ވޯލްޑު ބޭންކުގެ އެހީއާ އެކު އަންނަ އަހަރު އަންއެމްޕްލޯއިމަންޓް އިންޝުއަރެންސް ސްކީމެއް ތައާރަފު ކުރުމަށް ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ކޮވިޑުގެ ތެރޭގައި ވަޒީފާއަށް އަސަރު ކުރި މީހުންނަށް އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި 450 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށާއި އިގުތިސާދުން އަރައިގަތުމަށް އެންމެ ބޮޑަށް ފަސޭހަވެގެން ދިޔައީ މިކަމުގެ ސަބަބުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ދިރާސާއަށްފަހު ވޯލްޑު ބޭންކުގެ އެހީއާ އެކު އަންނަ އަހަރުގެ ތެރޭގައި އަންއެމްޕްލޯއިމަންޓު އިންޝުއަރެންސް ސްކީމް ތައާރަފު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ މެދުތެރޭގައި މި އެލަވަންސްގެ ޕައިލެޓް ޕްރޮގުރާމް ފެށުމަށް އުއްމީދު ކުރައްވާ ކަމެއް ކަމަށެވެ. އަދި އެ ޕްރޮގުރާމްގެ ނަތީޖާއަށް ބަލައި، މުޅި ރާއްޖެއަށް އެކަން ފުޅާ ކުރެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ވަޒީފާ އަދާނުކުރާ މީހުންގެ އަދަދު އުޅެނީ 10،000 އަށް ވުރެ މަތީގައެވެ.

ވަޒީފާ އަދާކުރަން ބޭނުންވެ، ވަޒީފާ ނުލިބޭ އެތައް ދިވެހިންނެއް ތިބިއިރު ވަޒީފާގެ ފުރުސަތު އޮތްތޯ ބެލޭނެ ޕޯޓަލެއް ރާއްޖޭގައި މީގެ ކުރިން ނެތް ކަމަށެވެ. ނަމަވެސް މި ސަރުކާރުން ޖޮބް ސެންޓަރުގައި ޕޯޓަލެއް ގާއިމުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ވަޒީފާ ބޭނުންވާ މީހާއަކީ އެ ޕޯޓަލްގައި ރަޖިސްޓްރީވެފައިވާ މީހަކަށް ވާންޖެހޭނެ ކަމަށާއި ބޭނުންވާ ވަޒީފާއެއް ޕޯޓަލްގައި ބުނެލުމުން އެކަން ހަމަޖެހިގެންދާނެ ގޮތަށް ނިޒާމު ގާއިމްކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ދިވެހިން ނެރުމަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި. އެކި ފަހަރު އެކި މީހުން އެކި އެކި ވާހަކަ ދައްކަނީ. ވަޒީފާ އަދާކުރަން ބޭނުންވާ މީހާ، މި ބުނަނީ ވަޒިފާ ނުލިބޭ ވާހަކަ. ވިޔަފާރިތަކުން ބުނަނީ މީހުން ނުލިބޭ ވާހަކަ. ދެން ވިޔަފާރިވެރިންގެ ޝަކުވާއަކީ އަވަސް އަވަހަށް މުވައްޒަފުން ކެނޑޭ މައްސަލަ. ހަގީގަތުގައި މިހެން މިވަނީ ވިޔަފާރިވެރިން ދޭ އުޖޫރަ ކުޑަވީމަ. ދެން ހަގީގަތަށް ބުނާނަމަ މިއީ ދެފަރާތުގެވެސް މައްސަލަތަކެއް ހުރުމުން ދިމާވާ ކަންކަން،" އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ޑީސެންޓް ވޯކްގެ ޕްރޮގުރާމް ގާއިމު ކުރުމަކީ މި ސަރުކާރު އަމާޒެއް ކަމަށާއި އަދި އެކަން ހާސިލުކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ. އެގޮތުން ރ. ދުވާފަރާއި ލ. ގަމުގައި ރީޖެނަލް ޖޮބް ސެންޓަރުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.