ކުޑަކުދިންގެ ހިޔާގައި ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ބައެއް ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގައި ގާނޫނާ ހިލާފު ކަންތައްތަކެއް ކުރިކަމުގެ ތުހުމަތުގައި ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީއަށް ދައުވާ ނުކުރާން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ޝަފީއު މިއަދު ވިދާޅުވީ، އެ މައްސަލައިގައި ޒެނީޝާގެ މައްޗަށް ދައުވާނުކުރަން ނިންމީ ދައުވާކުރެވޭ މިންވަރަށް ހެތްކާއި ގަރީނާ ލިބިފައިނުވާތީ ކަމަށެވެ.

ޒެނީޝާގެ އިތުރުން އެ މައްސަލައިގައި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ ވެރިޔާ، ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ބަޝީރަށްވެސް ދައުވާ ކުރަން އެޗްއާރުސީއެމުން ޕީޖީ އޮފީހަށް ފޮނުވިއެވެ. ނަމަވެސް އެކަށީގެންވާ މިންވަރަށް ހެތްކާއި ރީނާ ލިބިފައިނުވާތީ، އޭނާގެ މައްޗަށްވެސް ދައުވާ ނުކުރާން ނިންމާފައިވާ ކަމަށް ޝަފީއު ވިދާޅުވިއެވެ.

ޒެނީޝާގެ މައްޗަށް ދައުވާނުކުރާން ނިންމާފައިވާ އިރު، ޖިނާއީ ކުށުގެ އެއްވެސް އަމަލެއް ނުކުރައްވާ ކަމަށާއި އެ މައްސަލައަކީ ޒާތީވެގެން އެޗްއާރުސީއެމުން އުފައްދާފައިވާ މައްސަލައެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަދި އޭނާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދިއުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އެ މައްސަލައިގައި ދައުވާކުރުމަށް 13 ފުލުހެއްގެ މައްސަލަ ވަނީ ކުރިމިނަލް ކޯޓަށް ފޮނުވައިފައެވެ. އެމީހުންނަށް ދައުވާކުރަން ފޮނުވާފައި ވަނީ އެންޓި ޓޯޗާ ގާނޫނުގެ ދަށުން، ރަހުމްކުޑަ ލާއިންސާނީ އިހާނެތި އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.