މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ އެހީތެރިކަމާއެކު އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ ފަލި ޖެހުމުގެ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން އެމްޑަބްލިޔުއެސްސީގެ މާލީ އެހީތެރިކަމާއެކު "އެމްޑަބްލިޔުއެސްސީ ކޯސްޓަލް ރޯވިން ބީޗް ސްޕްރިންޓް 2021"ގެ ނަމުގައި މިދިޔަ ބުރާސްފަތި ދުވަހު ފެށި މި މުބާރާތް ނިންމާލައިފައިވަނީ މިއަދުއެވެ.
މިއަދު ބޭއްވި އެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ. އެ ރަސްމިއްޔާތުގައި ބިލެތްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ހަމްޒާއާއި އައްޑޫ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފާއި ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަހުމަދު ހަބީބާއި ސުކޫލްތަކުގެ އިސް ބޭފުޅުންނާއި ދަރިވަރުން ބައިވެރިވިއެވެ.
އެ މުބާރާތުގައި ޖުމުލަ ފަސް ސްކޫލަކުން 150 ދަރިވަރުންނާއި 80 މުދައްރިސުން އަދި ހަތަރު ކްލަބަކުން 20 އެތުލީޓުން ވާދަކޮށްފައިވެއެވެ. އެ މުބާރާތުގައި ބައިވެރިންގެ ތެރެއިން، ރަން ވަނަތައް ހޯދި ފަރާތްތަކަށް ވަނީ ހަނދާނީ ލިޔުމާއި މެޑަލް ދީފައެވެ. ވަނަތައް ހާސިލު ކުރި ފަރާތްތަކަށް ސެޓްފިކެޓާއި މެޑަލް ހަވާލުކޮށްދެއްވީ ޝާހުއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ ފަލި ޖެހުމުގެ މުބާރާތް ބޭއްވުމުގެ މަގުސަދަކީ ފަލި ޖެހުމުގެ އާދަ ކުޑަކުދިންނަށާއި ޒުވާނުންނަށް ދަސްކޮށްދިނުމާއި އެކަން ކުރިއެރުވުން ކަމަށެވެ. އަދި އެ މުބާރާތުގެ ސަބަބުން ވާދަވެރި ހުނަރުވެރި ޒުވާނުންނާއި ކުދީން އުފެއްދުމުގެ އިތުރުން، ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށްވެސް ބުންޏެވެ.
އެމްޑަބްލިޔުއެސްސީން އިތުރަށް ބުނީ، އެ މުބާރާތުގެ ސަބަބުން ފަލި ޖެހުމުގެ ހުނަރު ދިރުވައި ގައުމީ ރެކޯޑް ރޭންކުކޮށް، ގައުމީ ޓީމު އެކުލަވައިލުމަށް މަގުފަހިކޮށްދޭނެ ކަމަށާއި އަންނަ އަހަރު ބާއްވާ އޭޝިއަން ކޯސްޓަލް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ބައިވެރިވުމުގެ ފުރުސަތުވެސް އެ މުބާރާތުގެ ސަބަބުން ފަހިވެގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު