ސިވިލް ސާވިސް މުވައްޒަފުން މަސައްކަތްކުރާ ވަގުތު އަށް ގަޑިއިރަށް ބަދަލުކުރުމަށް މިނިމަމް ވޭޖް ބޯޑުން ލަފާދީފައިވާތީ އެކަމާ މަޝްވަރާ ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިމަމް ވޭޖް ކަނޑައެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ސަރުކާރުގެ އިދާރާތަކުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތް މިހާރަށްވުރެ ރަނގަޅުކުރަންޖެހޭ ކަމަށެވެ. އެހެންކަމުން ޕްރައިވެޓް ސެކްޓަރުގައި މަސައްކަތްކުރާ ގަޑިއާ އެއްވަރަށް ސިިވިލް ސާވިސް މުވައްޒަފުންވެސް މަސައްކަތް ކުރާ ގަޑި އެއްވަރުވާންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

އެގޮތުން މިހާރު ހަ ގަޑިއިރަށް މަސައްކަތް ކުރަމުން އަންނަ ސިވިލް ސާވިސް މުވައްޒަފުން މަސައްކަތް ކުރަންޖެހޭ ގަޑި އަށް ގަޑިއިރަށް ބަދަލުކުރުމަށް ވޭޖް ބޯޑުން ދިން ލަފަޔާއެކު އެކަމާ މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ސިވިލް ސާވިސް މުވައްޒަފުން މިހާރު މަސައްކަތް ކުރަނީ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށެވެ. އެމީހުންނަށް މިހާރު ދޭ އެންމެ ކުޑަ އުޖޫރައަކީ 5300 ރުފިޔާއެވެ. ނަމަވެސް މިއަދު އިއުލާން ކުރި މިނިމަމް ވޭޖާއެކު ސަރުކާރު މުވައްޒަފުންގެ އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 7000 ރުފިޔާއެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި 26،000 ހާހެއްހާ މުވައްޒަފުން ސިވިލް ސާވިސްގައި މަސައްކަތް ކުރާ އިރު، މީގެ ތެރެއިން 15،000 މީހުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނާނެ. ވޭޖް ބޯޑުގެ ރެކަމެންޑޭޝަނެއް އެބަ އޮތް ޕްރައިވެޓް ސެކްޓާއެކޭ އެއްގޮތަށް އަށް ގަޑިއިރަށް އިތުރުކުރަން. އެހެންވެ އެކަމާ ކަމާގުޅެ އިދާރާތަކާ މަޝްވަރާކުރާނަން." މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިނިމަމް ވޭޖުގެ ސަބަބުން ގާތްގަނޑަކަށް 54،000 މުވައްޒަފުންނަށް ފައިދާ ކުރާނެ ކަމަށެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ 13،000 މުވައްޒަފުން ހިމެނޭނެ ކަމަށް ވިދާޅުވިއެވެ.