ކްރޫޒް ލައިނާތަކަށް ނަގާ ޕައިލެޓޭޖް ފީ ބޮޑު ވެގެން އެއްވެސް ޝަކުވާއެއް ލިބިފައި ނުވާ ކަމަށާއި އެ ކަމާ ބެހޭގޮތުން މަޝްވަރާކުރުމަށް ތައްޔާރަށް އޮތް ކަމަށް އެމްޕީއެލް އިން ބުނެފިއެވެ.

އެމްޕީއެލް އިން މިހެން ބުނީ އެ ކުންފުނީން މިއަދު ނެރުނު ބަޔާނެއްގަ އެވެ.

އެމްޕީއެލްއިން އިތުރަށް ބުނީ، އެ ކުންފުނިން ފާއިތުވި ތިން ހަތަރު އަހަރެއްގެ ތެރޭގައި ގެނެސްފައިވާ މުހިންމު ބަދަލުތަކުގެ ތެރޭގައި ޕައިލެޓޭޖް ޗާޖަށް ގެނެސްފައިވާ ބަދަލު ހިމެނޭ ކަމަށެވެ. އެގޮތުން ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންނާ އެކު މަޝްވަރާގެ މޭޒަށް އަރައި އެކަމާ ގުޅޭ މައުލޫމާތު އެ ކުންފުނިން ހިއްސާކުރި ކަމަށާއި، އެއިރުވެސް އަދި މިހާރުވެސް ކްރޫޒް ލައިނާތަކުގެ ޕައިލެޓޭޖް ފީ ބޮޑު ކަމުގެ ޝަކުވާއެއް، އަދި ކަންބޮޑުވުމެއް އެ ކުންފުންޏަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

އެގޮތުން ކްރޫޒް ލައިނާތައް ރާއްޖެ އަންނަން ފަށާއިރު އެ ކުންފުނިން ނަގާ ޕައިލެޓޭޖް ފީއާ ބެހޭ މައްސަލައެއް އޮތް ނަމަ އެކަމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް އެ ކުންފުނިން ތައްޔާރަށް އޮތް ކަމަށާއި، އަދި އެކަމަށް ހައްލު ހޯދައިދިނުމަށް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ އެކު ބައްދަލުވުންތައް ފަށާފައިވާ ކަމަށެވެ.

އޭގެ އިތުރުން އެކުންފުނިން ބުނީ، ކޮވިޑުގެ އާލަމީ ވަބާގެ ފަހުން ކްރޫޒް ލައިނާތައް ރާއްޖެ އަންނަން އެއްވެސް ކަހަލަ ދަތިކަމެއް ނުވަތަ ކަންބޮޑުވުމެއް ހުރި ކަމުގެ އިޝާރާތެއް އެ ކުންފުންޏަށް ދީފައި ނުވާ ކަމަށެވެ.

އެމްޕީއެލް އިން އިތުރަށް ބުނީ، ޕައިލެޓޭޖް ފީ ނަގަމުން އައީ އެ ކުންފުނިން ކުރީގައި ހެދިފައިވާ ޓެރިފް ރޭޓާ އެއްގޮތަށް ކަމަށެވެ. ނަމަވެސް އިތުރު މަޝްވަރާއާ އެކު އެ ކުންފުނިން ބޯޓުފަހަރުގެ ޓަނޭޖް ސައިޒް ގިންތި ތަކަށް ބަހާލާފައިވާ ކަމަށާއި، އަދި މި ގިންތިތަކާއި އެކަށީގެންވާ ޓެރިފް ރޭޓެއް ހަމަޖައްސައި އެއާ އެއްގޮތަށް މިހާރުވެސް ޕައިލެޓޭޖް ފީގެ ގޮތުގައި ނަގާ އަދަދަކީ އަވަށްޓެރި ސަރަހައްދީ ޕޯޓުތަކުން ނަގާ އަދަދަށް ވުރެ ކުޑަ އަގެއް ކަމަށެވެ.