޑުގައި ދުއްވަމުން ދިޔައެވެ.

ފުލުހުން ބޭނުންވާ މައުލޫމާތުތައް ދޭން އަންބަރަށް އެވަގުތު ފުލުހުންގެ އިދާރާއަށް ދާން ޖެހުނެވެ. އޭނާ ޖޫދުގެ އެހީތެރިކަމަށް އެދުނީ އެހިސާބުންނެވެ. އަންބަރް ގޮވައިގެން ފުލުހުންގެ މަރުކަޒަށް ދިޔައީ ޖޫދެވެ. އަންބަރްގެ ބަޔާން ނަގައި ހުރިހާ ކަމެއް ޖެހެންދެން ޖޫދު މަޑުކޮށްގެން އިނެވެ. އޭރު ތަހުގީގުކުރާ ފުލުހުން ވާރިޝް ގޮވައިގެން ބަޔާން ނަގާ ކޮޓަރިއަށް ވަދެއްޖެއެވެ. ފުލުހުންގެ މަރުކަޒު ތެރެއިން ޖޫދު ފެނުމުން ވާރިޝް ލަދުގަތެވެ.

ގޭ ކައިރިއަށް ސައިކަލް މަޑުކޮށްލުމާއެކު އަންބަރް ފައިބައިފިއެވެ.

"ދަނީ. އަންނައްޗެ އިނގޭ ކާން" އަންބަރް ބުންޏެވެ. ހިނިތުންވެލާފައި އަންބަރް ހިނގައިގަނެފައި ވެސް އޭނާ ހުއްޓުނެވެ. ޖޫދު އަންބަރްގެ އަތުގައި ހިފެހެއްޓުމުންނެވެ. އަންބަރް އެނބުރި ޖޫދަށް ބަލައިލިއެވެ.

"ބަލައިގެން އުޅެއްޗޭ. ހުރިހާ ތަނެއްގައިވެސް. އިބާއަށް ކަމެއްވިއްޔާ އަހަރެންނަށް އެކަން ބަރުދާސްކުރަން ވަރަށް އުނދަގުވާނެ" ޖޫދު ބުންޏެވެ. ހިނގައިދިޔަ ހާދިސާއާ މެދު ޖޫދު ކަންބޮޑުވެފައިވީ މިންވަރު އަންބަރަށް އެނގުނީ އެ ހިސާބުންނެވެ. އަންބަރްގެ އަތުގައި ޖޫދު ހިފަހައްޓައިގެން ހުރި އަތުގައި އަންބަރް ހިފައިލިއެވެ. އަދި ޖޫދާ ގާތަށް އެއް ފިޔަވަޅު އެޅިއެވެ.

"އަހަރެންނަށް ކަމެއްނުވޭ. މިހާރު އަހަރެން ކުރިއަށް ވުރެވެސް ހިތްވަރުގަދަ. ފިރިމީހާ ކަންބޮޑުނުވެބަލަ" ހީލަމުން އަންބަރް ބުންޏެވެ. ދެފަރާތް ބަލައިލާފައި ޖޫދު އަންބަރްގެ އަތްތިލައިގައި ބޮސްދިނެވެ. ގޭ ދޮރުމަތީގައި ވިޔަސް ތިބެވުނީ މަގުމަތީގައި ކަން އޭނާ ހަނދާން ނުނެތެއެވެ. އަންބަރް ހީލާފައި ހިނގައިގަތެވެ.

"އަދި މަޑުކޮށްބަލަ" އަނެއްކާވެސް ޖޫދުގެ އަޑު އިވުމާއެކު އަންބަރް ހުއްޓުނެވެ. ހިނިއައިސްފައި ހުރެ ޖޫދަށް އަންބަރް ބަލައިލިއެވެ.

"ފިހާރައަށް ދިއުމުގެ ވިސްނުމެއް ނެތިއްޔާ ގެއަށް ވަންނަން ފެންނަނީ" ހީލުމާއެކު އަންބަރް ބުންޏެވެ.

"އުނހު. ދާންޖެހޭނެ. އަހަރެން ބުނަން އުޅުނީ ވައިފީ ދެކެ ވަރަށް ލޯބިވެޔޭ. ރޭގެ ފަހުން އެ ލޯބި އިތުރުވިހެންވެސް ހީވޭ މިހާރު" ފަހު ޖުމުލައާއެކު ޖޫދު ގަސްދުގައި އަންބަރް ލަދުގަންނަވާލިއެވެ. ރޭގެ މަންޒަރުތައް ހިތަށް ސިފަވުމާއެކު ލަދުމަލެއް މިލާލާހެން އަންބަރްގެ މޫނަށް އައި ބަދަލު ފެނިފައި ޖޫދަށް ހެވުނެވެ. އަންބަރް އިސްއޮބައިލިގޮތުން އިތުރަށް ކުރިމަތީގައި ބަހައްޓަން އޭނާ ބޭނުމެއް ނުވިއެވެ.

"ހެހެހެ.. ފަހުން ދެން. އަވަހަށް ދޭ. މިހާރު މަންމަ ހުންނާނީ ލަސްވެފަ"

*****

ގޭތެރެއަށް ވަދެގެން އައި އަންހެންކުއްޖާ ފެނުމާއެކު ރޮއްޓެއް ހިފައިގެން އިން އަލިޝްބާއަށް ކޮޅަށް ތެދުވެވުނެވެ. ގަބޫލުނުކުރެވިފައި ކުރިއަށް ހިނގާފައި އެ އަންނަނީ އަންބަރް ކަމާމެދު އޭނާއަށް ޔަގީންކުރަން އުނދަގޫވިއެވެ. އޭރު އަދި އަންބަރަށް އަލިޝްބާ ނުފެނެއެވެ. އަލިޝްބާއަށް ވީގޮތް ފެނިފައި ނީލަމް އާއި ޒަހާ އެކަކު އަނެކަކަށް ބަލައިލާފައި ހިނިތުންވެލިއެވެ.

"އަނހަ ދަރިފުޅު އައީތަ؟" ޖޫދުގެ ލާނެއްކަން ހަނދާންކޮށް ހިޔާލެއްގައި ހުރެ ވަދެގެން އައި އަންބަރް ޒަހާގެ އަޑަށް ކުރިމައްޗަށް ބަލައިލިއެވެ. އެއާއެކު އެންމެ ފުރަތަމަވެސް އޭނާގެ ލޮލުގައި އަޅައިގަތީ އޭނާއަށް ބަލަހައްޓައިގެން ހުރި އަލިޝްބާއެވެ. އަންބަރްގެ ފިޔަވަޅުތަކަށް ލަސްކަމެއް އައިސްފައިވެސް ބާރުކޮށްލިއެވެ.

"ދޮންތާ" އެދިޔަގޮތަށް ގޮސް އަލިޝްބާގެ ކަރުގައި ދެއަތް ވަށާލާފައި އަންބަރް ބައްދާލިއިރުވެސް އަލިޝްބާއަށް އިތުރު ހަރަކާތެއް ގެންނަން ނޭނގުނެވެ. އޭނާގެ ދެލޮލުން އުފާވެރިކަމުގެ ކަރުނައެއް ފައިބައިގެން ދިޔައީ ނުވެސް އެނގި ހުއްޓައެވެ. ދެކުދިން އެންމެފަހުން ބައްދަލުވި ރޭގައި ދެކެވުނު ވާހަކަތަކާ އެންމެފަހުން އަންބަރް ބުނެލި ޖުމްލަތަކާ އަންބަރް ރުއި ރުއިން އަލިޝްބާ ހަނދާންވިއެވެ.

"ލިބާ.....، ތިއީ ހަމަ އަހަރެމެންގެ އިބާ އޭ" ޒަހާ ބުންޏެވެ. އަލިޝްބާ ހީލިއެވެ. އަންބަރްގެ ދެއަތުގައި ހިފައި ދުރުކޮށްލާފައި އެމޫނަށް ބަލައިލިއެވެ.

"މާޝާﷲ. ދޮންތަގެ އިބާ ހާދަ ރީއްޗޭ" ބުރުގާގެ ތެރެއިން ފާޅުވާން ހުރި އަންބަރްގެ މޫނުގައި އަލިޝްބާ ފިރުމާލިއެވެ. އެ މޫނުގައި ބޮސްދިން އިރު ހީވީ ފަސްއަހަރުގެ ކޮއްކޮ ގާތްކޮށްލިހެންނެވެ.

"އިބާ ދޮންތަ ކައިރީގަ ވައުދުވޭ. ދުވަހަކުވެސް ބުރުގާ ނުބާލާނެކަމަށް ވައުދުވޭ. ދުވަހަކުވެސް ޖޫދަށް ބޭވަފާތެރިނުވާނެކަމަށް ވައުދުވޭ. ތިގޮތުގައި ހުންނާނެކަމަށް ވައުދުވޭ" އަލިޝްބާ ކިއެވެ. އަލިޝްބާ ކުރިއަށް ނެރެގެން ހުރި އަތުގައި އަންބަރް ހިފިއެވެ.

"އައި ޕްރޮމިސް ދޮންތާ" އަންބަރް ބުންޏެވެ. "އެއަށްވުރެ މާބޮޑަށް ﷲ ތައާލާގެ އަޒާބަށް ބިރުވެތިވޭ"

*****

"ކިހިނެއްވީ ލަސްވީ" އަންބަރް ގޮނޑީގައި އިށީނުމުން ޒަހާ އެހިއެވެ. އެވަގުތު އަންބަރް ހުރިހާ މީހުންނަށް މަގުމަތިން ދިމާވި ކަންތައްތައް ކިޔައިދިނެވެ. ވާރިޝްގެ ނަމެއް ނުބުނެއެވެ. ފިރިހެނަކު ފަހަތުގައި އަޅުވާލިއޭ ބުނި ހިސާބުންވެސް ނީލަމްއަށް އެއީ ވާރިޝް ކަން އެނގުނެވެ. އޭނާ އަންބަރްގެ މޫނަށް ބަލައިލީ އެއީ ވާރިޝް ހެއްޔޭ އަހާލާ ކަހަލަ ގޮތަކަށެވެ. އަންބަރް ނީލަމްއަށް ނަޒަރެއްދެމުން ބޯޖަހައިލިއެވެ. ނީލަމްގެ މޫނުމަތިން ވަކި އަސަރެއް ނުފެނުނެވެ. ވާރިޝްގެ އަމަލުތައް ހައްދުފަހަނައަޅާފައި ހުރިކަން ނީލަމްއަށް އެނގެއެވެ. ހުދު މިހާރު އޭނާވެސް ބޭނުންވަނީ ވާރިޝްއަށް ފިލާވަޅެއް ލިބުމެވެ. ކުރަމުންދާ ނުބައި ކަންތައްތަކުގެ ހައްގު އަދަބު ވާރިޝްއަށް ލިބުމެވެ.

"އެބަ އަންނަން. މިއަދު ލިބާ ގެއަށް ދާންވާނީ ފޮޓޯތައް ބަލާފަ"

*****

ކޮޓަރިން ނުކުތްގޮތަށް ރިކްޒާއަށް ތަޅުގައި ހިފަހައްޓައިގެން ހުރެވުނެވެ. އޭނާގެ ނަޒަރު ސީދާވެފައި ހުރީ ކާމޭޒު މައްޗަށެވެ. އޭގެ މަތީގައި ހުރީ ރައިކާއަށް ބޭނުންވާ އެއްޗިއްސެވެ. ހަ މަސްވާން އަދި ކައިރިވެފައިވާ ރައިކާގެ ކޮއްތެވެ. ރައިކާގެ ކާއެއްޗެހި ތައްޔާރުކުރުމަށް ބޭނުންވާ މިކްސަރާ ތައްޓާއި ސަމްސަލެވެ. އެތަކެއްޗަކީ އޭނާ ބުނުމަކާ ނުލައި ޝާރިގް ގެއަށް ވައްދާފައި ހުރި އެއްޗެއްސެވެ. ޝާރިގް ފުރައިގެން ދިޔައީ ރައިކާގެ ބައްޕައަށް ވުމަށްޓަކައި އަދާކުރަންޖެހޭ ފުރަތަމަ ޒިންމާ އަދާކޮށްފައެވެ. ރިކްޒާގެ ދެލޯ ކަރުނުން ތެންމާލިއެވެ. މަޑުމަޑުން ހިނގާފައި ގޮސް އޭނާ މޭޒު ކައިރީގައި ހުއްޓުނެވެ. އެތަކެތީގައި އޭނާ އަތް ހިންގައިލިއެވެ. މޭޒު ކައިރީގައި ހުރެފައި ބަލައިލީ ސިޓިންގރޫމުން ނިކުމެވޭ ބެލްކަންޏާ ދިމާލަށެވެ. ގޭތެރޭގައި އުޅެންޏާ ޝާރިގް އެންމެ ގިނައިން ވަގުތު ހޭދަކުރާ ތަނަކީ އެއީ ކަމަށްވާތީއެވެ. ރިކްޒާ އިސްޖަހާލިއެވެ. އޭނާ މާބޮޑަށް ޝާރިގް މަތިން ހަނދާންވަނީ ހެއްޔެވެ؟ އޭނާއަށް ވާގޮތެއް ހުދު އޭނާއަކަށްވެސް ނޭނގެއެވެ. ޝާރިގްއަށް އޭނާގެ ހާއްސަ މަގާމެއް ދެވިއްޖެކަން ގަބޫލުކުރެވެން ފެށީ ވާރިޝް ފުރައިގެން ދިޔުމުންނެވެ. ގޭތެރޭގެ ކޮންމެ ދިމާލަކުން އޭނާއަށް ޝާރިގްގެ ހަނދާން އަވާމުން ދިޔައެވެ. ގޮނޑި ދަމާލާފައި އިށީނދެފައި އަތުގައި އޮތް ފޯނު މޭޒުމަތީގައި ބޭއްވިއެވެ. އޭނާ އެއްފަހަރު ފޯނަށް ބަލައިލިއެވެ. އެނދުގައި ނިދާފައި އޮތް ރައިކާ އޭނާއަށް ފޯނުން ފެންނަން ހުއްޓެވެ. އެއީވެސް ފުރުމުގެ ކުރިން ޝާރިގް ކޮށްދިން ކަމެކެވެ. ސިޓިންގރޫމުގައި ރިކްޒާ ހޭދަކުރާ ވަގުތުތަކުގައި ރައިކާ ހޭލިޔަސް އިނގޭނޭހެން ކޮޓަރީގައި ކެމެރާ ހަރުކޮށްފައި ފޯނާ ގުޅުވައިދިނެވެ. އިރުކޮޅަކާ ކޮޓަރިއަށް ނުދިޔަސް ރަނގަޅުވާނޭ ޝާރިގް ބުނެލި ގޮތް ރިކްޒާ ހަނދާންވިއެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ދެން އޭނާ އަވަސްވެގަތީ މޭޒުމަތީގައި ހުރި ސާމާނުތައް ކަބަޑުތަކަށް އަޅައި ރައްކާކުރުމަށެވެ.

*****

މޭޒުމަތީގައި ނީލަމް އަތުރާލި ފޮޓޯތަކުން އަލިޝްބާގެ ލޮލުގައި އަޅައިގަތީ އެންމެ ފޮޓޯއެކެވެ. ކުކުޅުބިސް ކުލައިގެ ދިގު ހެދުމެއްގައި ހުރި އަންހެނެއްގެ ފޮޓޯއެވެ. ފޮޓޯގައިވާ ކުލަ ފެނުމުން އެއީ ގިނަ ދުވަސްވެފައިވާ ފޮޓޮއެއްކަން ހާމަވެއެވެ. ލޮލާ ކައިރިކޮށްފައި ވެސް އަލިޝްބާ އެ ފޮޓޯއަށް ބެލިއެވެ. ޒަހާއާއި އަންބަރާ ބައިވެރިވެގެން އެހެން ފޮޓޯތައް ބަލަމުން ދިޔަ ނީލަމްއަށް ހައިރާންކަމެއް ލިބުނީ އަލިޝްބާ އަތުގައި އޮތް ފޮޓޯއަށް ބަލަން އިން ގޮތް ފެނިފައެވެ.

"ތީ މަންމަ. ފަރީހާ. ވަރަށް ކުރީގެ ފޮޓޯއެއް" ނީލަމް ބުންޏެވެ. އެބަސްތައް އަލިޝްބާގެ ކަންފަތުގައި ގުގުމަން ފެށިއެވެ. ލަސްލަހުން ނީލަމްއަށް އަލިޝްބާ ބަލައިލިއެވެ.

(ނުނިމޭ)