ހުޅުމާލޭގައި ހަދާފައިވާ އެމްއެންޑީއެފްގެ ކަލާސީނު ކޮށި މިއަދު ހުޅުވައިފިއެވެ.
އެމްއެންޑީއެފްގެ ކަލާސީނު ކޮށި ހުޅުވައިދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ. މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި ޖެނެރަލް އޮފިސަރުންނާއި ގިނަ އަދަދެއްގެ ސިފައިން ވަނީ ބައިވެރިވެފައެވެ.
ކަލާސީނު ކޮށީގައި މިއަދު ހުޅުވި މުހިންމު ތަންތަނުގެ ތެރޭގައި މެރިޓައިމް އެންޑް ލޮޖިސްޓިކް ބޭސް، ބޯޓް ރިޕެއާ އެންޑު މެއިންޓެންސް ސެންޓާ، ކޯސްޓުގާޑު ސެކަންޑު ސްކޮޑްރަން، ކޯސްޓުގާޑު ޑައިވިން ޔުނިޓު އަދި ޓްރާންސްޕޯޓު ސާވިސްގެ ބޯޑު އޮޕަރޭޝަން ސެންޓާ ހިމެނެއެވެ.
އެމްއެންޑީއެފުން ބުނީ ކަލާސީނު ކޮށީގައި ހިމެނޭ ގިނަ އިމާރަތްތަކަކީ ކޮވިޑްގެ ޕެންޑަމިކް ތެރޭގައި ސިފައިން، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ހުއްޓުމެއްނެތި ފޯރުކޮށްދެމުންދިޔަ ދަނޑިވަޅެއްގައި ކޮށްފައިވާ ބުރަ އަދި ބޮޑެތި މަސައްކަތްތަކެއް ކަމަށެވެ. އަދި އިމާރާތުގެ ޑިޒައިން އިން ފެށިގެން އިންޓީރިއާގެ ހުރިހާ މަސައްކަތްތަކަކީވެސް ސިފައިންގެ ހުނަރުވެރިކަން ދައްކުވައިދޭ މަސައްކަތްތަކެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ގައުމީ ދިފާއީ ބާރުގެ މޭންޕަވާ، ރިސޯސް ސިސްޓަމް އަދި އޮޕަރޭޝަން ސެންޓުރުތައް ގާއިމުކޮށް، ރައްޔިތުންނަށް ގާތުން ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ގައުމީ ދިފާއީ ބާރު ވަރުގަދަ އަދި ޕްރޮފެޝެނަލް ބަޔަކަށް ހެދުމަކީ މިއަދުގެ ލީޑާޝިޕްގެ އެންމެ ބޮޑު އަދި މުހިންމު އަމާޒު ކަމަށެވެ. އެގޮތުން ކާލާސީނު ކޮށީގައި ހިދުމަތްދޭ ސެންޓަރުތަކުގެ ސަބަބުން ސިފައިންގެ އޮޕަރޭޝަންސްތަކުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
މީގެ އިތުރުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތައް ފުޅާވެ އަވަސް ވެގެން ދާނެކަން ފާހަގަކޮށް އެމްއެންޑީއެފުން ބުނީ ކަނޑު އުޅަނދުފަހަރަށް ދިމާވާ މައްސަލަތައް ކުރިއަށްވުރެ އަވަހަށް ހައްލުކުރެވި ކަނޑުމަގުން ދެމުންދާ ހިދުމަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު