މިދިޔަ ސެޕްޓެމްބަރު މަހު މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސް އަށް ޖުމުލަ 287 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މީގެ ތެރޭގައި ޑަކުދީންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 127 މައްސަލައެއް ހިމެނޭ ކަމަށެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލަތައް ކަމަށާއި، އެފަދަ 40 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ޖެންޑާއިން ބުންޏެވެ.

އޭގެ އިތުރުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 64 މައްސަލައެއް ހުށަހަޅާފައިވާއިރު، މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލަ ކަމަށާއި، އެފަދަ 27 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އާއިލީ 36 މައްސަލައެއް ސެޕްޓެމްބަރު މަހު މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު، މިފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ 18 ހަޟާނާތުގެ ނުވަތަ ކުދިންނާ ބައްދަލުކުރުމުގައި ޖެހޭ 16 މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

އޭގެ އިތުރުންވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 18 މައްސަލައަކާއި، ކުޑަކުދިންގެ އަހުލާގާ ގުޅުންހުރި 16 މައްސަލައަކާއި، އަދި އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 15 މައްސަލައެއް ހިމެނޭ ކަމަށެވެ.

ހަމަ އެހެންމެ ހައްގުތަކުން ކުޑަކުދިން މަހުރޫމްކުރުމުގެ ހަ މައްސަލައަކާއި، އަދި ގާނޫނާއި ގަވައިދާ ހިލާފުވުމުގެ ފަސް މައްސަލައެއްވެސް ސެޕްޓެމްބަރު މަހު ހުށަހަޅާފައިވާ ކަމަށެވެ.

ޖެންޑާއިން އިތުރަށް ބުނީ ސެޕްޓެމްބަރު މަހުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި، ފަސް ކުދިން ރީއިންޓަގްރޭޓް ކޮށްފައިވާއިރު، އެއް ކުއްޖަކު ފޮސްޓާ ކޮށްފައިވާ ކަމަށެވެ. އަދި އެއް ކުއްޖަކަށް ވަޒީފާގެ ފުރުސަތު ހޯދައިދީފައިވާ ކަމަށެވެ.

ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ އަދަދަކީ 206 އެވެ.