ވާހަކަ

ޖޫދް - 43

3

ސާޅީސްތިންވަނަ ބައި

މަޑުމަޑުން ހިނގާފައި ގޮސް އޭނާ ހުއްޓުނީ ރިކްޒާގެ ކުރިމަތީގައެވެ. އިސްޖަހައިގެން ހުރި ރިކްޒާގެ މޫނުގައި ހިފާ އުފުލާލާފައި އޭނާ އާ ހަތަރުކަޅި ހަމަކުރުވިއެވެ. އަންބަރްގެ މޫނުމަތިން ފާޅުވަމުންދިޔަ ހައިރާންކަން ފެނި ރިކްޒާއަށް މޫނު އަނބުރާލަން މަޖުބޫރުވިއެވެ.

"އަހަރެން ދުވަހަކުވެސް ރިކް ގެ ވާހަކައަށް އިތުބާރު ނުކޮށްފަ އޮތީތަ؟" އަންބަރް އެހިއެވެ.

ޕޮލިސް ސްޓޭޝަނުން ނުކުތްގޮތަށް ޖޫދަށް ހިނިތުންވެވިއްޖެއެވެ. ގެއްލުނު ފައިސާތައް އަނބުރާ ލިބޭނެކަމުގެ ކޮޅުމަތި ފެންނަން ފަށައިފިއެވެ. މައްސަލަ ބަލި ފަރާތުން މިއަދު ދިން މައުލޫމާތައްފަހު ބޮލުން ބޮޑު ރިހުމެއް ފިލައިގެން ދިޔަހެން ހީވެއްޖެއެވެ. ދެން އޮތީ ނަތީޖާއަކާ ހަމައަށް ދެވެންދެން އިންތިޒާރުކުރުމެވެ.

އަތުކުރީގައި އޮތް ގަޑިއަށް ބަލައިލާފައި ސައިކަލަށް އަރައި އޭނާ ކުރިއަށް ދުއްވާލިއެވެ. ފިހާރަ ހުޅުވާ ގަޑިއަށް އެދިމާލަށް ދިޔުމަށް ސައިކަލު އަނބުރާލިތަނާ ފެނުނު މަންޒަރަކުން ކުއްލިއަކަށް ސައިކަލު މަޑުޖައްސާލައިފިއެވެ. އެންމެފަހުން ރަށުގައި ހުޅުވި ގެސްޓްހައުސްއަށް އެވަނީ ވާރިޝް ނޫން ދެވަނަ އިންސާނެއް ނޫނެވެ. ދެވަނަ ފަހަރަށް ގަޑި ބަލައިލީ ޔަގީންކުރުމުގެ ގޮތުންނެވެ. ރޭގަނޑު އަށެއްޖަހައި ބޮޑުވެއްޖެއެވެ. މިވަގުތަކީ ވާރިޝް ފިހާރައިގައި ހުންނަންޖެހޭ ވަގުތެކެވެ. ގެސްޓްހައުސްގައި ވާރިޝް ކުރަން އޮންނާނީ ކޮންކަމެއް ހެއްޔެވެ؟ އިތުރަށް ޔަގީންކުރުމުގެ ގޮތުން ފިހާރައަށް ގުޅާފައި ވާރިޝް ހުރިތޯ ބެލިއެވެ.

ގެސްޓްހައުސް އާ ދިމާލަށް ދުއްވާލީ ކޮންމެހެން އެދިމާލަށް އޭނާ ދާން ބޭނުންވެގެނެއް ނޫނެވެ. އެހެންނަމަވެސް ވާރިޝްގެ ބޭނުމަކީ ކޮބައިތޯ ބެލުމަށެވެ. މަގުގެ އެއްފަރާތުގައި ސައިކަލު ޕާކުކޮށްފައި ދެފަރާތުން ގަސް އިންދާފައި ހުރި ހަނި ގޯޅިއަކުން އޭނާ އެތެރެއަށް ވަދެގެން ދިޔައެވެ. އެތެރެ ދޮރާ ހަމައަށް ދެވުނުއިރު ހިނގާ ހިނގާ ލޮޑުވެއްޖެއެވެ. ނަސީބަކުން ރިސެޕްޝަނުގައި އިނީ އޭނާ އާއެކު ސްކޫލު ނިންމި އަންހެން ކުއްޖެކެވެ. ޖޫދު ފެނުމާއެކު ރިފާ ހިނިތުންވެލައިފިއެވެ.

"އަނހަ މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ޖޫދު ބިން ގާސިމް. ކޮން ވަޑާމެއް؟" ސަމާސާ އެކުލެވޭ ރާގެއްގައި ރިފާ ވާހަކަދެއްކިއެވެ. ހިނިގަނޑެއް ޖަހައިލަމުން ކައުންޓަރުގައި އޭނާ އަތް އަޅުވާލިއެވެ. ދެފަރާތް ހޯދައި ބަލައިލީ ޝައްކުގެ ނަޒަރަކުންނެވެ.

"ކޯޗެއް ތިހޯދަނީ. އަނެއްކާ ބިޓަކާ އެކުތަ؟" ރިފާ އެހިއެވެ.

"ތިހެރީ ރިފާ ދައްކާ ވާހަކަ. ރިފާއަށް ހީވޭތަ އެކަހަލަ ކަޑަ ކަމެއް އަހަރެން ކުރާނެހެން" ޖޫދު ބުންޏެވެ.

"ހިއެއްނުވޭ. މިރަށުގައި ހުރި އެންމެ ރީތި ކުއްޖާ ވިއްޔާ އަންބަކަށް ތިހެދީ" ރިފާ ބުންޏެވެ. "ކިހިނެއް ލައިފް؟"

"އަލްހަމްދުލިއްލާހް. ހަމަ ވަރަށް ރަނގަޅު. އޭ ތިއެއްނޫނޭ. ދެންމެ މިތަނަށް ވަނެއްނު ފިރިހެންކުއްޖެއް. އެކުއްޖާ ދަންނަންތަ؟" ޖޫދު އެހިއެވެ.

"ވާރީޝް. މިރަށަށް އައިސް އުޅޭ ބީރައްޓެހި ސޮރެއް. ދުވާލަކު އަންހެނެއް ގޮވައިގެން މިތަނަށް އަންނާނެ. ބައެއް ދުވަސްދުވަހު ހުރޭ އޭނައަށް ވުރެ އުމުރުން ދޮށީ މީހުންވެސް" ރިފާ ބުންޏެވެ. ޖޫދުގެ ޝައްކު ޔަގީނަށް ބަދަލުވެއްޖެއެވެ. ވާރިޝްގެ ފަތިފުށް އެނގުމާއެކު މޭނުބައިވެސް ކޮށްފިއެވެ.

"އަސްލު ރަނގަޅެއްނޫން ދޯ. ދެ ޖިންސުގެ ޒުވާނުންނަށް ޒިނޭގެ ތަންމައްޗެއް ހުޅުވާލައިގެން ހޯދާ ފައިސާ ސައްހަ ނުވާނެއްނު. މިތާގެ އޯނަރަށް ކިޔަނީ ކޮން ނަމެއްތަ؟" ޖޫދު ބުންޏެވެ. އެހުރިހާ މައުލޫމާތެއް ދޭން ރިފާ ޖެހިލުންވިއެވެ. ވަޒީފާގެ އިގުރާރާ ހިލާފުކަމަށް ވާތީއެވެ. އެހެންނަމަވެސް ޖޫދުގެ އެތައް އާދޭހަކަށްފަހު ހުރިހާ މައުލޫމާތެއް ރިފާ ހާމަކުރީ ޖޫދަށް އިތުބާރުކޮށްފައެވެ. ރިފާގެ ވާހަކަތަކުން ޖޫދަށް ލިބުނު ހައިރާންކަން އިތުރުވިއެވެ. އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ހާނީ އެހާ ދަށުދަރަޖައަކަށް ވެއްޓުނީތީ އޭނާ ހިތާމަކުރިއެވެ. އަގުހިފަހައްޓަން މަސައްކަތް ނުކުރީތީ އޭނާ ހިތާހިތުން ހާނީއަށް މަލާމަތްކުރިއެވެ.

"އަހަރެންގެ ކުރީގެ އެކުވެރިއެއް ކަމަށްވާތީ މިބުނަނީ. ރިފާ މިތަނުން ތިހޯދާ ލާރިވެސް ރަނގަޅެއްނުވާނެ" ޖޫދު ބުންޏެވެ.

"ވަޓް؟ ރިކް ކީކޭ ތިކިޔަނީ؟" އަންބަރް ބުންޏެވެ. އޭނާ ރިކްޒާގެ ދެ ކޮނޑުގައި ހިފައި ތަޅުވައިގަތެވެ. ދާދި ދެންމެއަކު ރިކްޒާގެ ދުލުން ބޭރުވެގެން ދިޔަ އެ ވާހަކަތައް އޭނާއަށް ގަބޫލުނުކުރެވުނެވެ.

"އިބާއަށް ތިއިވުނީ ރަނގަޅަށް. ރައިކާއަކީ ވާރިޝްގެ ދަރިއެއް" ދެވަނަ ފަހަރަށް ރިކްޒާ ބުންޏެވެ. ދެލޮލުން އޮހިގަތް ކަރުނަތަކާއެކު އޭނާއަށް އަންބަރަށް ފުރަގަސްދެވިއްޖެއެވެ. ހަޔާތުގައި ކުރެވުނު އެ މުޑުދާރު އަމަލުގެ ވާހަކަތައް ދައްކަން ޖެހުމުން އޭނާއަށް ވަރަށް އަސަރުކޮށްފިއެވެ. ޖެހި ހިލައިގެ ބުދެއްހެން އަންބަރް ހުއްޓެވެ. އަމިއްލަ ނަފުސުދެކެ އޭނާއަށް ރުޅިއާދެވުނެވެ. ވާރިޝްގެ މަކަރުވެރިކަމުގެ ދަޅައިގައި އޭނާއަށް ޖެހެވުނީތީއެވެ.

"އެއީ ނުބައި ނުލަފާ އިންސާނެއް އިބާ. އިބާގެ އަތުގައި ތިއޮތް އުޅާގަނޑު ދޭށޭ ބުނި ދުވަހުވެސް އަހަރެން ބުނީމެއްނު އޭނާ އެއީ ރަނގަޅު މީހެއް ހެނެއް ހިއެއް ނުވެއޭ. އިބާ ގަބޫލުނުކުރީނު" ރިކްޒާ ވާހަކަދެއްކިއެވެ.

"ތިދެމީހުން ކޮންއިރަކު ކުރި ކަމެއް ތީ" މިހުރިހާއިރު ހިމޭނުން ހުރި އަންބަރް އެހިއެވެ.

"އަހަރެންގެ އެންމެ ގާތް އެކުވެރިޔާއަށް އަހަރެންނަށް ދެވުނު ދެރައެއް ކަމަކަށް މިހާރު ގަބޫލެއްނުކުރެވޭ. އެއީ އިބާއަށް ހައްގު އިންސާނެއް ނޫން" ރިކްޒާ ބުންޏެވެ.

"އަހަރެން މިއެހީ ކޮންއިރަކު ކުރި ކަމެއްހޭ؟" އަންބަރް ދެވަނަ ފަހަރަށް އެހިއެވެ. "ރިކް އަހަރެން އެނގެން ބޭނުން. ބުނޭ. އަހަރެންނާ ވާރިޝްއާ ރައްޓެހިވެގެން އުޅެނިކޮށްތަ؟ ނޫނީ މާކުރިން ތިދެމީހުން ކުރިންވެސް ގުޅުން އޮވޭތަ؟

"ނޫން ނޫން އިބާ....." ރިކްޒާ އަންބަރްގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ. "އެއީ މާޒީގެ ތެރެއިން ދުވަހެއް. އޭނާ އަހަރެންނަށް ގުޅަނީ އިބާގެ ކަމެއްގަ ވާހަކަދައްކާލަން ވެގެން. ބުނީ އިބާ ކުރާ ކަންތަކުން އޭނާގެ ބޯގޮވަނީ އޯ. އިބާ މަތިން މިސްވަނީ އޯ. އިބާ ކައިރީގައި މިހާރު ޖޫދުބެ އާ ކައިވެނިކުރަން ނުބުނެވުނު ނަމައޭ ހިތަށް އަރަނިއޭ. ތިމަންނަގެ އެއްވެސް މީހަކު މިތާކު ނެތޯ. އާދެބަލާށޯ ވާހަކަދައްކާލަން" ރިކްޒާ ވާހަކަދައްކަމުން ދިޔައެވެ.

"އަހަރެން ދިޔައީ އިބާއަށްޓަކައި. ހިތަށް އެރީ ކޮންމެސް ގޮތަކުން ތިދެމީހުން ދިމާކުރުވާނީއޭ. މޮޅު ރޭވުމެއް ހިތުގައި ރާވައިގެން ދިޔައީ. ދިޔުމުގެ ކުރިން އިބާއަށް ގުޅިން. އެކަމަކު ފޯނެއް ނުނަގާ" ރިކްޒާ ކިޔައިދެމުން ދިޔައެވެ. ފަހަތަށް ފަހަތަށް ޖެހެމުން ގޮސް އަންބަރަށް އެނދުގައި އިށީނދެވިއްޖެއެވެ.

"އަހަރެން އެކޮޓަރިއަށް ވަނުމާއެކު އޭނާ އަހަރެން ހިފެހެއްޓީ ކިހިނެއް. ބިރުވެސްގަތް. އަހަރެންނަށް އޭނާ އިންޒާރުދިނީ. ބުނީ އޭނާ ކުރާ ކަންތަކަށް ރުހުން ނުދީފިއްޔާ ވީޑިއޯ ކުރާނަމޭ. އިބާގެވެސް ބައިވަރު ވީޑިއޯތައް އެބަހުއްޓޭ. އެޑިޓްކޮށްފައި އަހަރެމެން ދެމީހުން ކަމެކޭ ކިޔާފައި ލީކު ކޮށްލާނީޔޯ. އެންމެފަހުން އަހަރެންނަށް މަޖުބޫރުވީ. އެކަމުގައި މުޅިއަކުން އަހަރެންގެ ރުހުން ނެތޭ ބުނިއްޔާ އެވާނީ ދޮގަކަށް. މިހާ ތަފުސީލުކޮށް އަހަރެން އަދި އެއްވެސް މީހަކަށް މިވާހަކަތަކެއް ކިޔައެއް ނުދެން" ރިކްޒާ ވާހަކަދެއްކިއެވެ. އޭނާ އަންބަރަށް އެނބުރި ބަލައިލިއިރު ގަބުވެފައި އިންނަ މީހަކު ފަދައިން އެނދުގައި އަންބަރް އިނެވެ. އޭނާ މަޑުމަޑުން ގޮސް އަންބަރް ކައިރީގައި އިށީނދެއްޖެއެވެ.

"އިބާ. އަމް ސޮރީ. އެވާހަކަތައް ދައްކައިގެން އަހަރެން އިބާއަށް ހާޓްކުރާކަށް ބޭނުމެއްނޫން"

"ނޯ. އަހަރެންނަށް ހާޓެއްނުވޭ. ރިކް ތިވާހަކަތައް ކިޔައިދިނުމުގެ މާކުރިން އަހަރެންނަށް އޭނާގެ ފެންވަރު އެނގިއްޖެ. އެދުވަހު ވަރަށް ދެރަވި. ބޯގޮވައިގެން ކުރެވޭ ނުކުރެވޭ ކަމެއް ނޭނގި ހުރެ މޫދަށް އެރިގަނެވުނީ. އެކަމަކު މިއަދު ދެރައެއްނުވޭ. ބިކޯޒް އޭނައަށް ވުރެ މިއަދު ފިރިމީހާ މުހިންމު ވީމަ. މާކުރިން ރިކް އާއި އޭނައާ ގުޅުމެއް އޮތްކަން އެނގުނުނަމަ ފަހަރެއްގައި އެކަން ހަޖަމުކުރަން ދަތިވީސް" އަންބަރް ވާހަކަދެއްކިއެވެ. ކަރުނަތަކާއެކު ރިކްޒާއަށް އަންބަރަށް ބަލައިލެވިއްޖެއެވެ. އޭނާއަށް ގަބޫލުކުރަން ދަތިވިއެވެ. އެވާހަކަތައް ބޭރު އެވީ ހަމަ އަންބަރްގެ އަނގައިން ބާއޭ ހިތަށް އެރިއެވެ.

"އަހަރެމެން ދިވެހިންގެ އެންމެ ބޮޑު މައްސަލައަކީ ކޮބައިކަން އެނގޭތަ؟ އަބަދުވެސް ވިސްނޭނީ ކަމެއް ދިމާވީމަ. ފިޔަވަޅު އަޅާނީ ގެއްލުމެއް ލިބުނީމަ. އެކަހަލަ ގޮތެއް އަހަރެމެން ދެމީހުންނަށް ވެސް މިވީ. އަހަރެންވެސް ދެން އެ އުޅުން އުޅޭކަށް ބޭނުމެއްނޫން. ރިކްވެސް ދެން އެކަހަލަ އުޅުމެއް ނޭދޭނެކަން ޔަގީން. އަހަރެންނާއި ރިކްގެ ތަފާތަކީ ދިރިއުޅުމަށް އައި ބަދަލު ރިކްގެ މޫނަށް ބަލާލިޔަސް ފާޅުވޭ. މިބުނީ ހެދުން އެޅުމަށް އައި ބަދަލުގެ ވާހަކަ. އަހަރެންނަށް ވާގޮތެއް ހުދު އަހަރެންނަކަށްވެސް ނޭނގޭ" އަންބަރް ވާހަކަދެއްކިއެވެ.

"އިބާ ކީކޭ ތިކިޔަނީ؟ ކޮންމެ ކަމެއްވެސް ކާމިޔާބު ވާނީ މަސައްކަތްކުރީމަ. އަހަރެންނަށް ކަމެއް ކޮށްދެންޏާ އިބާ ޖޫދުބެ އާ އެކު ދިރިއުޅުން ކުރިއަށްގެންދޭ. ޖޫދުބެއަށް ހައްގު އަންބެއްގެ ލޯބި ދީ" ރިކްޒާ ވާހަކަދެއްކިއެވެ. އަންބަރްގެ ދެލޯ ކަރުނަތަކުން ފުރުނީ އެހިސާބުންނެވެ. ޖޫދުގެ ވަފާތެރިކަމާއި ކެތްތެރިކަމުގެ ސަބަބުން އޭނާގެ ހިތުން ޖޫދަށް މަގާމެއް ހުސްކުރެވިއްޖެއެވެ. އެކަން ފާޅުކުރާނެ ގޮތެއް އޭނާއަށް ނުވިސްނެއެވެ.

"އަހަރެންވެސް ބޭނުން. ޖޫދު އަހަރެންނަށް ވަރަށް ހެޔޮ. އޭނަ އަހަރެންދެކެ ވަރަށް ލޯބިވޭ. އެކަން ކޮންމެ ދުވަހަކު އަހަރެންނަށް އިހުސާސްވޭ. އެކަމަކު އަހަރެން.... އަހަރެންނަކަށް ނޭނގޭ... ޖޫދު ވާހަކަދެއްކިޔަސް އަހަރެންނަށް ހެޔޮކޮށް ބަހެއްނުކިޔޭ. ކީއްވެތަ އެހެން އެވަނީ؟ ރިކް ބުނެބަލަ އަހަރެން މިހުރިހާ ކަމެއް ރަނގަޅުކުރަން ކިހިނެއް ހަދަންވީ؟"

"އަހަރެންނަށް ލިބުނު އިބްރަތުން ވަރަށް ގިނަ ކަންކަން ބަދަލުކުރިން. އަހަރެން މިއަދު އިބާއަށް ކިޔައިދޭނަން"

ރޭގަނޑުގެ ކެއުން ކުރިއަށް ދިޔަ ވަގުތު އަންބަރަށް އިރުކޮޅަކާ ޖޫދުގެ މޫނަށް ބަލައިލެވެއެވެ. އެކަން ޖޫދަށް ފާހަގަވެސް ވެއްޖެއެވެ. އަންބަރް ކަމެއް ބޭނުންވީ ކަމަށް ހީކުރެވުނެވެ. އަހާލަން އުޅެފައިވެސް އަންބަރްގެ ފުށުން ރުންކުރު ޖަވާބެއް ލިބިދާނެތީ އެ ހިޔާލު ދޫކޮށްލިއެވެ.

އަންބަރް ކޮޓަރިއަށް ވަންއިރު ޖޫދު ސޯފާގައި ފޯނު ހިފައިގެން އޮތެވެ. ވިސްނުމެއްގައި ހުރެފައި އަންބަރް ގޮސް އިށީނީ އެނދުގައެވެ. ރިކްޒާ ދެއްކި ވާހަކަތައް އޭނާ ހަނދާންވިއެވެ. ގުޅުން ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަން ކިޔައިދިނެވެ. ކިޔާލާށޭ ކިޔާފައި ދިން ފޮތް ބާލީސް ދަށުން އޭނާ ނެގިއެވެ. ދެފައި އެނދަށް ނެގި ގޮތަށް ދަމާލައިފިއެވެ. ހެޑް ބޯޑުގައި ލެގިލާފައި އެ ފޮތް ހުޅުވާލިއެވެ. ބޭރުގަނޑުގައި "ފިރިމީހާ" ޖަހާފައި އޮތް އެފޮތަކީ ފިރިންނަށް ހާއްސަކޮށްފައި އޮތް ފޮތެއްކަން އޭނާއަށް އެނގުނެވެ. ސަތޭކަ ސަފުހާވެސް ހަމަނުވާ އެ ފޮތް އޭނާ ހުޅުވާލިއެވެ. އެންމެ ފުރަތަމަވެސް އޭނާގެ ލޮލުގައި އަޅައިގަތީ ބޮޑު އަކުރުން އަޅާފައި އޮތް ސުރުޙީއެއްގައެވެ. "އަނބިމީހާ ފިރިމީހާއަށް އަދާކުރަންޖެހޭ ހަތް ހައްގު" އެ ތަންކޮޅު ތަކުރާރުކޮށް އޭނާއަށް ކިޔައިލެވުނެވެ. އެވަގުތު އޭނާއަށް ޖޫދަށް ކަޅިއެއް އެއްލުނެވެ.

"އަނބިމީހާ ބެލެހެއްޓުން ހަވާލުކުރައްވާފައިވަނީ ފިރިމީހާއާއެވެ. ފިރިމީހާއަށް އަނބިމީހާ ރަނގަޅު ގޮތުގައި ބެލެހެއްޓޭނީ އަނބިމީހާ ފުރިހަމައަށް ފިރިމީހާއަށް ކިޔަމަންވެގެންނެވެ.

(الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ الله بَعْضَهُمْ عَلَىٰ بَعْضٍ وَبِمَا أَنفَقُوا مِنْ أَمْوَالِهِمْ)

މާނައަކީ ފިރިހެނުންނަކީ އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި ގައިމުވެގެންތިބޭ ބައެކެވެ. އެއީ އެއުރެން އެއްބައެއްގެ މައްޗަށް އަނެއްބަޔަކު ﷲ މާތްކުރައްވައި، އިތުރުކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި އެއުރެންގެ މުދަލުން ހޭދަކުރައްވާފައިވާ ކަމަށްޓަކައެވެ.

ފުރަތަމަ ހައްގު އެނގުމާއެކު އަންބަރްގެ ދެލޯ ފެންކަޅިވިއެވެ. އެ ފޮތް އޭނާއަށް ކިޔައި ނިންމާލެވޭނެބާއޭ ހިތަށް އެރިއެވެ. ކެތްކުރަމުން ދެވަނަ ހައްގަށް އޭނާ ނަޒަރު ހިންގައިލިއެވެ.

އެއްދާންކުރުމުގެ މުހިންމު ކަމަކީ ދެމަފިރިއެއްގެ ގުޅުން ކުރިއަށް ގެންދިޔުމަށް އެންމެ މުހިންމު އެއްކަމެވެ. ފިރިމީހާ އެއްދާންކުރުމަށް އެދިއްޖެ ކޮންމެ ހިނދެއްގައި އެކަމަށް އިޖާބަދިނުމަކީ އަނބިމީހާގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އެއްދާން ކުރުމަށް އުޒުރުވެރިވާފަދަ ޝަރުއީ އުޒުރެއް އޮވެގެން ނޫނީ އެކަން ނުކޮށް ހުރުން ހުއްދަވެގެން ނުވެއެވެ. އެފަދަ ޝަރުއީ އުޒުރުތަކަކީ ޙައިޟުވުން، ފަރުޟު ރޯދައަކަށް ހުރުން އަދި ބަލިވުމެވެ. ރަސޫލާ ﷺ ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ފިރިމީހާ އޭނާގެ އަނބިމީހާއަށް އެއްދާންކުރުމަށް ގޮވާލާހިނދު، އެކަމަށް އޭނާ ފުރަގަސްދިނުމުގެ ސަބަބުން ނުވަތަ އެކަމުން މަނާވެގަތުމުގެ ސަބަބުން ފިރިމީހާ ރުޅިއައިސް ހުރެ ނިދައިފިނަމަ އަނެއް ދުވަހުގެ ހެނދުނު ވަންދެން މަލާއިކަތުން އޭނާއަށް ލައުނަތްދޭނެތެވެ.

އަންބަރަށް ފޮތް ލައްޕާލެވިއްޖެއެވެ. އިތުރަށް ކުރިއަށް ގެންދަން ދަތިވިއެވެ. އަމިއްލަ ނަފުސު ކުށްވެރިކުރުން ނޫން ކަމެއް ނުކުރެވެއެވެ. އޭނާ ފިރިމީހާއަށް އެއިން އެއްވެސް ހައްގެއް އަދާކޮށްދީފައެއް ނެތެވެ. ބަދަލުގައި އޭނާ ފިރިމީހާއަށް ހަޖޫ ޖެހިއެވެ. ބާރަށް ބަސް ބުންޏެވެ. ލޯތްބެއް އޯގާތެރިކަމެއް ނުދެވުނެވެ. ބޮލަށް ވެއްޓުނު އަހުލާގު ދަށް އަނބިމީހާގެ ތާކިހާ ނަގައި އެއްލައިނުލެވުނެވެ.

ކޮޓަރީގެ ޓަކި ޖަހާލި އަޑަށް އެދިމާލަށް އަންބަރާ ޖޫދާއެކު ބަލައިލެވިއްޖެއެވެ. ފޮތް ލައްޕާލާފައި އަންބަރް ދޮރާ ދިމާލަށް ދިޔައެވެ. ހުޅުވުނު ދޮރުގެ ބޭރުގައި ހުރި އަލިޝްބާ ފެނުމުން އަންބަރް ހީލައިފިއެވެ. އަލިޝްބާ އާ ވާހަކަތަކެއް ދެއްކުމަށްފަހު ދޮރުލައްޕާފައި އެތެރެއަށް ވަދެއްޖެއެވެ. އަލަމާރި ހުޅުވާލާފައި ބޭރަށް ނުކުމެވޭ ކަހަލަ ހެދުމެއް ހިފައިގެން ފާހާނާއަށް ވަނެވެ. ތައްޔާރުވެގެން ކޮޓަރިން ނުކުތްއިރު ޖޫދު ކައިރީގައި ބުނެލަން ހަނދާނުގައި ނެތެވެ. އަންބަރްގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އޮތް ޖޫދަށް ރޮވިއްޖެއެވެ. އަންބަރްގެ ކުރިމަތީގައި އޭނާ މުހިންމު މީހަކަށް ވާނީ ކޮންއިރަކުންބާއޭ ހިތަށް އެރިއެވެ.

"އެހިންތަ ޖޫދު ކައިރީގަ" ބޭރަށް ނުކުމެފައި އަލިޝްބާ އެހިއެވެ. ވަގުތުން އަންބަރް ހުއްޓިއްޖެއެވެ. ޖޫދު ކައިރީގައި ބުނަން ހަނދާން ނެތުނީއެވެ. ކުށް މައްޗަށް ކުށެވެ. ޒަވާޖީ ހަޔާތަކީ މުހިންމު އެއްޗެއްގެ ގޮތުގައި ނުދެކެވެއެވެ.

"ކިހިނެއްވީ؟ ނާހަން ދޯ" އަލިޝްބާ ދެފަރާތަށް ބޯހޫރާލިއެވެ. "އަދިވެސް ތިކަންކަން ރަނގަޅުކުރަން ނުވޭތަ؟ އުމުރު ދުވަހު ތިގޮތަށް އުޅެންތަ ބޭނުމީ. ފިރިމީހާއަކީ ހާދަހާ މާތް އިންސާނެކޭ" އަލިޝްބާ ބުންޏެވެ. އަންބަރްގެ މޫނުމަތި މޮޅިވިއެވެ. އަލިޝްބާގެ ވާހަކަތަކާމެދު ވިސްނާލެވުނެވެ.

"ހަނދާންނެތުނީ" އަންބަރް ބުންޏެވެ.

"ދެންވެސް ގުޅާފައި ބުނޭ ދޮންތައާއެކު ބޭސްފިހާރައަށް ދަނިއޭ" އަލިޝްބާ ބުންޏެވެ.

"ފޯނެއްވެސް ނުގެނެވޭ" އަންބަރް ބުންޏެވެ. ހަގީގަތުގައިވެސް އޭނާ އަތުގައި ފޯނެއް ނެތެވެ. ވާރިޝްގެ އުނދަގުލާ ހެދި ފޯނު ނިވާލައިގެން އުޅޭތާ ހަފުތާއެއް ވެއްޖެއެވެ.

"އަން. ދޮންތަގެ ނަންބަރުން ގުޅާބަލަ" ފޯނު ދިއްކޮށްލަމުން އަލިޝްބާ ބުންޏެވެ. ކޮއްކޮއަށް ކުރެވުނު ކުށް ރަނގަޅުކުރަން އޭނާ ހުރީ އިންތިހާއަށް ބޭނުންވެފައެވެ.

"ނަންބަރެއް ނޭނގޭ" އަންބަރް ބުންޏެވެ. އަލިޝްބާ އަންބަރަށް ބަލައިލިއެވެ. އަންބަރްގެ މޫނުމަތިން މޮޅިވެރިކަމެއް ފެނުނެވެ. އޭނާއަށް ދެފަރާތަށް ބޯހޫރާލެވިއްޖެއެވެ.

"ސާބަސް އިބާއަށް. އަދި ތިއުޅޭގޮތެއް ރަނގަޅެއްނޫން އިނގޭ. ޖޫދުގެ ކޮންކަމެއް އިބާއަށް އެނގެނީ. ތިއީ އަންބެއްތަ؟ ދޮންތަ ހަމަ ހައިރާންވެއްޖެ. ފިރިމީހާގެ ފޯނު ނަންބަރު އިބާއަށް ނޭނގޭ" އަލިޝްބާ ވާހަކަދެއްކިއެވެ. އަންބަރް ބަހެއްވެސް ނުކިޔާ ހިމޭނުން ހުއްޓެވެ. ދިފާއުގައި އޭނާ ބުނާނީވެސް ވަކި ކީކޭ ހެއްޔެވެ؟ އޭނާ ދޮގެއް ނުބުނެއެވެ. ތެދަށް ބުނީތީވެސް އެކަމުގައި ކުށްވެރިވީ އޭނައެވެ.

"ފިރިމީހާއަކީ ކިހާ ވަރެއްގެ މީހެއްކަން އެނގޭތަ؟ ދެން މިހާރު ވިސްނެންވެއްޖެއްނު. ކައިވެނި ކުރިފަހުން އަހަރުވަނީ ވިއްޔާ" އަލިޝްބާ ބުންޏެވެ. "ފިރިމީހާގެ ހުއްދަނެތި ގެއިން ބޭރަށް ނުދިޔުމާއި ފިރިމީހާގެ ހުއްދަނެތި ނުދަންނަ މީހުން ގޭތެރެއަށް ނުވެއްދުމާއި ފިރިމީހާއަށް އަދަބުވެރިވުމާއި ފިރިމީހާއަށް ހިދުމަތްކޮށްދިނުމާއި ފިރިމީހާއާއެކު ރިވެތި ގޮތުގައި ދިރިއުޅުމަކީ ފިރިމީހާގެ މައްޗަށް އަނބިމީހާ އަދާކުރަންޖެހޭ ހައްގުތައް. މިއިން އެންމެ ހައްގަކުންވެސް އަނބިމީހާ ފެއިލުވެއްޖެނަމަ ފާފަވެރިވާނެ. މިކަންކަމަކީ އަނބިމީހާގެ ސިކުނޑީގައި އަބަދުވެސް ހަރުލައްވާފައި ބަހައްޓަންޖެހޭ ކަންކަން" އަލިޝްބާ ކިޔަމުން ދިޔައެވެ. އަންބަރްގެ ހަނދާނަށް އައީ ރިކްޒާ ދިން ފޮތް މަތިންނެވެ. އެފޮތުގައި ބާކީ ހުރި ބައިތައް އަލިޝްބާ ކިޔައިދީފިއެވެ.

"އަޅުގަނޑު ރަނގަޅުވާން މަސައްކަތް ކުރަމޭ" އަންބަރް ބުންޏެވެ.

"ނުވެވުނެއްނު. މިދައްކަނީ ކުދިކުދި ކަންތައްތަކުގެ ވާހަކައޭ. ކަމެއް ބަދަލުކުރާކަށް އަހަރު ދެއަހަރު ނަގާކަށް ނުޖެހެއޭ. ދޮންތަ ދެރަވޭ ޖޫދާ މެދު ވިސްނާލާފަ. އެއީ ނުލަފާ މީހެއްނަމަ އިބާ ވަރިކޮށްފައި ގެއިން ބޭރުކުރާނެތާ ކޮން ދުވަހެއް. އިބާއަށް އަޅެ ވިސްނޭނީ ކޮން ދުވަހަކުން؟ ދޮންތައަކަށް ހިއެއްނުވޭ އިބާ ދިރިއުޅުމާ މެދު ސީރިޔަސްކޮށް ވިސްނާހެނެއް. ބޭނުންނުވަންޏާ ވަރިވާންވީނުން. ތިގޮތަށް ހުރެ ފާފަ މައްޗަށް ފާފަކުރުމުގެ ބަދަލުގައި މާ ރަނގަޅުވާނެ ވަރިވެގެން ތިމާ ހިތްއެދޭ ދިރިއުޅުން ހޯދަން ދުރުގައި ހުރިއްޔާ. ތިނޫނަސް އޭނަގެ އަންބަކަށް ވާން އެދޭނެ އަންހެންކުއްޖަކު ހުރެދާނެ. ކުރިން ވައިކޮޅެއް ޖެހިލާއިރަށް ބުރައިގެންދާނޭ މީހުން ބުންޏަސް މިހާރު އެހެނެއް ނުބުނެވޭނެ" އަލިޝްބާ ވާހަކަދައްކަމުން ދިޔައެވެ. އޭނާގެ އަޑުގައި ހަރުކަށިކަމެއް ހުއްޓަސް އަޑު ބާރެއް ނޫނެވެ.

"ހެޔޮނުވާނެ ދޮންތާ. ހުއްޓާލާ. ހުއްޓާލާ ތިވާހަކަތައް" ހުރި ފިޔަވަޅު މަތީގައި އަންބަރް ހުއްޓުނެވެ. އަންބަރްގެ ދެލޯ ކަރުނުން ފުރިއްޖެއެވެ. ދެކޯތާފަތް ހުރަސްކޮށް ކަރުނަތައް އޮހިގަނެއްޖެއެވެ. ހިފަހައްޓައިގެން ހުއްޓަސް އެކަމެއް ނުވިއެވެ.

"އެއްޗެއް ބުނާއިރަށް ކޮންމެ ފަހަރަކު ބުނާނެ ހުއްޓާލާށޭ. ދޮންތަ މިދެއްކީ ދޮގު ވާހަކައެއްތަ؟ އިބާގެ ފިޔަވަޅު ސީދާކުރަން ދެން މަސައްކަތްކުރަން ތިބީ ވަކި ކޮންބައެއް؟" އަލިޝްބާ ބުންޏެވެ. "މިހާރު މަގު މެދުގަ ތިހުއްޓުނީ ކީއްކުރަން"

"ވަރަށް ބޮޑަށް ބޮލުގައި ރިއްސަން ފަށައިފި. ގެއަށް ދާން ބޭނުމީ" އަންބަރް ބުންޏެވެ. އަލިޝްބާއަށް ކިޔާނެ ބަހެއްވެސް ނޭނގުނެވެ. އަންބަރްގެ އަތުގައި ހިފައިގެން އެއްފަރާތަކަށް ޖެހުނެވެ.

"މީހަކު ރަނގަޅު އެއްޗެއް ކިޔަންޏާ އިބާގެ ނުރިއްސާނެ ތަނެއް ނޯންނާނެ. ދޮންތަ މިދެއްކި ވާހަކަތަކާމެދު އިބާ އުފަލެއްނުވޭތަ. ޖޫދު ކަހަލަ އިބާ ނަފުރަތުކުރާ މީހެއްގެ ދިރިއުޅުމުން ދުރަށްދާށޭ މިބުނަނީ" އަލިޝްބާ ބުންޏެވެ.

"ދެން ހެޔޮ. ނުދާނަން ދުރަކަށް. ޖޫދު ދުލެއް ނުކުރާނަން. އޭނަ އަޅުގަނޑުވެސް ދުލެއް ނުކުރާނެ. އަހަރެން ދިރިއުޅެން ބޭނުން. އުފާވެރި ހަޔާތެއް ބޭނުން. ދަރިންތަކެއްވެސް ބޭނުން. އެ އުފާވެރިކަން އަޅުގަނޑު ބޭނުމީ ޖޫދުގެ ފަރާތުން. ދޮންތައަށް އަޑުއިވިއްޖެތަ؟ ޖޫދު ކައިރިން ވަރިއެއްނުވާނަމޭ" އަންބަރަށް ކިޔޭ ނުކިޔޭއެއް ނޭނގުނެވެ. ރޮމުން ރޮމުން އޭނާއަށް ގެއާ ދިމާލަށް ދުއްވައިގަނެވިއްޖެއެވެ. އެމަންޒަރު ބަލަން ހުރި އަލިޝްބާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވެއްޖެއެވެ. ހިތާމަ އާއި ހިތްދަތި ވަގުތުގައި އިންސާނާގެ ދުލުން ބޭރުވެގެންދާނީ ހަގީގަތެވެ. އަންބަރްގެ ދިރިއުޅުމުން ބަދަލު ފެންނާނެކަން އޭނާއަށް ޔަގީންވެއްޖެއެވެ.

އެތައް އިރަކު އެނދުގައި ދެފަރާތަށް ފުރޮޅި ފުރޮޅި އޮތުމަށްފަހު އަންބަރަށް ނިދުނީ ވަރަށް ލަސްވި ފަހުންނެވެ. ދެބަ ނިދީގެ ތެރޭގައި އޮވެފައި އޭނާއަށް ދެލޯ ހުޅުވާލެވުނީ ކަންފަތުގައި އައިސް ޖެހުނު މީހެއްގެ ރުއިމުގެ އަޑަށެވެ. ކުޑަކޮށް ބޯހިއްލާލާފައި ބަލައިލިއރު މުސައްލަ މަތީގައި ޖޫދު އިނެވެ. އޭނާގެ ދެއަތް ވަނީ ވެރި ރައްބުގެ މަދަދަށް އެދި އުފުލާލެވިފައެވެ. ރޮނީ ޖޫދުކަން އެނގުމާއެކު އަންބަރްގެ މުޅި ގައިން ހީބިހި ނަގައިގަތެވެ. ދުވަހަކުވެސް ފިރިހެނަކު އެގޮތަށް ރޮނިކޮށް އޭނާއަށް ފެނިފައެއްވެސް އިވިފައެއްވެސް ނެތެވެ. ޖޫދަށް ބަލަހައްޓައިގެން އޮތްއިރި އޭނާގެ ދެލޮލުންވެސް ހުއްޓުމެއްނެތި ކަރުނަ އޮހެމުން ދިޔައެވެ. އަންބަރްގެ ހިތަށް ކެތްނުވީ އަނބިމީހާގެ އިސްލާހުކުރުމަށް އޭނާއަށް ހިތްވަރުދެއްވުމަށް އެދި ހެއްދެވިފަރާތުގެ މަދަދަށް ފިރިމީހާގެ ދުލުން އެދުނު އަޑު އިވިފައެވެ. އެވަގުތުކޮޅު އޭނާއަށް ކެތްނުވީއެވެ. އެނދުގައި އިށިންގޮތަށް އޭނާއަށް ގިސްލެވެން ފެށުނެވެ. ޖޫދުގެ ހަރަކާތްތައް އަވަސްކޮށްލިއެވެ. ވީގޮތެއް ނޭނގި އަންބަރް ރޯކަން އެނގުމުން އޭނާ ނަމާދު ކުރުކޮށްލިއެވެ. މުސައްލަވެސް ނުނަގާ އޭނާ އަންބަރާ ދިމާލަށް ދިޔައެވެ. ކޮޓަރީގެ ލައިޓް ޖައްސާފައި އޭނާ ތިރީގައި އިށީނެވެ. އިސްޖަހާލައިގެން ރޯން އިން އަންބަރަށް އޭނާ ބަލައިލިއެވެ.

"ކިހިނެއްވީ؟ އުނދަގުލެއް ވަނީތަ؟ ތަނަކަށް ތަދުވަނީތަ؟" ޖޫދު އެހިއެވެ. އަންބަރަށް ޖަވާބެއް ނުދެވުނެވެ. ރުއިން ހުއްޓައެއްވެސް ނުލެވުނެވެ. ޖޫދުގެ ހިތުގައި ރިއްސާލިއެވެ.

"އަހަރެންނަށް އެހީއެއް ވެދެވޭނީވެސް ސަބަބު އެނގުނީމަ" ޖޫދު ބުންޏެވެ. ކިތަންމެ ހިތް އެދުނަސް އަންބަރްގެ އަތުގައި ފިރުމާލާކަށް އޭނާއަށް ނުކެރުނެވެ.

"އަހަރެންނަށް ކުށެއް ކުރެވުނިއްޔާ އެކަމަށް މައާފަށްއެދެން" ޖޫދު ބުންޏެވެ. އަންބަރް އެހާ ވަރަށް ރޯތަން ފެނި އޭނާގެ އަޑުވެސް ބެދިއްޖެއެވެ. ހިމޭންކަމާއެކު ވަގުތުކޮޅެއް ފާއިތުވެގެން ދިޔައެވެ. އަންބަރްގެ ރުއިމުގެ އަޑު ނޫން އެހެން އަޑެއް ކޮޓަރިން ނުއިވެއެވެ.

"އަހަރެމެން ދެމީހުންގެ ގުޅުން ނަމެއްގައި ބޭއްވުމުގެ އެއްވެސް ބޭނުމެއްނެތް. ކޮންމެ މީހަކަށްވެސް ހިތްހަމަޖެހިގެން ދިރިއުޅުމުގެ ހައްގު އޮންނާނެ. ﷲ އިރާދަކުރެއްވިއްޔާ މާދަމާ މިގުޅުން ރޫލާލުމުގެ މަސައްކަތް އަހަރެން ފަށާނަން. ދެ އާއިލާ އާ ވެސް އަހަރެން ވާހަކަދައްކާނަން. ކަމަނާއަށް ކަމަނާ ބޭނުންވާ ދިރިއުޅުން ހޯދައިދޭނަން" ޖޫދު ބުންޏެވެ. އޭނާއަށް ނޭނގުނީ އޭނާ ދުލުން ބޭރުވަމުންދާ ކޮންމެ ޖުމްލައަކާއެކު އަންބަރްގެ ހިތް ކަތިލެވެމުންދާ ކަމެވެ.

"އަހަރެން ކަމަނާ.... ކަމަނާ ވަރި"

އެހާ ހިސާބަށް ބުނެވުނުތަނާ ޖޫދަށް ކުއްލި ސިހުމެއް ލިބުނީ އޭނާގެ އަނގަ މަތީގައި އަންބަރް އަތް އެޅުމުންނެވެ. އިސްއުފުލާ އަންބަރަށް ބަލައިލިއިރު ކަރުނަތަކާއެކު ބޮޑު ދެލޮލުން އޭނާއަށް ބަލަން ހުރެ ދެފަރާތަށް ބޯހޫރަމުން ދިޔައެވެ.

(ނުނިމޭ)