ވިޔަފާރި ތަރައްގީ ކުރުމާއި ތަޖުރިބާ ހިއްސާކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި މެލޭޝިޔާގެ ނޯތުޕޯޓާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޝާހިދު އަލީއެވެ. އަދި ނޯތްޕޯޓް (މެލޭޝިއާ)ގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ދާތޯ އަޒްމާން ޝާހް މޮހްދު ޔުސޯފްއެވެ.
އެމްޕީއެލްއިން މިއަދު ބުނީ މި އެއްބަސްވުމުގެ ދަށުން އެމްޕީއެލް އާއި ނޯތުޕޯޓުން، ޕޯޓް މެނޭޖްމަންޓާއި ކޮންޓެއިނާ ހޭންޑްލިން އާއި ކޮންވެންޝަނަލް ކާގޯ ހިދުމަތާއި ޕޯޓް އޮޕަރޭޝަންސްއާ ގުޅުންހުރި ދާއިރާތަކުން އިންޑަސްޓްރީ އަދި ވިޔަފާރީގެ ތަޖުރިބާ އާއި ގާބިލުކަމުގެ އިތުރުން އިލްމާއި އެކި ވަސީލަތްތައް ހިއްސާ ކުރާނެ ކަމަށެވެ.
އެމްޕީއެލް އިން ބުނި ގޮތުގައި މި އެއްބަސްވުމުގެ ދަށުން ޖޮއިންޓް ބިޒްނަސް ޑިވެލޮޕްމަންޓާއި ތަމްރީން ކުރުމާއި އިކުއިޕްމަންޓް މެއިންޓެއިން ކުރުމުގައި ދެފަރާތުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ. އޭގެ އިތުރުންވެސް ޖަމުއިއްޔާތަކުގެ މެދުގައި ހިއްސާވާ ވަސީލަތްތަކާއި މައުލޫމާތުގެ ސަބަބުން ބަނދަރުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އެއް ގައުމު އަނެއް ގައުމަށް އެއްބާރުލުން ދިނުމުގެ އާ ދާއިރާތައް ހުޅުވިގެންދާނެ ކަމަށް ބުންޏެވެ.
ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މިއަދަކީ އެމްޕީއެލް އާއި އެ ކުންފުނީގެ މުވައްޒަފުންނަށް ފާހަގަކޮށްލެވޭ ދުވަހެއް ކަމަށެވެ. އަދި ޕޯޓް މެނޭޖްމަންޓް އަދި އޮޕަރޭޝަންސްގެ ދާއިރާއިން ތަޖުރިބާ އާއި ގާބިލުކަމާއި ވަސީލަތްތަކާއި އިންޑަސްޓްރީގެ މައުލޫމާތު ހިއްސާކުރުމަށް މެލޭޝިޔާގެ ނޯތުޕޯޓް އާއެކު ސޮއިކުރެވިގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި ނޯތުޕޯޓްގެ ސީއީއޯ ދާތޯ އަޒްމާން ޝާހް މޮހްދް ޔޫސުފް ވިދާޅުވީ ތަޖުރިބާ ހިއްސާކުރުމުގެ އިތުރުންވެސް ފުރުސަތުތައް އެބަހުރި ކަމަށެވެ. އެގޮތުން ދެ ޕޯޓުގައިވެސް ކާގޯ ވޮލިއުމް އިތުރުކުރުމުގެ ފުރުސަތުތައް އެބަހުރި ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު