ސިޔާސީ ވަކި ކަމެއްގައި ބައިވެރިނުވެގެން ސިވިލް ސާވަންޓުންނަށް ފިޔަވަޅު އަޅައި މަގާމުން ވަކިކުރުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ މައިދާނުގައި މިހާރު ކުރިއަށްދާ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ވަކި ސިޔާސީ ފިކުރަކުން މަޖުބޫރު ކުރެވޭ ސިވިލް ސާވަންޓެއް ރާއްޖޭގައި ހުންނަން ނޭދޭ ކަމަށެވެ.

"ސިޔާސީ ވަކި ކަމެއްގައި ނޫޅެގެން ފިޔަވަޅު އެޅި، އެކަހެރި ކުރެވި، މަގާމުން ވަކި ކުރުމުގެ ފުރުސަތު އޮވެގެން ނުވާނެ، ސިވިލް ސާވަންޓުންނަކީ އެމީހަކު ގަބޫލުކުރާ ސިޔާސީ ފިކުރެއްގައި ދެމިހުރެވޭނެ މިނިވަނެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިވިލް ސާވަންޓުންނަކީ ސިޔާސީ މަސައްކަތުގައި ވަކި ބަޔަކަށް ގުލާނުކޮށްދިނުން މަޖުބޫރު ބައެއް ނޫން ކަމަށެވެ. ސިވިލް ސާވަންޓުން ދޭ ހިދުމަތުގައި ސިޔާސީ ފިކުރެއް ނުވަތަ ކުލައެއް ނުވަތަ ވަހެއް އަދި ރަހައެއް އޮވެގެން ނުވާނެ ކަމަށެވެ.

"ސިވިލް ސާވަންޓުން ކުރައްވަންޖެހޭނެހާވެސް ކަމަކީ ސަރުކާރުގެ ސިޔާސަތާއި ވައުދުތައް އޭގެ ގޮތުގައި ތަންފީޒު ކުރުން. އެއީ ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރަން ތިބި ގައުމީ ހިދުމަތުގެ ފައުޖު،" ރައީސް ވިދާޅުވިއެވެ.

ރައީސް މިގޮތަށް ވިދާޅުވެފައިވާ އިރު، ސިިވިލް ސާވިސް މުވައްޒަފުން މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުންވެސް ނުވަތަ ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވާނަމަ ވަޒީފާ ގެއްލޭނެ ދިވެހި ސިވިލް ސާވިސްގެ ގާނޫނުގައި ބުނެއެވެ.