ހަނގުރާމައަށް ރާއްޖެއިން ބޭރަށް ގޮސް ބޭރުގެ އެކިއެކި ކޭމްޕްތަކުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި މިނިސްޓަރު އިމްރާން ރޭ ވިދާޅުވީ، ހަނގުރާމައަށް ރާއްޖެއިން ބޭރަށް ދާ ދިވެހިން އަނބުރާ ރާއްޖެ ގެނެސް ރިހެބިލިޓޭޓްކޮށް އެމީހުން މުޖުތަމައަށް ނެރެދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކަށް ޓަކައި، ރާއްޖެއިން ބޭރުގައި ތިބި އެފަދަ ފަރާތްތަކުގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުންގެ އަދަދެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.
"ހާއްސަކޮށް އަންހެނުންނާއި ކުޑަކުދީން އެފަދަ ކޮންފްލިކްޓް ޒޯންތަކުގައި ތިބި، އަންހެނުންނާއި ކުޑަކުދިންގެ ތެރެއިން އަންނަން ބޭނުންވާ އާއިލާއަށް އަނބުރާ ގެނެސް އެމީހުންގެ އާއިލާތަކަށް ނުވަތަ މުޖުތަމައާ އަލުން ގުޅުމަށް ޓަކައި އެ މަރުހަލާގައި ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް ހުރިކަން ގަބޫލު ކުރަން" އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ، އެ މަސައްކަތް ކުރުމަށް، ނޭޝަނަލް ރީ-އިންޓަގްރޭޝަން ސެންޓަރު (އެންއާރްސީ)ގެ ނަމުގައި ސެންޓަރެއް ގާއިމްކޮށް، އެތަނުގައި ތިބޭނެ ފަރާތްތައް ރިހެބިލިޓޭޓް ކުރުމަށް ޕްރޮގްރާމްތައް ތައްޔާރުކޮށް މިހާރު ކުރެވެމުން އަންނަ މަސައްކަތަކީ، އެ ސެންޓަރަށް މުވައްޒަފުން ހޯދުމުގެ މަސައްކަތް ކަމަށެވެ.
"އެތަނުގައި މަސައްކަތްކުރާނެ ސްޓާފުން ހޯދުމަށް އިއުލާން ކުރެވުނީމާ އެކަމަށް ފަސްޖެހޭކަން. ފަހަރުގައި އޭގައި ހުރި ކަންބޮޑުވުންތަކެއްވެސް ހުރެދާނެ. އޭގައި ހުރި ރިސްކަކަށް ނުވަތަ ރާއްޖޭގައި މުޅިން އަލަށް ކުރާ ކަމެއްގެ ތެރެއަށް ވަނުމަށް ފަސްޖެހެވުން ކަމަށްވެސް ވެދާނެ، ނުވަތަ އެހެން އިތުރު ސަބަބުތައްވެސް ހުރެދާނެ" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން އިތުރަށް ވިދާޅުވީ، އަންނަ މަހުގެ ތެރޭގައި އެ ސެންޓަރުގެ މަސައްކަތްތައް ފަށައިގަނެވި، ރާއްޖެ އަންނަން ބޭނުންވާ މީހުން ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައިގަނެވޭނެ ކަމަށެވެ. އަދި އެފަރާތްތައް ރާއްޖެ ގެނެސް ދީނީ ގޮތުންނާއި ސައިކޮލޮޖިކަލީ އެމީހުންނަށް އެކިއެކި ޕްރޮގްރާމްތައް ހިންގާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު