އައްޑޫގައި ފްލައިން ސްކޫލެއް ހިންގުމަށް ދެ މިލިއަން ޑޮލަރު (30 މިލިއަން ރުފިޔާ) އިންވެސްޓް ކޮށްފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީއަށް މައުލޫމާތު ދެއްވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފު ވިދާޅުވީ، ފްލައިން ސްކޫލަކީ އެމްއެންޔޫގެ އިންވެސްޓްމަންޓެއް ކަމަށާއި އެއްބަސްވުމުގެ ކަންކަން ރަނގަޅަށްދާ ނަމަ، މިއީ ރަނގަޅު ވެންޗާއަކަށް ވާނެ ކަމަށެވެ. ނަމަވެސް އެ އެއްބަސްވުމުން ފައިދާ ވާނެ ކަމަށް ބެލެވެނީ އަދި 3-4 އަހަރު ފަހުން ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ނިސްބަތުން ވަރަށް ބޮޑު އިންވެސްޓްމަންޓެއް. ދެ މިލިއަން ޑޮލަރު ވިޔަސް ބޮޑު އެއްޗަކަށް ޔުނިވާސިޓީން ބަލަނީ. އޭގެ ރިކަވަރީ ފުރަތަމަ ކޮޅުގައި އުނދަގޫވާނެ ދެއްތޯ،" ޑރ. ޝަރީފު ވިދާޅުވިއެވެ.
ފްލައިން ސްކޫލު ހިންގުމަށް އެމްއެންޔޫ އާއި ސަރުކާރުގެ ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ގުޅިގެން އުފައްދާ ޖޮއިންޓު ވެންޗާ ކުންފުންޏެއް އުފެއްދުމަށް މިދިޔަ މަހު ވަނީ ސޮއިކޮށްފައެވެ. އަދި އޭގެ ފަހުން މޯލްޑިވިއަނުން ވަނީ ވަސީލަތްތައް ކުއްޔަށް ހިފުމަށް ގަން އެއާޕޯޓާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އާ ފްލައިން ސްކޫލުގައި އަންނަ މަހުގެ ތެރޭގައި ކިޔަވައިދެން ފަށާނެ ކަމަށާއި އަދި ފުރަތަމަ ބެޗުން 30 ދަރިވަރުންނަށް ޖާގަ ދޭނެ ކަމަށް މޯލްޑިވިއަނުން ކުރިން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު