ރާއްޖޭގެ ތަރައްގީގެ ދުވެލި މިހާރު ހުރީ ރަނގަޅު މިސްރާބުގައި ކަމަށް ރައީސުލްޖުމްހޫރިޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އެކައުންޓަންޓްސް ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރައީސް މިރޭ ވިދާޅުވީ، ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ ގައުމުތަކުގެ އިގުތިސޯދު އިނދަޖެހުން ކަމަށެވެ.

ރައީސް ވިދާޅުވީ، ކޮވިޑަށް ދޮޅު އަހަރު ފަހުން، މިހާރު ފެންނަނީ ދުނިޔޭގެ އިގުތިސޯދު އަނެއްކާވެސް މަޑުމަޑުން ހަށިފޮޅާލާފައި ތެދުވަމުން އަންނަ މަންޒަރު ކަމަށާއި ރާއްޖޭގެ އިގުތިސޯދުވެސް ހިންދެމިލާ މަންޒަރު މިއަދު ފެންނަމުން އަންނަ ކަމަށެވެ.

"ރާއްޖޭގެ ތަރައްގީގެ ދުވެލި، މާތް ﷲގެ ވާގިފުޅާއެކު މިހާރު ހުރީ ރަނގަޅު މިސްރާބުގައި. ގައުމީ އާމްދަނީއާ ގުޅިފައިވާ ސިނާއަތްތައް ކުރިއަރަމުން އަންނަނީވެސް އުންމީދު އާކޮށްދޭ ގޮތެއްގައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ އިގުތިސޯދަށް އަންނަ ކުރިއެރުމާއެކު ބޭންކިން ދާއިރާއާއި އިގުތިސޯދީ ސިނާއަތުގައި، އެކައުންޓެންސީ ދާއިރާގެ ވަރަށް ގިނަ ވަޒީފާތައް މިހާރުވެސް އުފެދެމުން އަންނަ ކަމަށާއި ދައުލަތާއި ޕްރައިވެޓް ސެކްޓާގެ މާލީ ކަންކަމާއި، ޓެކްސްގެ ކަންކަން ބަލަހައްޓާނެ އެކައުންޓެންޓުންނާއި އޮޑިޓަރުންގެ ދައުރު އިތުރަށް ފުޅާކުރުމުގެ ބޭނުންތެރިކަންވެސް މިހާރު ވަރަށް ބޮޑުވެފައިވާ ކަމަށެވެ.

"އެ ވަޒީފާތަކަށް ސަރުކާރުވެސް އަދި މި އިންޑަސްޓްރީވެސް ބޭނުންވަނީ، ކޮލިފައިޑް ގާބިލު އެކައުންޓެންޓުން. އެހެންކަމުން، މި ދާއިރާއިން މީހުން ބިނާކުރުމަކީ، މިވަގުތު ކުރަން ޖެހިފައިވާ ވަރަށް މުހިންމު މަސައްކަތެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެކައުންޓިން ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ދޭން ޖެހޭ އެއްބާރުލުން ދޭނެ ކަމަށެވެ.