މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު (އެމްއައިއޭސީ) ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

އާބިޓްރޭޝަން މައްސަލަތައް ހުށަހެޅޭ ގޮތަށް އެމްއައިއޭސީގެ ހިދުމަތްތައް މިދިޔަ އަހަރު ފަށާފައިވީ ނަމަވެސް އެ ސެންޓަރު ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ މިއަދުއެވެ.

ކްރޮސްރޯޑްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ސެންޓަރު ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މުއުތަސިމް ވަނީ، އާބިޓްރޭޝަންގެ ނިޒާމާއި ކޯޓުތަކާއި ހުރި ގުޅުން ފާހަގަކުރައްވައި އާބިޓްރޭޝަންގެ ނިޒާމު ހަރުދަނާ ގޮތެއްގައި ހިންގުމަށް ކޯޓުތަކުން އަދާކުރަންޖެހޭ ދައުރުގެ މުހިންމުކަންވެސް ފާހަގަކުރައްވައިފައެވެ.

އެ ރަސްމިއްޔާތު ފައްޓަވައިދެއްވަމުން ސެންޓަރުގެ ޗެއާމަން މުހައްމަދު ޝަހުދީ އަންވަރު ވަނީ 2019 ވަނަ އަހަރު ބޯޑު އެކުލަވައިލުމާއެކު މިހާތަނަށް ސެންޓަރު ގާއިމުކޮށް އާބިޓްރޭޝަނުގެ ނިޒާމު ފުރިހަމަކުރުމަށް ކުރި މަސައްކަތްތައް ފާހަގަކުރައްވައިފައެވެ. އެގޮތުން ދިވެހި އާބިޓްރޭޓަރުން ބިނާކުރުމާއި، އާބިޓްރޭޝަނުގައި ހިމެނޭ ހުރިހާ ފަރާތްތައް ތަމްރީނުކުރުމާއި، ސެންޓަރުގެ ރޫލްސް އޮފް އާބިޓްރޭޝަން ބައިނަލްއަގުވާމީ ފެންވަރަށް އެކުލަވައިލުމަށް ސްޓޭޓް ޑިޕާޓްމަންޓުގެ ކޮމާޝަލް ލޯ ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ އެހީގައި ހާވާޑް ލޯ ސްކޫލުގެ ލޯ އެންޑް އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ސޮސައިޓީގެ ޓީމަކުން ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވައިލެއްވިއެވެ.

އޭގެ އިތުރުން އާބިޓްރޭޝަނުގެ ގާނޫނު އިސްލާހުކުރުމުގެ މަސައްކަތް ފަށާފައިވާކަން ޝަހުދީ ފާހަގަކުރެއްވިއެވެ. އަދި ސެންޓަރަށް ހުށަހެޅޭ މައްސަލަތައް އޮންލައިންކޮށް ހިންގޭނެ ކޭސް މެނޭޖްމަންޓް ޕޯޓަލެއް ސެންޓަރުން ގާއިމުކޮށްފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެމްއައިއޭސީގެ އާބިޓްރޭޓަރުންގެ ގޮތުގައި ދުނިޔޭގެ އެކި ގައުމުތަކުން މިހާރު 54 ބޭފުޅަކު ވަނީ ހަމަޖައްސައިފައެވެ.