މާލެ އާއި ވިލިމާލެ އާއި ގުޅީފަޅާއި ތިލަފުށި ގުޅުވައިލެވޭ ގްރޭޓާ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓްގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މާލޭ ރައްޔިތުންނަށް 5000 ގޯތި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ 2022 ވަނަ އަހަރުގެ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން މީކާއީލް ވިދާޅުވީ މި ބަޖެޓުން ކުރެވޭ އެންމެ ބޮޑު އެއް އުންމީދަކީ 2008 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުން ހިންގި ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދިން ގޯއްޗަށްފަހު، ގޯތި ކަނޑާފައި ދެވޭނެ ކަމުގެ އުންމީދު ކަމަށެވެ.
މާލޭގެ ރައްޔިތުންނަށް 1000 އަކަފޫޓަށްވުރެން ކުޑަ ނޫން 5000 ގޯތި ކުރިއަށް އޮތް ދެއަހަރު ދުވަހުގެ ތެރޭގައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ވިދާޅުވެފައި ވުމަކީ އެކަމަށް އިތުރު ޔަގީންކަން ލިބިގެންދާ ކަމެއް ކަމަށްވެސް މީކާއީލް ވިދާޅުވިއެވެ.
އެގޮތަށްދޭ ގޯތިތައް ވެގެންދާނީ 5000 އާއިލާއަށް ދަރިންނާއި މައިން ބަފައިންނާއެކު އަށް ފޫޓު ނުވަ ފޫޓުގެ ކޮޓަރި ތަކުގައި ދިރިއުޅޭ އާއިލާ ތަކަށް ހިންދެމިލާނޭ ފުރުސަތަކަށް ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ދައުލަތުގެ ބަޖެޓަކީ ހަމައެކަނި އަދަދުތަކެއް ކަމަށާއި އެ އަދަދުތައް ހަގީގަތަކަށް ހަދައި އެއަށް ފާރަވެރިވުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއް ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު