އިގުތިސާދު ރަނގަޅުވެ ދައުލަތައް އާމްދަނީ ރަނގަޅުވާނީ ވިޔަފާރިތަކަށް ލިބޭ އާމްދަނީ ރަނގަޅުވެގެން ކަމަށާއި އެހެންކަމުން އެންމެ ކުޑަ އުޖޫރަ ދިނުމަށް ވިޔަފާރިވެރިންނަށް ދިމާވާ ދަތިތަކަށް ސަރުކާރުން އެހީވާން މަސައްކަތް ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ފައްޔާޒު މިހެން ވިދާޅުވީ މިނިމަމް ވޭޖު ކަނޑައެޅުމުގެ ގަރާރުގައި ސޮއި ކުރުމަށްފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ސަބަބުންނާއި އެ އުޖޫރަ ދިނުމަށް ވިޔަފާރިވެރިންނަށް ދިމާވާ ދަތިތަކަށް ސަރުކާރުން އެހީވާން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އިގުތިސާދު ރަނގަޅުވާނީ ވިޔަފާރިތައް ހިނގައި ހަރަކާތްތެރިވެ ލިބޭ އާމްދަނީ ރަނގަޅުވުމުން ކަމަށާއި މިނިމަމް ވޭޖާއެކު ކުރިމަތިވާ ދަތިތައް ހައްލުކުރަން ސަރުކާރުން ކުރާނެ އެންމެ ބޮޑު އެއް މަސައްކަތަކީ ވިޔަފާރިވެރިތަކުގައި ހުރި ރެޑް ޓޭޕްތައް ނައްތާލުން ކަމަށް ވިދާޅުވިއެވެ.
ސަރުކާރުން ދޭ ހިދުމަތްތައް ލަސްވުމުގެ ސަބަބުންވެސް ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް ލިބެމުންދާ ކަމަށާއި އެކަން ހައްލު ކުރުމަށް ބޭނުމެއް ނެތް ގަވާއިދުތައް އުވާލަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުގެ ހިދުމަތް އޮޓަމޭޓްކޮށްގެން އަވަސްކުރަން އިންވެސްޓްކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
"މިސާލަކަށް ބަލަމާ އަޅުގަނޑުމެން ދޫކުރަންޖެހޭ ހުއްދައެއް ދޫކުރުމަށް ދަތިތަކެއް އެބަހުރި ޓްރާންސްޕޯޓުން ދޫކުރާ ލިޔުންތަކެއް ލިބުން ލަސްވެގެން. އެހެންވީމަ މިހިރަ މިހިރަ އަންނެސެސަރީ ގަވައިދުތައް އުވާލައިގެން ނޫނީ ވިޔަފާރިތަކަށް ލިބޭ ގެއްލުންވެސް ކުޑައެއް ނުކުރެވޭނެ. މިހާރު އަޅުގަނޑުމެން މަޝްވަރާކޮށް ވާހަކަދައްކަމުން މިދަނީ ސަރުކާރުގެ ބައެއް ހިދުމަތްތައް އޮޓަމޭޓުކޮށްގެން ހިދުމަތްތައް އަވަސްކުރުމަށް އިންވެސްޓު ކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ފައްޔާޒު ވިދާޅުވީ ފުރަތަމަ ދުވަސްކޮޅު ވިޔަފާރިތައް ދަށްވާނެ ކަމަށާއި އެހެން ނަމަވެސް ލިބޭ އާމްދަނީ ރަނގަޅުވެދާނެ ކަމަށެވެ. ނަމަވެސް ކޮވިޑަށް ފަހު އިގުތިސާދުތައް އަލުން ހިނގައިގަންނަން ފެށުމުން ވަގުތީ އިންފްލޭޝަނެއް ނުވަތަ ވަގުތީގޮތުން ތަކެތީގެ އަގުތައް މައްޗަށް ދާ ކަމަށާއި އެކަމުގެ އަސަރު ރާއްޖެއަށްވެސް ކުރާނެ ކަމަށް ވިދާޅުވިއެވެ.
ސަރުކާރުން ވިޔަފާރިތަކަށް ދިނުމަށް ނިންމާފައިވާ ލުއިތަކާއެކު ރިސޯޓުތަކުގެ ކުލި ކުޑަވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި ވިޔަފާރިތައް ކޮޅަށް ޖެހުމަށް ނަގާފައިވާ ލޯނުތައް ދެއްކުމަށް ލުއި ދޭނެ ކަމަށާއި މިހާރު ކޮންމެ ފަސް އަހަރަކުން ރިސޯޓު ހިންގުމަށް ދޭ ހުއްދަ ލީސްޕީރިއަޑުގެ މުއްދަތަށް އިތުރުކޮށްދޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު