މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި 9 ބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހުސައިން ފަޔާޒާއި ދީނާ އަހުމަދު ހޯދައިފިއެވެ.
އެމްޕީބީއޭގެ 9 ބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ފަޔާޒާއި ދީނާ ހޯދީ ނޭޝަނަލް ބިލިއާޑް ސެންޓަރުގައި ރޭ ކުޅުނު ފައިނަލް މެޗުތަކުން ކުރި ހޯދައިގެންނެވެ.
ފިރިހެން ޑިވިޝަންގެ ފައިނަލުގައި ވާދަކުރީ އެމްޕީބީއޭ ރޭންކިންގެ ދެވަނައިގައި އޮތް ފަޔާޒާއި ހަތަރުވަނައިގައި އޮތް މުހައްމަދު ޝަރީފެވެ. ތަޖުރިބާކާރު އެ ދެކުޅުންތެރިންގެ ފައިނަލް މެޗު 9-2 ފްރޭމުން ކާމިޔާބުކުރީ ފަޔާޒެވެ.
އަންހެން ޑިވިޝަންގެ ފައިނަލުގައި ވާދަކުރީ އެ ޑިވިޝަންގެ އެއްވަނަ ކުޅުންތެރިޔާ އާމިނަތު ފާތީ އާއި ދެވަނައިގައި އޮތް ދީނާއެވެ. ހައިރާންކުރަނިވި ނަތީޖާއެއް ފެނިގެންދިޔަ އެ މެޗުގައި ފާތީގެ މައްޗަށް ދީނާ ކުރި ހޯދީ 5-7 ފްރޭމުންނެވެ.
އެ މުބާރާތުގެ ފައިނަލް މެޗުތަކަށް ފަހު ވަނަވަނައަށް ހޮވުނު ކުޅުންތެރިންނަށް އިނާމުތައް ހަވާލުކޮށްދެއްވީ އެމްޕީބީއޭގެ މުއައްސިސް މުހައިމިން ހުސައިނެވެ. ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަންގެ ޗެމްޕިއަނާއި ރަނަރަޕްގެ އިތުރުން މުބާރާތުގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު އަށް ކުޅުންތެރިންނާއި އަންހެން ޑިވިޝަންގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަށް ވެސް ވަނީ އިނާމު ހަވާލުކޮށްދެއްވައިފައެވެ.
ފިރިހެން ޑިވިޝަންގެ އެންމެ މޮޅު އަށް ކުޅުންތެރިންނަށް ހޮވުނީ ޗެމްޕިއަން ފަޔާޒާއި ރަނަރަޕް ޝަރީފާއި ހަސަން ޝާޒް މުހައްމަދާއި އިސްމާއިލް ޖީހާނާއި މުހައްމަދު ސާހިލް ހަމީދާއި އަހުސަން ހާޝިމާއި އަހުމަދު ޒިޔާން އަދި އަލީ ފަޔާޒެވެ. އަދި އަންހެން ޑިވިޝަންގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަށް ހޮވުނީ ޗެމްޕިއަން ދީނާ އާއި ރަނަރަޕް ފާތީ އާއި އާމިނަތު ހަލީމު އަދި އާއިޝަތު އަލީއެވެ. އޭގެ އިތުރުން އެންމެ ގިނަ ބްރޭކްއައުޓް އަދި ރަންއައުޓް ޖެހި ކުޅުންތެރިޔަކަށް ހޮވުނީ މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދި ފަޔާޒެވެ.
މިމަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްގެންދިޔަ 9 ބޯލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގައި 64 ކުޅުންތެރިން ވާދަކުރި އިރު، އަންހެން ޑިވިޝަންގައި ވާދަކުރީ ދިހަ ކުޅުންތެރިންނެވެ.
ދެން ކުރިއަށް އޮތީ ބިލިއާޑްގެ މިއަހަރުގެ އެންމެ ފަހު މުބާރާތް، ގައުމީ ބިލިއާޑް މުބާރާތެވެ. އެ މުބާރާތް ކުރިއަށްގެންދިއުމަށް ތާވަލުކޮށްފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެމްޕީބީއޭ 9 ބޯލް ޗެމްޕިއަންޝިޕް