މިނިވަން މުއައްސަސާތަކަށް ކަނޑައަޅާފައިވާ ބަޖެޓު އިތުރުކޮށްދޭން މުއައްސަސާތަކުން އެދުނު ނަމަވެސް ބަޖެޓު ބޮޑުކޮށް ދެވެން ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީރު އެގޮތަށް ވިދާޅުވީ މިއަދު ރައްޔިތުން މަޖިލީހުގައި ކުރިއަށްދިޔަ ބަޖެޓު ކޮމިޓީގެ ބައްދަލުވުމުގައި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އަފީފު މިނިސްޓަރު އަމީރުއާ ސުވާލުކުރަމުން ވިދާޅުވީ، ބައެއް ފަރާތްތަކުން ބަޖެޓު އިތުރުކޮށްދެއްވުމަށް އެދެމުންދިޔަޔަސް ހުށަހަޅާފައިވާ ބަޖެޓަށް ބަލާއިރު ދައުލަތަށް ފައިސާ ހޯދޭނެ މާގިނަ ގޮތްތަކެއް ނެތް ކަމަށާއި، ފައިސާ ހޯދެން ހުންނަނީ ބޮންޑު ވިއްކައިގެން ކަމަށްވުމުން މުއައްސަސާތަކުން އެދޭގޮތަށް ބަޖެޓު ބޮޑުކުރެވިދާނެތޯއެވެ.
އެ ސުވާލާ ގުޅިގެން އަމީރު ވިދާޅުވީ، މިހާރު ހުށަހަޅާފައިވާ ބަޖެޓަކީ ހުށަހެޅޭނެ އެންމެ ރަނގަޅު ބަޖެޓު ކަމަށެވެ. މި ބަޖެޓުން އިތުރަށް ފައިސާ އިތުރުކުރާނަމަ ޓެކްސް ނަގާ މިންވަރު އިތުރުކުރަން ޖެހޭނެ ކަމަށާއި، އަދި ލޯނު ވެސް ނަގަން ޖެހޭނެ ކަމަށެވެ. އަދި ބޭރުގެ ގައުމުތަކުން ލޯނު ނެގުމާއި ޓެކްސް ބޮޑު ކުރުމަކީ އިގުތިސޯދީ ގޮތުން ދަތިތަކެއް ދިމާވެ، އަލުން އިގުތިސޯދު ކުރިއަރަމުން އަންނައިރު ކުރުން އެހާ ރަނގަޅު ކަމަކަށް ނުވުމުން މިނިވަން މުއައްސަސާތަކުން އެދުނަސް ބަޖެޓު އިތުރުކުރެވެން ނެތް ކަމަށެވެ.
އަމީރު ވިދާޅުވީ، އަންނަ އަހަރަށް ހުށަހަޅާފައިވަނީ ކޮވިޑުގެ ސަބަބުން ލިބުނު އިގުތިސޯދީ ގެއްލުންތަކަށް ރިއާޔަތް ކޮށްގެން ކަމަށެވެ. މި ބަޖެޓަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތައް ފުއްދޭނެ ގޮތެއްގެ އިތުރުން ގައުމުގައި ހުރި ގިނަ މައްސަލަތަކަށް ކޮންމެވެސް މިންވަރެއްގެ ހައްލެއް ލިބޭނޭ ގޮތަކަށް ތައްޔާރުކޮށް ހުށަހަޅާފައިވާ ބަޖެޓެއް ކަމަށެވެ. އަދި އަންނަ އަހަރަށް ލަފާކުރާ 36.9 ބިލިއަން ރުފިޔާގެ ބަޖެޓުގެ އަމާޒަކީ ކޮވިޑުގެ ގެއްލުންތަކުން އަރައިގަނެ، އިގުތިސޯދީ ކުރިއެރުން މަތިކޮށް، ފުޅާކޮށްދޭނެ ބަޖެޓެއް ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް އިގުތިސޯދި ހަރަކާތްތައް ހުއްޓުމުގެ ސަބަބުން ދައުލަތަށް 40 ބިލިއަން ރުފިޔާގެ ގެއްލުންވުމުގެ ސަބަބުން، ދައުލަތުގެ ހަރަދުތައް ފޫބައްދަން ލޯނު ނަގަން ޖެހުމުގެ ސަބަބުން އަންނަ އަހަރުގެ ބަޖެޓު ހުށަހަޅާފައިވަނީ މެދު ރާސްތާގައި ފިސްކަލް އަދި ދަރަނި މެނޭޖުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ވިސްނައިގެން ކަމަށް އަމީރު ވިދާޅުވިއެވެ.
ބަޖެޓު ކޮމިޓީގައި ވާހަކަދައްކަވަމުން އަމީރު އިތުރަށް ވިދާޅުވީ، ޖީޑީޕީގެ 122 ޕަސަންޓުގައި ހުރި ދަރަނި، 104 އަށް ތިރިކުރަން މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ މެދުރާސްތާގައި ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، ފިސްކަލް ސަސްޓެއިނަބިލިޓީ ދެމެހެއްޓުމަށް ފިޔަވަޅުތައް އަޅައި، ޖީޑީޕީގެ ނިސްބަތުން ދަރަނި ކުޑަކުރުމަށް ރޭވިފައިވާ ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އަމީރު ވަނީ ލަފާކުރާ އާމްދަނީ ނުލިބި ޑެފިސިޓް ބޮޑުވެދާނެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެއީ ހިލޭ އެހީގެ ގޮތުގައި ފާއިތުވި ދެ އަހަރު ވެސް އަންދާޒާ ކުރި މިންވަރުގެ 50 ޕަސަންޓަށް ވުރެ ބޮޑު އަދަދެއް ނުލިބޭ އިރު، އަންނަ އަހަރު ވެސް ހިލޭ އެހީގެ ގޮތުގައި ލަފާކުރާ އަދަދު ނުލިބިދާނެކަމުގެ ކަންބޮނޑުވުމެވެ. އެހެންކަމުން ހިލޭ އެހީގެ ގޮތުގައި ލިބޭނެ އާމްދަނީ ހިމަނާފައިވަނީ ވަރަށް ބޮޑަށް މަޝްވަރާކުރެވި ވިސްނުންތެރިކަމާއެކު ކަމަށް އަމީރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު