މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ 9 ބޯލް ޗެމްޕިއަންޝިޕް ފަށައިފިއެވެ.

ނޭޝަނަލް ބިލިއާޑް ސެންޓަރުގައި ކުރިއަށްގެންދާ އެ މުބާރާތް ފަށާފައިވަނީ އިއްޔެއެވެ. އެ މުބާރާތުގައި ރޭ ވަނީ 34 މެޗެއް ކުޅެފައެވެ. އެއީ ފިރިހެން ޑިވިޝަންގެ 32 މެޗާއި އަންހެން ޑިވިޝަންގެ ދެ މެޗެވެ.

ރޭ ކުޅުނު ބައެއް މެޗުތަކަށް ބަލައިލާ އިރު، އެމްޕީބީއޭ ރޭންކިންގެ އެއްވަނައިގައި އޮތް ހަސަން ޝާޒް މުހައްމަދު ވަނީ 7-2 ފްރޭމުން އިބްރާހިމް ރަޝީދު ބަލިކޮށްފައެވެ. އަދި ދެވަނައިގައި އޮތް ހުސައިން ފަޔާޒް ވަނީ 7-3 ފްރޭމުން އިބްރާހިމް ދައުސްގެ މައްޗަށް ކުރި ހޯދައިފައެވެ.

ރޭންކިންގެ ތިންވަނައިގައި އޮތް އަހުސަން ހާޝިމް 7-3 ފްރޭމުން ޝަޒީން ސަމަދު ބަލިކުރި އިރު، ހަތަރުވަނައިގައި އޮތް މުހައްމަދު ޝަރީފް ވަނީ 7-2 ފްރޭމުން އަހުމަދު އަދުހަމް ބަލިކޮށްފައެވެ.

އިއްޔެ އިން ފެށިގެން މިމަހުގެ ދިހަވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގައި މިރޭ ވެސް ފިރިހެން ޑިވިޝަންގެ 32 މެޗާއި އަންހެން ޑިވިޝަންގެ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. އެ މުބާރާތުގައި ފިރިހެން 64 ކުޅުންތެރިންނާއި އަންހެން 12 ކުޅުންތެރިން ވާދަކުރެއެވެ.