ނައިޖީރިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، އަބިއޮޔޭ މުހައްމަދު ބެއްލޯ، އަދި ފިލިޕީންސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، އެލަން އެލް ޑެނިއެގާ، މި ދެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފިއެވެ.
ރައީސް އޮފީހުން ބުނީ، މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، ފިލިޕީންސްގެ އާ ސަފީރާއި، ނައިޖީރިއާގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެ ދެ ބޭފުޅުން ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުހަބާ ވިދާޅުވި ކަމަށެވެ. އަދި މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ނައިޖީރިއާގެ އާ ސަފީރު ވަނީ އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި، ރާއްޖެއާއި ނައިޖީރިއާ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފައި ކަމަށެވެ. އޭގެ އިތުރުން ރާއްޖެއާއި ފިލިޕީންސް އާއި ދެ ގައުމުގައި ހުރި ހިޔާލު އެއްގޮތް ކަންތައްތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
އެގޮތުން ފިލިޕީންސްގެ އާ ސަފީރު ދެއްކެވި ވާހަކައިގައި، ރާއްޖޭގައި ދިރިއުޅޭ ފިލިޕީންސްގެ ރައްޔިތުންނަށް ދިވެހި ސަރުކާރުން ދެއްވާ މެހްމާންދާރީއާއި، ވެދެއްވާ އެހީއަށް ޝުކުރު އަދާކުރައްވައި، ރާއްޖޭގައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރުގެ ގޮތުގައި މަސައްކަތްކުރެއްވުމަށް އުއްމީދު ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވި ކަމަށެވެ.
ހަމަ އެހެންމެ މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ރައީސް ސޯލިހު ވަނީ ކުރިއަށް އޮތް ދުވަސްތަކަށް ހެޔޮއެދުންތައް އަރިސްކުރައްވައި ރާއްޖެއާއި ނައިޖީރިއާ އާއި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައި ކަމަށެވެ. އަދި ފިލިޕީންސްގެ އާ ސަފީރަށް ތަހުނިޔާ ވިދާޅުވެ، ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެއާއި ފިލިޕީންސްއާ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވެފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު