ވ. އަތޮޅު ޑައިވިން ޕޮއިންޓެއްގައި މިޔަރަށް ކާންދޭން އުޅުނު ފަތުރުވެރިޔަކަށް ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.
ރާއްޖޭގައި ޑައިވިން ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ރޮބެލް ބޭކާ އެމްވީ އިން މިދިޔަ ބުރާސްފަތި ދުވަހު ކޮށްފައިވާ ޓުވީޓެއްގައި ބުނީ، ވ. އަތޮޅުގެ ރިސޯޓެއް ކައިރީ އޮންނަ ޑައިވިން ޕޮއިންޓެއް ކައިރީގައި މިޔަރަށް ކާންދޭން އުޅުމުގެ ތެރޭގައި ފަތުރުވެރިޔަކަށް މިޔަރެއް ހަމަލާ ދީފައިވާ ކަމަށެވެ. މިޔަރުގެ ހަމަލާގައި އެ ފަތުރުވެރިޔާގެ ކަނާއަތުގެ ތިން އިނގިލި ވަނީ ވަރަށް ބޮޑަށް ޒަހަމްކޮށްލާފައި ކަމަށެވެ. މިހާރު އެ ފަތުރުވެރިޔާ މާލެ ގެނެސް އަންނަނީ ފަރުވާދެމުންނެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ހާއްސަކޮށް ރިސޯޓުތަކުން މިޔަރަށް ކާންދިނުމަކީ އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ. މިގޮތަށް ކާންދިނުމުގެ ސަބަބުން ކާންދޭ ގަޑިއަށް މިޔަރުތައް އެ ސަރަހައްދަށް ޖަމާވެއެވެ. ރިސޯޓުތަކާއި ބައެއް ގެސްޓްހައުސްތަކުން އާންމުކޮށްފައިވާ ވީޑިއޯ އާއި ފޮޓޯއަށް ބަލާއިރު މިގޮތަށް ކާންދޭ ސަރަހައްދުތަކަށް އެތައް ސަތޭކަ މިޔަރެއް ޖަމާވެއެވެ. ބައެއް ޑައިވިން ޓީމުތަކުން ވެސް މިޔަރު އުޅޭ ސަރަހައްދުތަކަށް ގޮސް އެއަށް ކާންދޭއިރު އެ ސަރަހައްދުތަކަށް ފައިބައި އުޅޭ މަންޒަރުވެސް ވީޑިއޯތަކުން ފެނެއެވެ.
ޓުއަރިޒަމް މިނިސްޓްރީން މިކަން މަނާކުރި ނަމަވެސް މިއީ އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ. މިއަހަރުގެ މާޗު މަހުގެތެރޭގައި ޓޫރިޒަމް މިނިސްޓްރީން ހުރިހާ ޓޫރިޒަމް ފެސިލިޓިތަކާއި، ސްޓޭކް ހޯލްޑަރުންނަށް ފޮނުވި، ރެކްރިއޭޝަނަލް ޑައިވިންއާ ގުޅޭ ގަވައިދުގައިވާ ގޮތުން ޓޫރިސްޓް ހިދުމަތްދޭ ތަންތަނާއި ޑައިވިން ފެސިލިޓީސްތަކާއި އެކްސްކާޝަންތައް ރާވާ ފަރާތްތަކުން މިޔަރަށް ކާންދިނުމަކީ މަނާ ކަމެއް ކަމެކެވެ. ރާއްޖޭގައި ހިންގާ ޓޫރިޒަމް ހަރަކާތްތަކަކީ ގާނޫނާއި ގަވައިދާ އެއްގޮތަށް ރާއްޖޭގެ ތިމާވެއްޓަށާއި ބަޔޯޑައިވާސިޓީ އަށް ގެއްލުން ނުވާނެ ގޮތަށް ކުރިއަށްގެންދާ ކަންކަމަށް ވާން ޖެހޭނެ ކަމަށްވެސް އެ ސާކިއުލާގައި ބުނެފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު